ޕީއެސްޖީގެ މެޗެއްގެ ތެެރެއިން ލަނޑު ޖެހުމަށް ފަހު ނޭމާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
19 އޮކްޓޯބަރ 2018 - 11:45
ބާސެލޯނާ (އޮކްޓޫބަރު 19) - ޕީއެސްޖީ އަށް މީގެ އަހަރެއް ކުރިން ވިއްކާލި ބްރެޒިލްގެ ތަރި ނޭމާ އަލުން ބާސެލޯނާ ގެނައުމަށް އެ ކްލަބުގެ ސީނިއާ ބައެއް ކުޅުންތެރިންނާއި ކްލަބްގެ ރައީސް ޖޯސެފް ބާޓޮމެއު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ނޭމާ ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 264 މިލިއަން ޑޮލަރަށް ޕީއެސްޖީ އަށް ބަދަލުވީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ ހިޔަނިން ނިކުމެ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ހޯދުމުގެ އަޒުމުގައި ކަމަށްވެ އެވެ.
ބާސެލޯނާ ދޫކޮށްދިޔައިރު ނޭމާ ކަންތައް ކުރިގޮތުން އެ ކްލަބްގެ ބޯޑު މެމްބަރުންނާއި އޭނާއާ ދެމެދު ގިނަ މައްސަލަތަކެއް ޖެހުނެވެ. އަދި ނޭމާ ވަނީ ބާސެލޯނާގެ ބޯޑު މެމްބަރުންނަށް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އަށް އަލުން ނޭމާ ގެންނަން ބާޓޮމެއުއާ ބައްދަލުކުރި ބާސެލޯނާގެ ސީނިއާ ކުޅުންތެރިންގެ ތެރޭގައި ލިއޮނަލް މެސީ އާއި ޖެރާޑް ޕީކޭ އަދި ލުއިސް ސުއަރޭޒް ހިމެނެ އެވެ. މި ތިން ކުޅުންތެރިންނަކީ ބާސެލޯނާގައި ނޭމާ ހުރިއިރު އޭނާއާ ގާތް ގުޅުމެއް އޮތް ކުޅުންތެރިންނެވެ.
ސްޕެއިނުގެ މުންޑޯ ޑިޕޯޓިވޯ އިން ރިޕޯޓްކުރާ ގޮތުގައި ބާސެލޯނާގެ ވިސްނުން ހުރީ ނޭމާ ގަންނަން ފަންޑް ހޯދުމުގެ ގޮތުން ޓީމުގައި ތިބި ބައެއް ކުޅުންތެރިން ވިއްކާލުމަށެވެ. އެ ގޮތުން ޓީމުގައި މިހާރު ކުޅެމުން އަންނަ ހަތަރު ކުޅުންތެރިއަކު ވިއްކާލާނެ ކަމަށް ބެލެވެ އެވެ.
އޭގެ ތެރޭގައި މި ފަހަރުގެ ޓްރާންސްފާގައި ބޯޑޯ އިން ގެނައި ވިންގް މެލްކޮމް ހިމެނެ އެވެ. ބާސެލޯނާ އިން އަލުން ނޭމާ ގަންނަން 190 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ ބިޑެއް ކުރާނެ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
ޕީއެސްޖީގައި މިދިޔަ ސީޒަނުގައި ނޭމާ އަށް އެއްކޮށް ނުކުޅެވެ އެވެ. ފަޔަށް ލިބުނި އަނިޔާއެއްގެ ސަބަބުން ސީޒަނުގެ ފަހު ކޮޅުގައި ކުޅުމާ ދުުރުގައި ހުރުމަށް ފަހު އޭނާ އެނބުރި އައީ ރަޝިއާގައި އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށެވެ.
ފްރާންސްގެ މީޑިއާގައި ފާއިތުވި ހަފްތާތަކުގައި ޕިއެސްޖީގެ އެޓޭކްގެ އެންމެ މުހިއްމު ކުޅުންތެރިއަކީ ފްރާންސްގެ އެންމެ އުއްމީދީ ތަރި ކިލިއަން އެމްބާޕޭ ކަމަށް ރިޕޯޓްކޮށްފަ އެވެ. އަދި ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލްގެ ޕްލޭނުގައި އެމްބާޕޭގެ ދައުރު ނޭމާ އަށް ވުރެ ބޮޑު ކަމަށާއި އޭގެ ސަބަބުން ޕީއެސްޖީގައި ނޭމާ މި ވަގުތު ހުރީ އުފަލުން ނޫން ކަމަށް ބުނެ އަޑުފެތުރުނެވެ. ބްރެޒިލް މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ނޭމާ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން 2019 ވަނަ އަހަރުގެ ސީޒަނުގައި ނޭމާ ބޭނުންވެއްޖެނަމަ 190 މިލިއަން ޑޮލަރަށް ކްލަބް ބަދަލުކުރުމަށް އޭނާ ވަނީ ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީއާ އެކު އެއްބަސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޯޕެލޭ
13 November 2018
ނޭމާ ގެންގޮއްސިއްޔާ މިހާރަށް ވުރެއްވެސް ބާސާ މޮޅުވާނެއެވެ.
ކަނޑުކޮސް ހުލިސޯ
21 October 2018
ހަހަހާ، ހަޖަމުކުރޭ! މީ ހަމަ ނަންބަރު ވަން، ވިސްކާ ބާސާ
ޖަޒީރާ އަންްނި
20 October 2018
ދުނިޔޭގެ އެންމެ އަގުބޮޑު ސްކޮޑުގެ ގޮތުގަ އޮވެގެންވެސް އިތުރު އަގުބޮޑު ކުޅުންތެރިން ގެނެވޭތޯ ބަލާ!