21 ފެބުރުއަރީ 2018 - 10:42
ސެވިލް، ސްޕެއިން (ފެބްރުއަރީ 21) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމުގެ ހުވަފެންތަށް ފެށޭނީ ކުއާޓަ ފައިނަލާ ހަމައިން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި މިރޭ ރަށުންބޭރުގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ބުނީ ޗެމްޕިއަންސް ލީގުގެ ތަށި ޔުނައިޓެޑަށް ލިބޭނެތޯ އުފެދިފައިވާ ސުވާލުތަކަށް އަދި ޖަވާބެއް ދެވެން ނެތް ކަމަށެވެ.
"އަހަރެން އާންމު ގޮތެއްގައި ޗެމްޕިއަންސް ލީގުގެ ތަށީގެ ވާހަކަ ދައްކަނީ ކުއާޓާ ފައިނަލާ ހަމައިން. ޕޯޓޯ އާއި އިންޓައާ އެކު އަހަރެން މި މުބާރާތް ކާމިޔާބުކުރިއިރު ތަށީގެ ވިސްނުން އައީ ވެސް ކުއާޓާއާ ހިސާބުން،" މޮރީނިއޯ ބުންޏެވެ.
ޖެނުއަރީ މަހު ޔުނައިޓެޑުން ޓީމު ވަރުގަދަ ކުރުމަށް ވަނީ އާސެނަލްގެ އަލެކްސިސް ސަންޗޭޒް ގެނެސްފަ އެވެ. މޮރީނިއޯ ބުނީ ސަންޗޭޒް އާސެނަލްގައި މަޑުނުކޮށް ޖެނުއަރީގައި ޔުނައިޓެޑަށް ބަދަލުވީ ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާތީ ކަމަށެވެ.
"އަލެކްސިސް (ސަންޗޭޒް) ޖެނުއަރީގައި ޔުނައިޓެޑާ ނުގުޅުނުނަމަ އޭނާ ސީޒަނަށް ފަހު އަންނާނީ ވެސް ޔުނައިޓެޑަށް. އޭނާ (ސަންޗޭޒް) ޖެނުއަރީގައި ޔުނައިޓެޑަށް ބަދަލުވީ ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާތީ،" މޮރީނިއޯ ބުންޏެވެ.
އެފްއޭ ކަޕްގައި ހަޑްސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަލިވުމުގެ ސަބަބުން ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ނުކުޅެ އެވެ. މޮރީނިއޯ ބުނީ ޕޮގްބާ މުޅިން ފިޓްނުވާނަމަ މި މެޗުގައި ބޭނުން ނުކުރާނެ ކަމަށެވެ.
ސެވިއްޔާގެ ކޯޗު ވިންޗެންޒޯ މޮންޓޭލާ ބުނީ މޮރީނިއޯ އަކީ ޔޫރަޕްގެ ތަޖުރިބާ ގިނަ ކޯޗެއް ކަމަށާއި މި މެޗުގައި އޭނާ ޓީމު ރާވަން ޖެހޭނީ ވަރަށް ވިސްނުންތެރި ކަމާ އެކު ކަމަށެވެ.
"އަހަރެން ވާނީ މޮރީނިއޯގެ ޓެކްޓިކްސްތަކާ ބެހޭ ވަރަށް ގިނަ ފޮތްތަކެއް މީގެ ކުރިން ކިޔާފައި. އަހަންނަށް ނޭނގޭ މޮރީނިއޯ ޗެމްޕިއަންސް ލީގުގައި ކިތަށް މެޗު ކޯޗުކޮށްދިން ކަމެއް. އެނގޭ ކަމަކީ މި ލެވެލްގައި އޭނާ ގެ ތަފާތެއް ހުންނާނެ. އަހަރެމެން ކޮންމެ ނިންމުމެއް ނިންމަން ޖެހޭނީ ވަރަށް ވިސްނައިގެން،" ކުރިން އޭސީ މިލާނަށް ކޯޗުކޮށްދިން މޮންޓޭލާ ބުންޏެވެ.
ޔުނައިޓެޑާއި ސެވިއްޔާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy