ރޮނާލްޑޯ (ކ) އަށް ކިއޭވޯގެ ކުޅުންތެރިއަކު ހުރަސް އަޅަނީ. --ފޮޓޯ: އޭއެފްޕީ
19 އޯގަސްޓް 2018 - 06:23
ވެރޯނާ (އޮގަސްޓް 19) – ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުން ރޭ އިޓާލިއަން ލީގުގައި ކިއޭވޯ ވެރޯނާ އަތުން ފަހު ވަގުތު 3-2 އިން ޔުވެންޓަސް މޮޅުވެއްޖެ އެވެ.
ޔުވެންޓަސްއާ 100 މިލިއަން ޔޫރޯގެ އަގެއްގައި ގުޅުނު ފޯވާޑަށް ލަނޑެއް ނުޖެހުނު ނަމަވެސް އޭނާ ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނީ ޓީމާ އެކު އެންމެ ހަތް ދުވަހު ޕްރެކްޓިސް ކުރި ނަމަވެސް ރޮނާލްޑޯ ފެނުނީ ވަރަށް ބޮޑަށް ޓީމަށް ހޭނިފައި ހުރި މަންޒަރު ކަމަށެވެ.
"އޭނާ އަށް ގޯލެއް ނުޖެހުމަކީ ދެރައެއް. އޭނާ ހަމަޖެހިލައިގެން ކުޅުނުތަން ފެނިފައި އަހަރެން ހައިރާންވި،" އެލެގްރީ ބުންޏެވެ.
ރޭގެ މެޗުގެ ތިން ވަނަ މިނެޓުގައި މިޑްފީލްޑަރު ސާމީ ކެދީރާ ވަނީ ޔުވެންޓަސް އަށް ކުރި ހޯދައިދީފަ އެވެ. އަދި 18 ވަނަ މިނެޓުގައި ހުއާން ކުއަޑްރާޑޯގެ ހުރަހަކުން ރޮނާލްޑޯ ގޯލެއް ޖެހުމާ ގާތަށް ދިޔަ އެވެ. ހާފު ނިމުމުގެ ކުރިން، 38 ވަނަ މިނެޓުގައި މަރިއުޒް ސްޕިސްކީ ވަނީ ކިއޭވޯ އަށް އެއްވަރުކޮށްދީފަ އެވެ. އަދި ދެ ވަނަ ހާފުގައި، 56 ވަނަ މިނެޓުގައި އެމެނުއަލް ގިއެކެރީނީ ވަނީ ޕެނަލްޓީއަކުން ކިއޭވޯ އަށް ލީޑު ނަގައިދީފަ އެވެ. ޔުވެންޓަސް އިން އެއްވަރުކުރީ 75 ވަނަ މިނެޓުގައި ކިއޭވޯގެ މަޓިއާ ބަނީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މި ގޯލުގެ ފަހަތުގައި ހުރީ އެއް ސީޒަނަށް ފަހު އެނބުރި ޔުވެންޓަސްއާ ގުޅުނު ލިއޮނާޑޯ ބޮނޫޗީ އެވެ.
މެޗުގެ ފަހުބައިގައި މާރިއޯ މަންޒުކިޗް ފޯވާޑަށް އަރުވައި ރޮނާލްޑޯ ލައްވައި ކުޅުވީ އަރިމަތިންނެވެ. އެއާ އެކު ރޮނާލްޑޯގެ ނުރައްކާ ބޮޑުވެ، ނުރައްކާތެރި ހަމަލައެއް ވެސް ފޮނުވާލި އެވެ. ޔުވެންޓަސް ތިން ޕޮއިންޓް ލިބުނީ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި އެލެކްސް ސެންޑްރޯ ދިން ބޯޅައަކުން ފެޑެރިކޯ ބާނަޑެސްކީ ޖެހި ގޯލުންނެވެ.
ރޭ ކުޅުނު ދެ ވަނަ މެޗުގައި ކާލޯ އަންޗެލޮޓީގެ ނަޕޯލީން ވަނީ ރަށުން ބޭރުގައި ލާޒިއޯ އަތުން 2-1 އިން މޮޅުވެފަ އެވެ. މިއީ އޭސީ މިލާންގެ ކޯޗުކަން 2009 ގައި ދޫކޮށްލި ފަހުން އޭނާ އިޓާލިއަން ލީގަށް އެނބުރި އައިސް ކޯޗުކޮށްދިން ފުރަތަމަ މެޗެވެ. ލާޒިއޯގެ ޗީރޯ އިމޮބިލޭ 25 ވަނަ މިނެޓުގައި ލީޑު ނަގާފައިވަނިކޮށް ނަޕޯލީ މޮޅުވީ އެރިކް މިލިޗާއި ލޮރެންޒޯ އިންސީނޭ ޖެހި ގޯލްތަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެންޑްރިކް
19 August 2018
ރޮނާލްޑޯ ޝޯޓްސްލީވް ޖާޒީ އެއް ލީމަ ވަރަށް އޮޑު.