ލަނޑު ޖެހުމަށް ފަހު ލެސްޓާގެ މާރޭޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
18 ޖުލައި 2016 - 10:14
ލަންޑަން (ޖުލައި 18) - ލެސްޓާ ސިޓީގެ އަލްޖީރިއާ މިޑްފީލްޑަރު ރިޔާދު މާރޭޒަށް ޗެލްސީ އާއި ބާސެލޯނާ އިން ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ލެސްޓާ އިން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ މާރޭޒް އަށެވެ. އުމުރުން 25 އަހަރުގެ މާރޭޒަަށް އާސެނަލާއި އިޓަލީގެ އިންޓަ އިން ވެސް ޝައުގުވެރިވެ އެވެ.
ޗެލްސީން ވަނީ ލެސްޓާގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އެ ޓީމަށް ގެނެސްފަ އެވެ. މާރޭޒަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ލެސްޓާގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނެފައިވާއިރު، ޗެލްސީން އޭނާ ހޯދަން 30 މިލިއަން ޕައުންޑުގެ ބިޑެއް ކުރަން ވަނީ ތައްޔާރުވެފަ އެވެ.
މާރޭޒް ލެސްޓާ އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު ފްރާންސްގެ ލެ ހާވްރޭ އިން 350،000 ޕައުންޑަށެވެ. މިދިޔަ ސީޒަނުގައި ލީގުގައި 37 މެޗުން މާރޭޒް ވަނީ 17 ލަނޑު ޖަހައިފަ އެވެ.
ބާސެލޯނާ އިން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ވަނީ ސެމިއުލް އުމްޓީޓީ އާއި ޑެނިސް ސުއަރޭޒް އަދި ލޫކަސް ޑީނޭ އެ ޓީމަށް ގެނެސްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާގެ ކޯޗު އެ ޓީމަށް ދެން ގެންނަން ބޭނުންވާ ކުޅުންތެރިއަކީ މާރޭޒް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy