ލަނޑު ޖެހުމަށް ފަހު ސުއަރޭޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
06 އޯގަސްޓް 2016 - 07:13
ލަންޑަން (އޮގަސްޓް 5) - ބާސެލޯނާ އަށް ކުޅުނު ނަމަވެސް ކުރީގެ ޓީމު ލިވަޕޫލަކީ އަބަދުވެސް ހާއްސަ ޓީމެއް ކަމަށް ލުއިސް ސުއަރޭޒް ބުނެފި އެވެ.
ލިވަޕޫލް ދޫކޮށް ސުއަރޭޒް ބާސެލޯނާ އަށް ބަދަލުވީ 2014 ވަނަ އަހަރު 65 މިިލިއަން ޕައުންޑަށެވެ. ފާއިތުވި ދެ ސީޒަނުގައި ސުއަރޭޒަކީ ބާސެލޯނާގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔާ އެވެ.
އާ ސީޒަނަށް ފަރިތަކުރުމުގެ ގޮތުން މިރޭ ވެމްބްލީގައި ލިވަޕޫލާ ދެކޮޅަށް ނުކުތުމުގެ ކުރިން ސުއަރޭޒް ބުނީ މި މެޗު އޭނާ އަށް ހުރިހާ ގޮތަކުން ވެސް ހާއްސަ ކަމަށެވެ.
"މިއީ ލިވަޕޫލް ސަޕޯޓަރުންނަށް ވެސް އަހަންނަށް ވެސް ވަރަށް ހާއްސަ މެޗެއް. އެ ޓީމުގައި އަދިވެސް އަހަރެންގެ އެކުވެރިން އެބަތިބި. އިންގްލެންޑުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު އަހަރެންނަށް ކުރެވޭ އިހުސާސް ތަފާތު،" ސުއަރޭޒް ބުންޏެވެ.
އޭނާ ބުނީ މި މެޗަކީ ޗެމްޕިއަންސް ލީގު ފަދަ ވަރުގަދަ މުބާރާތެއްގައި ކުޅޭ ވާދަވެރި މެޗެއްނަމަ ލިވަޕޫލާ ދެކޮޅަށް ކުޅެން އޭނާ އަށް އުނދަގޫވާނެ ކަމަށެވެ.
ސުއަރޭޒް ބުނީ ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލް ފެންނަނީ ކުރިއަށް ވުރެން ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށެވެ.
"މިދިޔަ ސީޒަނުގައި ލިވަޕޫލް ކުޅުނު ގިނަ މެޗުތަކެއް އަހަރެން ބެލިން. ކްލޮޕް އައި ފަހުން ދެ ފައިނަލު ކުޅެފި. ޔޫރޮޕާ ލީގު ފައިނަލުގައި ބަލިވި ނަމަވެސް ލިވަޕޫލުން ފެށީ ރަނގަޅަށް. ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލަށް އޮތީ ރަނގަޅު ކުރިމަގެއް،" އުރުގުއޭ އަށް އުފަން ފޯވާޑް ސުއަރޭޒް ބުންޏެވެ.
ލިވަޕޫލާއި ބާސެލޯނާ މާދަމާރޭ ވެމްބްލީގައި ކުޅޭ މެޗުގެ 90،000 ޓިކެޓް ވަނީ ވިކިފަ އެވެ. މިއީ ފާއިތުވި ތިން އަހަރު ތެރޭގައި ދެ ކްލަބެއްގެ މެދުގައި ކުޅޭ ރަހުމަތްތެރިކަމުގެ މެޗެއްގެ ޓިކެޓް އެންމެ ގިނައިން ވިކުނު ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy