އެންމެ ފަހުން ބޭއްވި އެވޯޑް ހަފްލާގެ ތެރެއިން މެސީ (ވ) އޭނާގެ އަންހެނުން އެންޓޮނެލާ.-- ފޮޓޯ: އޭއެފްޕީ
24 ސެޕްޓެމްބަރ 2018 - 10:27
ލަންޑަން (ސެޕްޓެމްބަރު 24) - ފީފާގެ ބެސްޓް އެވޯޑްސްގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ނޮމިނޭޓްވެފައި ނުވި ނަމަވެސް އެ އިދާރާގެ ދައުވަތު ގަބޫލުކޮށް އެ ހަފްލާ އަށް ދާން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިއީ މިދިޔަ 12 އަހަރު ތެރޭގައި ފީފާއިން ހޮވާ މޮޅު ކުޅުންތެރިއާގެ އެވޯޑްގެ ގަދަ ތިނެއްގައި މެސީ ނުހިމެނޭ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ އެވޯޑަށް ވާދަކުރަނީ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކްރޮއޭޝިއާ އަދި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް އާއި ޔުވެންޓަސް އާއި ޕޯޗުގަލްގެ ތަރި އަދި އެންމެ ފަހުން މި އެވޯޑް ކާމިޔާބުކުރި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލިވަޕޫލަށް ކުޅޭ މިސްރުގެ ވިންގް މުހައްމަދު ސަލާހު އެވެ.
ރިޕޯޓްތައް ބުނާގޮތުން މިރޭ ލަންޑަންގައި އޮންނަ ފީފާގެ އެވޯޑް ހަފްލާ އަށް ދިއުމާ ބެހޭގޮތުން ރޮނާލްޑޯ ވަކިގޮތެއް ނުނިންމަ އެވެ. ދާދި ފަހުން ޔޫރަޕްގެ މޮޅު ކުޅުންތެރިއާގެ މަގާމު ދިން ހަފްލާ އަށް ވެސް ރޮނާލްޑޯ ހާޒިރުނުވެ އެވެ. ޔޫރަޕްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ މޮޑްރިޗް އެވެ. މޮޑްރިޗް އަށް އެ މަގާމު ލިބުމުން ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒް ވަނީ އެކަމަށް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
ފީފާގެ އެވޯޑްގައި މި ފަހަރު މެސީ ނުހިމެނޭތީ ގިނަ ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުން ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ. އަދި ވޯލްޑް ކަޕް ބޭއްވުނު އަހަރެއްގައި އެ މުބާރާތް ކާމިޔާބުކުރި ޓީމަށް ނިސްބަތްވާ ކުޅުންތެރިއަކު ވެސް ނެތުމުން އެވޯޑްގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މި ފަަހަރުގެ އެވޯޑުން ޖާގަ ހައްގުވާ ކަމަށް މީޑިއާގައި ވަނީ ގިނަ ކުޅުންތެރިންތަކެއްގެ ދިފާއުގައި ވާހަކަ ދެކެވިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ މަޝްހޫރު ތިން ކުޅުންތެރިންނަކީ މެސީ އާއި ފްރާންސާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އިތުރުން ޔޫރޮޕާ ލީގު ތަށި އުފުލާލި އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އަދި ޕީއެސްޖީ އާއި ބްރެޒިލްގެ ތަރި ނޭމާ އެވެ.
ފީފާ ބެސްޓް އެވޯޑްސްގައި ވޯޓު ދޭ ގޮތް ވަނީ ހަތަރު ބަޔަކަށް ބަހައިފަ އެވެ. އެއީ ގައުމީ ޓީމުގެ ކޯޗުންނާއި ގައުމީ ޓީމުގެ ކެޕްޓަނުންނާއި މީޑިއާގެ ފަރާތްތަކުގެ އިތުރުން އޮންލައިން ވޯޓުންނެވެ. ކޮންމެ ބަޔަކަށް ވެސް އޮންނަނީ 25 އިންސައްތަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްް
24 September 2018
މަވެސް ދާނަން
ރަދީފްް
24 September 2018
އޯކޭ