03 މާޗް 2018 - 09:04
މެންޗެސްޓާ (މާޗް 3) – ލީގު ދެ ވަނައިގައި ނިންމުމެކޭ ހަތަރު ވަނައިގައި ނިންމުމެކޭ މެދު ތަފާތެއް އޮތް ކަމަށް ނުދެކޭ ކަމަށާއި އެކަމަކު މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގައި މަގާމް ދަމަހައްޓާނެ ކަމަށް އުއްމީދުކުރާ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މުޅި ސީޒަން ކަހަލަ ގޮތަކަށް ޔުނައިޓެޑް އޮތީ ދެ ވަނައިގަ އެވެ. އެކަމަކު 59 ޕޮއިންޓް ހޯދާފައިވާ ޔުނައިޓެޑަށް، ތިން ވަނައިގައި 57 ޕޮއިންޓާ އެކު އޮތް ލިވަޕޫލް އަދި 55 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސްގެ ބިރު އެބައޮތެވެ.
"ފަރަގަކީ ވަރަށް ކުޑަ ފަރަގެއް. ދެ ވަނަ އާއި ފަސް ވަނައާ ދެމެދު ހަ ޕޮއިންޓުގެ ތަފާތެއް އޮތުމަކީ، ވަރަށް ވަރަށް ކުޑަ ފަރަގެއް. އެންމެންނަށް އެ އޮތީ ހުޅުވިފައި. އެކަމަކު އެ ހަތަރު ޓީމު ވެސް މިއޮތީ ޗެމްޕިއަންސް ލީގުގައި. އެހެންވީމާ އަހަރެމެންގެ ހުންނާނެ އެހެން ފޯކަސްތައް ވެސް އެހެން ޓާގެޓްތައް ވެސް،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ އޭނާ ގާތު ދެ ވަނަ ހޭ ނުވަތަ ހަތަރު ވަނަ ހޭ އަހައިފި ނަމަ، މާލީ ވިސްނުމަކުން ވިސްނާއިރު އެ ދެ މަގާމުން ވެސް ތަފާތެއް އަންނަ ކަމަށް ނުދެކޭ ކަމަށެވެ. އަދި ޝަރަފަށް ބެލިޔަސް ތަފާތެއް ނާންނަ ކަމާށާއި ސަބަބަކީ ހަތަރު ޓީމު ވެސް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބުން ކަމަށެވެ.
"އެކަމަކު އަމިއްލަ ވިސްނުމަކުން ވިސްނާއިރު ތިން ވަނަ އަށް ވުރެ ދެ ވަނަ ރަނގަޅު. އެހެންވީމާ އަހަރެމެން މަސައްކަތްކުރާނީ ދެވެން އޮތް އެންމެ މަތީ ހިސާބަކަށް ދާން،" މޮރީނިއޯ ބުންޏެވެ.
"ގަދަ ހަތަރެއް ހޯދުން ވަރަށް އުނދަގޫވާނެ. އެއީ އަހަރެމެންގެ އެންމެ ބޮޑު ޓާގެޓަކީ ވެސް. އެކަމަކު ދެ ވަނައިގައި ނިންމެން އޮއްވާ އަހަރެމެން ތިން ވަނައިގައި ނުނިންމާނަން."
ޕްރިމިއާ ލީގުގައި ޔުނައިޓެޑަށް ދެން އޮތީ ހޯމަ ދުވަހުގެރޭ ރާއްޖެ ގަޑިން މެންދަމު 1 ޖަހާއިރު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައިވެރިބެ
03 March 2018
މޮޅު ވާހަކަ ދައްކަން މޮޅު މީހެއް ... އެވެސް އުޅެންޖެހޭ ބައެއް ...
މުލަކޭ
03 March 2018
ގަދަ ހަތަރަކުން ބޭރުވާނެ ތޯއްޗެ..