07 އޮކްޓޯބަރ 2018 - 10:56
އުދިނޭ، އިޓަލީ (އޮކްޓޯބަރު 7) - އިޓާލިއަން ލީގުގެ ރޭ ކުޅުނު މެޗުން ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑާ އެކު ރަށުން ބޭރުގައި 2-0 އިން އުދިނޭޒީ ބަލިކޮށް ޔުވެންޓަސް އިން އެ ޓީމުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.
ޔުވެންޓަސް ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު އަށް މެޗުން ވެސް މޮޅުވެ 24 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް ހަތް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތީ ރޭ އެމްޕޮލީ އަތުން 2-0 އިން މޮޅުވީ ރޯމާ އެވެ. ރޯމާ އަށް ވަނީ އަށް މެޗުން 14 ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗުގައި ޔުވެންޓަސް އަށް ލީޑުނަގައިދިނީ މެޗުގެ 33 ވަނަ މިނިޓްގައި އުރުގުއާއީގެ ޒުވާން މިޑްފީލްޑަރު ރޮޑްރީގޯ ބެންޓަންކޫރު އެވެ. ކަވާއޯ ކަންސެލޯ ނަަގައިން ހުރަހަކުން ބެންޓަންކޫރު މި ލަނޑު ޖެހީ ބޮލުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން ރޮނާލްޑޯ ޔުވެންޓަސްގެ ދެ ވަނަ ލަނޑު ޖެހީ މާރިއޯ މަންޒުކިޗް ދިން ބޯޅަ އަކުންނެވެ.
ދެ ވަނަ ހާފުގައި ޔުވެންޓަސް އިން އިތުރު ލަނޑެއް ޖަހަން ރޮނާލްޑޯ އާއި މަންޒުކިޗް ފޮނުވާލި ބޯޅަތައް އުދިނޭޒީ ކީޕަރު ސިމޯނޭ ސްކުފޭ ވަނީ މަތަކޮށްފަ އެވެ.
ރޭގެ މެޗަށް ރޮނާލްޑޯ ނުކުތްއިރު، ދާދި ފަހުން އެމެރިކާގެ ފުލުހުން ވަނީ، ރޮނާލްޑޯގެ މައްޗަށް އެމެރިކާގެ ކުރީގެ މޮޑެލް ކެތަރިން މަޔޯގާ ކުރި ރޭޕުގެ ތުހުމަތުގެ ތަހުގީގު އަލުން ފަށާފައިވާ ކަމަށް ބުނެފަ އެވެ. ލަސް ވެގަސްގެ ހޮޓަލެއްގައި 2009 ވަނަ އަހަރުގެ ޖޫން މަހު އޭނާ ރޭޕްކުރި ކަމަށް މަޔޯގާ ކުރާ ތުހުމަތުތައް ރޮނާލްޑޯ ވަނީ ދޮގުކޮށްފަ އެވެ.
ދަނޑު ބޭރުން ރޮނާލްޑޯއާ ގުޅުވައިގެން ގިނަ ކަންތައްތަކެއް ހިނގި ނަމަވެސް ރޭގެ މެޗުގައި އޭނާގެ ފަރާތުން ފެނުނު ޕްރޮފެޝަނަލް ކަމަށް ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ވަނީ ތައުރީފް ކޮށްފަ އެވެ.
"ދަނޑު ބޭރުގައި ގިނަ ކަންތައްތަކެއް ހިނގައިފި. ރޮނާލްޑޯގެ ގިނަ ވާހަކަތަކެއް ދެކެވިއްޖެ. އެކަމަކު ފެނުނީ ރޮނާލްޑޯގެ ޕްރޮފެޝަނަލްކަން. ރޮނާލްޑޯގެ ސަމާލުކަން އޭނާ ލޯބިވާ ކުޅިވަރަށް ހުރި މިންވަރު. އެއީ އޭނާގެ ކެރުން،" އަލެގްރީ ބުންޏެވެ.
ރޭގެ މެޗަށް ފަހު ރޮނާލްޑޯ އަށް ހިތްވަރު ދިނުމުގެ ގޮތުން ޔުވެންޓަސް ސަޕޯޓަރުން ވަނީ މެޗަށް ފަހު އޭނާ އަށް ހާއްސަ ތަރުހީބެއް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
07 October 2018
ސާބަހޭ ރޯނާލްޑޯ.ޔޫ އާ ދަ މޭން.#ފޯޒާޔުވޭ