ފޭވަރިޓަކީ ބާސެލޯނާ އެކަމަކު ޗެލްސީ ދުލެއް ނުދޭނެ

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ފޭވަރިޓަކީ ބާސެލޯނާ އެވެ. އެހެން ނަމަވެސް މި ވަގުތު ދެ ޓީމު އެގްރިގޭޓުން އެއްވަރުވެފައި އޮތުމުން ޗެލްސީން ވެސް ދުލެއް ނުދޭނެ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ.


ޗެލްސީ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެހެން ކަމުން މިރޭގެ މެޗުން މޮޅުވާ ކޮންމެ ޓީމަކަށް ވެސް ކުއާޓާ ފައިނަލުގެ ޖާގަ ލިބޭނެ އެވެ. ލަނޑެއް ނުޖެހި އެއްވަރުވެއްޖެނަމަ ރަށުންބޭރުގައި ޖެހި ގޯލާ އެކު ބާސެލޯނާ އަނެއް ބުރަށްދާނެ އެވެ. އެކަމަކު 1-1 އިން ނޫން ނަތީޖާ އަކުން އެއްވަރުވެއްޖެނަމަ ކުއާޓާގެ ފުރުސަތު ލިބޭނީ ޗެލްސީ އަށެވެ.

ޗެލްސީ ވަނީ 2012 ވަނަ އަހަރު ބާސެލޯނާ ދަނޑުގައި އެ ޓީމާ 2-2 އިން އެއްވަރުކޮށް އެ ޓީމު އަތުން ކުރިހޯދައިފަ އެވެ. އެ ފަހަރު މި މުބާރާތުގެ ސެމީ ފައިނަލުން ޗެލްސީން ބާސެލޯނާ ކަޓުވާލީ 3-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ މާޒީ އިން ލިބޭނެ އެއްޗެއް ނެތް ކަމަށާއި އޭނާ ހުރީ މި މެޗަށް ކެތްމަދުވެފައި ކަމަށެވެ.

"މި ކަހަަލަ މެޗެއް ކޭމްޕް ނައުގައި ކުޅެން އަހަރެން ވަރަށް ބޭނުން. ވަރަށް ގިނަ ކުޅުންތެރިން އެބަތިބި މި ދަނޑުގައި މި ކަހަލަ މެޗެއް ނުކުޅެ ވެސް. އަހަރެމެން ބޭނުމީ ވަރަށް ރަނގަޅު ކުޅުމެއް ދައްކަން. ފުރަތަމަ ލެގުގައި އަހަރެމެން ވަރަށް މޮޅަށް ކުޅުނު އެއް ކަމެއް ފިޔަވާ ހުރިހާ ކަމެއް ފުރިހަމަ. އަހަރެމެން ކުޅުނީ އަހަރެންގެ ނަޒަރުގައި ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމާ،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ މެޗުގެ ނަތީޖާއަށް ބަލާއިރު އެޑްވާންޓޭޖް އޮތީ ބާސެލޯނާ އަށް ކަމަށެވެ.

"މި މެޗު އަހަރެމެން ކުޅެން ޖެހޭނީ ވަރަށް ވިސްނައިގެން. ރަނގަޅު ވަގުތު އަންނާނެ އަހަރެމެންނަށް ވެސް ފުރުސަތު ލިބޭނެ. މި ކަހަލަ މެޗުތަކުގައި ގޯހެއް ނަހަދައި ޖެހޭނީ އެ ވަގުތުތަކުގެ ބޭނުން ހިފަން،" ކޮންޓޭ ބުންޏެވެ.

ބާސެލޯނާއާ ދެކޮޅަށް އެންމެ ފަހުން ޗެލްސީ ކުޅުނު ހަ މެޗުން ވެސް ބަލިވެފައިނުވެ އެވެ. ދެ މެޗުން ޗެލްސީ މޮޅުވިއިރު، އަނެއް ހަ މެޗު ނިމުނީ އެއްވަރުވެފަ އެވެ.

ޗެލްސީގެ މެޗެއްގެ ތެރެއިން ހަޒާޑް (ކ) އާއި ޖިރޫ: މި ދެ ކުޅުންތެރިން އެކުގައި މިރޭގެ މެޗުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ކޮންޓޭ ވަނީ ބުނެފައި. -- ފޮޓޯ: އޭއެފްޕީ

މިރޭގެ މެޗަށް ނުކުންނައިރު ބާސެލޯނާ އަށް އޮތް ކަންބޮޑުވުމަކީ އެ ޓީމުގެ ކެޕްޓަން އަންދްރެސް އިނިއެސްޓާގެ ފިޓްނަސް އެވެ. ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ އިނިއެސްޓާގެ ބޭނުން ހިފަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށެވެ.

"މި ކަހަަލަ މެޗުތަކުގައި ކުޅުންތެރިން ރިސްކު ކުރަން ޖެހިއްޖިއްޔާ އެކަން ވެސް ކުރާނަން. އިނިއެސްޓާގެ ބޭނުން ޖެހިއްޖެނަމަ އެކަން ކުރަން ވިސްނައިގެން މިތިބީ،" ވަލްވޭޑޭ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު 39 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ ހަތަރު މެޗުންނެވެ. އިނގިރޭސި ޓީމަކަށް ބާސެލޯނާ ދަނޑުގައި އެ ޓީމު އަތުން ކުރި ހޯދިފައިވަނީ ލިވަޕޫލަށް އެކަންޏެވެ. އެއީ 2007 ވަނަ އަހަރު އެވެ.

"އެޑްވާންޓޭޖް އޮތީ އަހަރެމެންނަށް އެކަމަކު އެއީ މި ކަހަލަ މުބާރާތެއްގައި ވިސްނަން ޖެހޭ ގޮތެއް ނޫން. ގިނަ ފަހަރު އެ ވިސްނުން ދޫކޮށްލުން އެންމެ ރަނގަޅީ. އެކަމަކު އަމިއްލަ ދަނޑުގައި އަހަރެމެންނަށް ނަތީޖާ ނެރެވޭނެ،" ވަލްވޭޑޭ ބުންޏެވެ.

ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ތިން ވަނަ ދަރިއަކު ލިބުމުން ލިއޮނަލް މެސީ ވަނީ އާއިލާ އަށް ވަގުތުދޭން ޓީމާ ވަކިވެފަ އެވެ. މިރޭގެ މެޗަށް މެސީ ވަނީ ޓީމާ ގުޅިފަ އެވެ. މެސީ ވަނީ އެންމެ ފަހުން ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖަހައިފަ އެވެ.

މި ސީޒަނުގައި ބާސެލޯނާ އަށް ޗެމްޕިއަންސް ލީގުގައި ދިމާވެފައިވާ އެއް މައްސަލަ އަކީ އެ ޓީމުގެ ފޯވާޑް ލުއިސް ސުއަރޭޒަށް ލަނޑެއް ޖެހިފައިނުވުމެވެ.

މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުން މިރޭގެ ނަތީޖާ ނުކުންނަ ގޮތަކުން ޗެލްސީގެ ކޯޗުކަމުން ކޮންޓޭ ވަކިކުރުމުގެ ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް އެ ޓީމާ ހަވާލުވާނެ ކަމަށް ބެލެވިފައިވާ ބާސެލޯނާގެ ކުރީ ކޯޗު ލުއިސް އެންރީކޭ ބޭނުންވަނީ މި ސީޒަން ނިމުމުން އެ ޓީމާ ހަވާލުވާށެވެ.

ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ޖިއަންފްރަންކޯ ޒޯލާ އާއި ޗެލްސީގެ ކުރީގެ ކޯޗު ރޫޑް ގުލިޓް ދެކޭގޮތުގައި މިރޭ ރަނގަޅު ރޭވުމަކާ އެކު ކޮންޓޭ ނުކުމެފިނަމަ ބާސެލޯނާ ކަޓުވާލެވިދާނެ އެވެ. އެހެން ނަމަވެސް ޗެލްސީ އަށް ކުރިން ކުޅުނު ފްރާންސްގެ ޑިފެންޑަރު ވިލިއަމް ގަލަސް ދެކޭގޮތުގައި ޗެލްސީގައި ބާސެލޯނާ ފަދަ ޓީމެއް ފަހަތަށް ޖައްސާލަން ބޭނުންވާ ވަރުގެ ލީޑަރުން ނެތެވެ.

ސްޕެއިނުގެ ފުޓްބޯޅަ ތަޖުރިބާކާރު ގުއިލެމް ބަލަގޫ ބުނީ ބާސެލޯނާ ހުއްޓުވަން ޗެލްސީ އަށް އުނދަގޫވާނެ ކަމަށާއި މި ވަގުތު މެސީ ހުރި ފޯމުގައި އޭނާގެ ލަނޑެއް ފެނުން ގާތް ކަމަށެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.

ކިޔުންތެރިންގެ ނަޒަރުގައި މި މެޗުން ކުރި ލިބޭނީ ކޮން ޓީމަކަށް ހެއްޔެވެ؟