ފްރާންސްގެ އެމްބާޕޭ (ކ) އައިސްލެންޑް ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
12 އޮކްޓޯބަރ 2018 - 13:29
ޕެރިސް (އޮކްޓޫބަރު 12) - އެކުވެރިކަމުގެ މެޗެއްގައި ރޭ ފަހު ވަގުތު ކިލިއަން އެމްބާޕޭ ޖެހި ލަނޑުން އައިސްލެންޑް އަތުން ފްރާންސް ބަލިނުވެ ސަލާމަތްވެއްޖެ އެވެ. މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ފްރާންސްގެ ކުޅުންތެރިންނަށް މެޗު ފަށައިގެން އެންމެ އެދެވޭ ކުޅުމެއް ދެއްކޭ ގޮތެއް ނުވި އެވެ. އައިސްލެންޑުން މެޗު ފަށައިގެން ދިޔައީ ފްރާންސަށް ބާރުބޮޑުކުރަމުންނެވެ. ނަތީޖާ އަކަށްވީ މެޗުގެ 30 ވަނަ މިނިޓްގައި ލިބުނު ފުރުސަތުގެ ބޭނުން ހިފައި ބާކީރް ބިޔާނަސަން އައިސްލެންޑަށް ލީޑުނަގައިދިނުމެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން މެޗުގެ 58 ވަނަ މިނިޓްގައި އައިސްލެންޑުގެ ދެ ވަނަ ލަނޑު ޖެހީ ކާރީ އާނަސަން އެވެ. އައިސްލެންޑުން ދެ ލަނޑުގެ ލީޑެއް ނެގުމާ އެކު ފްރާންސުން ވަނީ އެމްބާޕޭ ކުޅެން އަރުވައިފަ އެވެ.
ނަތީޖާ ހަމަހަމަ ކުރަން ފްރާންސުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ ފަހު ހަތަރު މިނިޓް ތެރޭގަ އެވެ. މެޗުގެ 86 ވަނަ މިނިޓްގައި ފްރާންސުން ޖެހި ފުރަތަމަ ލަނޑަކީ އައިސްލެންޑުގެ ހޯމަ އޯން އެޔޯލްފްސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި ލަނޑުގައި އެބްމާޕޭގެ ދައުރު ބޮޑެވެ. ފްރާންސުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހު މިނިޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. އެމްބާޕޭ އެ ޕެނަލްޓީ ކާމިޔާބުކުރިއިރު، މިއީ އައިސްލެންޑުގެ ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ރޭ ކުޅުނު އެކުވެރިކަމުގެ މެޗަކުން ސްޕެއިން ވަނީ 4-1 އިން ވޭލްސް ބަލިކޮށްފަ އެވެ. މި މެޗުގައި ސްޕެއިނަށް ކުޅޭ ޑޯޓްމަންޑުގެ ފޯވާޑް ފްރާންސިސްކޯ އަލެކަސޭރު ދެ ގޯލު ޖެހިއިރު އަނެއް ދެ ލަނޑު ޖެހީ މާކް ބާޓްރާ އާއި ސާޖިއޯ ރާމޯސް އެވެ. ވޭލްސްގެ ހަމައެކަނި ގޯލު ޖެހީ ސެމީ ވޯކްސް އެވެ.
އާޖެންޓީނާ ވަނީ ރޭ އިރާގު އަތުން 4-0 އިން މޮޅުވެފަ އެވެ. ލިއޮނަލް މެސީ ނުލައި މި ފަަހަރު ވެސް ކުޅެމުން އަންނަ އާޖެންޓީނާ އަށް ރޭގެ މެޗުގައި ލަނޑުތައް ކާމިޔާބުކޮށްދިނީ ލަޓައުރޯ މާޓިނޭޒް، ރޮބާޓޯ ޕެރޭއިރާ، ޖާމަން ޕެޒެއްލާ އަދި ފްރާންކޯ ސެރްވީ އެވެ.
ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ޕޯޗުގަލް ވަނީ ރަށުންބޭރުގައި 3-2 އިން ޕޮލަންޑް ބަލިކޮށްފަ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ކުޅުނު ޕޯޗުގަލަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަންޑްރޭ ސިލްވާ އާއި ބެނާޑޯ ސިލްވާ އެވެ. އަނެއް ގޯލަކީ ޕޮލަންޑުގެ ކަމީލް ގިލްކް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޕޮލެންޑުގެ ގޯލުތައް ޖެހީ ކްރިސްޓޮފް ޕީއާޓެކް އާއި ޔަކުބް ބްލަޝުކޯވްސްކީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީ
13 October 2018
މެސީ ނެތީމަ އާރޖެންޓީނާ ހަމަ ފައްކާ!