ލިވަޕޫލަށް މޮޅެއް، ޑި މާރިއާ ޕީއެސްޖީ ސަލާމަތްކޮށްދީފި

ލިވަޕޫލް (އޮކްޓޫބަރު 25) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލް ކުޅުނު މެޗުން ސާބިއާގެ ޗެމްޕިއަން ރެޑް ސްޓާ ބެލްގްރޭޑް އަތުން 4-0 އިން މޮޅުވިއިރު، ފަހު ވަގުތު އެންހެލް ޑި މާރިއާ ވައްދާލި ގޯލުން ނަޕޯލީއާ 2-2 އިން ޕީއެސްޖީ އެއްވަރުކޮށްފި އެވެ.


ގްރޫޕް ސީގެ ފުރަތަމަ ތިން މެޗަށް ފަހު ލިވަޕޫލް އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް ނަޕޯލީ އަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީ ތިން ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ރެޑް ސްޓާގެ އޮތީ އެއް ޕޮއިންޓެވެ.

އެންމެ ފަހުން ކުޅުނު މެޗުން ރަށުން ބޭރުގައި ނަޕޯލީ އަތުން ބަލިވުމުން އަމިއްލަ ދަނޑުގައި ރޭ ރެޑް ސްޓާއާ ދެކޮޅަށް ލިވަޕޫލް ނުކުތީ ކޮންމެ ގޮތަކުން ވެސް މޮޅެއް ހޯދާށެވެ. އެއީ ގްރޫޕްގައި ކުރިއަށްދާން ރޭގެ ތިން ޕޮއިންޓް ވަރަށް މުހިއްމުވުމުންނެވެ.

ރޭގެ މެޗު ފަށައިގެން 20 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ ރޮބާޓޯ ފިރްމީނޯ އެވެ. ފުރަތަަމަ ހާފު ނިމުމުގެ ކުރިން މުހައްމަދު ސަލާހު ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހީ ޒެރްޑަން ޝަގީރީ ދިން ބޯޅައަކުންނެވެ. ދެ ވަނަ ހާފުގެ ކުުޅުން ފެށިތާ ހަ މިނިޓް ތެރޭ ސަލާހު ވަނީ ލިބުނު ޕެނަލްޓީ އަކުން އިތުރު ލަނޑެއް ޖަހައިދީފަ އެވެ. މި ދެ ލަނޑާ އެކު ސަލާހު ވަނީ ލިވަޕޫލަށް ކުޅެދިން 65 މެޗުން 50 ގޯލު ހަމަކޮށްފަ އެވެ.

ސަލާހު ފޭބި ފަހުން ލިބުނު ޕެނަލްޓީ ސަޑިއޯ މާނޭ އަށް ކާމިޔާބު ނުކުރެވުނެވެ. ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެނިއަލް ސްޓަރިޖް ދިން ބޯޅައަކުން މާނޭ އެވެ. އިތުރު ލަނޑެއް ޖަހަން މާނޭ އާއި އެޑަމް ލަލާނާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ މި މެޗުގައި ސަލާހުގެ ދެ ގޯލު ފެނުމުން ހިތްހަމަ ޖެހޭ ކަމަށް ބުނެފަ އެވެ. އަދި ލިވަޕޫލާ މި ފަހަރު އަލަށް ގުޅުނު ޝަގީރީ އާއި ފަބީނިއޯ އޭނާ ބޭނުންވާ ސިސްޓަމަށް ހޭނެމުން އަންނަކަން ފާހަގަކުރި އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ނަޕޯލީ އާއި ޕީއެސްޖީ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ފުރަތަމަ ހާފުގައި ނަޕޯލީ ލީޑުނެގީ ލޮރެންޒޯ އިންސީނިއޭ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ޕީއެސްޖީން ގާތްގާތުގައި ކުރި އެޓޭކްތަކުގެ ނަތީޖާ އަކަށްވީ ނަޕޯލީގެ މާރިއޯ ރުއީ އަތުން ބައިކޮޅަށް ގޯލެއް ވަދެ މެޗުގެ ނަތީޖާ ހަމަހަމަވުމެވެ.

ނަޕޯލީ އަށް އަލުން ލީޑުނަގައިދިނީ ބެލްޖިއަމްގެ ފޯވާޑް ޑްރީސް މާޓެންސް އެވެ. ނަޕޯލީ ކުރީގައި އޮވެ މެޗު ނިމޭނެ ކަމަށް އެ ޓީމުން ނިންމައިގެން ތިއްބާ ހުރިހާ ކަމެއް ބަދަލުވީ އިތުރު ވަގުތުގައި ޕީއެސްޖީން ލަނޑު ޖެހުމުންނެވެ. ޑި މާރިއާ ޕީއެސްޖީ އަށް މި ގޯލު ޖަހައިދިނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ.

ގްރޫޕް ޑީގައި ރޭ ތުރުކީގެ ގަލަސަތަރާއި އާއި ޖަރުމަނުގެ ޝާލްކާ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެ ގްރޫޕުގެ އަނެއް މެޗުން ޕޯޓޯ ވަނީ ރަށުންބޭރުގައި ލޮކޮމޯޓިވް މޮސްކޯ އަތުން 3-1 އިން މޮޅުވެފަ އެވެ.