28 އޮކްޓޯބަރ 2018 - 09:14
މިލާން (އޮކްޓޫބަރު 28) - އިޓާލިއަން ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލުން ޔުވެންޓަސް އިން ފަހަތުން އަރައި 2-1 އިން އެމްޕޮލީ ބަލިކޮށްފި އެވެ.
ޔުވެންޓަސް ލީގުގެ އެއް ވަނައިގައި އޮތީ 10 މެޗުން 27 ޕޮޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް ނުވަ މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ.
ލީގުގައި އެންމެ ފަހުން ޔުވެންޓަސް ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި ޖެނޯއާއާ އެއްވަރުވެފަ އެވެ. އެހެންވެ ރޭގެ މެޗަށް ނުކުތްއިރު ޔުވެންޓަސް އޮތީ މޮޅެއް ހޯދައި އަލުން ފޯމަކަށް އެޅެން ބޭނުންވެފަ އެވެ. އެކަމަކު މެޗުގެ ފެށުން ދިމާވީ ޔުވެންޓަސް އިން ބޭނުންވި ގޮތަކަށެއް ނޫނެވެ.
އެމްޕޮލީ އަށް މެޗުގެ 28 ވަނަ މިނިޓްގައި ލީޑުނެގީ ފްރެންޗެސްކޯ ކަޕޫޓޯ އެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ ކަޕޫޓޯ ވަނީ ގޯލުގެ މަތީކަނަށް އަމާޒުކޮށްލައިފަ އެވެ. ފުރަތަމަ ހާފުގައި ޔުވެންޓަސް އަށް ލަނޑެއް ޖަހައިދިނުމާ އެންމެ ގާތަށް ޖެހިލީ މިރަލެމް ޕިޔަނިޗް އެވެ. އޭރިއާ ބޭރުން ޕިޔަނިޗް ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ދެ ވަނަ ހާފް ފަށައިގެން އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާ ވެސް ފޮނުވާލީ ޕިޔަނިޗް އެވެ. އެ ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ މެޗުގެ 54 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ރޮނާލްޑޯ އެވެ. މި ޕެނަލްޓީ އަކީ ޕައޮލޯ ޑިބަލާ އަށް އެމްޕޮލީގެ އިސްމާއިލް ބެނަކާ ފައުލުކުރުމުންނެވެ.
ރޮނާލްޑޯ ޔުވެންޓަސް މޮޅުކޮށްދިން ލަނޑު ޖެހީ މެޗުގެ 70 ވަނަ މިނިޓްގަ އެވެ. އޭރިރާބޭރުން ރޮނާލްޑޯ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުގައި ރޮނާލްޑޯ ވަނީ ހަތް ގޯލު ޖަހައި ހަތަރު ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ރޭގެ މެޗަށް ފަހު ރޮނާލްޑޯ ބުނީ ޗެމްޕިއަންސް ލީގުގެ މެޗަށް ފަހު ޓީމު އޮތީ ވަރަށް ވަރުބަލިކޮށް ކަމަށާއި އެހެންވެ މެޗަށް ނުކުތްއިރު ވެސް އުނދަގޫވާނެކަން އެނގޭ ކަމަށެވެ. ޔުވެންޓަސްއާ އެކު ލީގުގައި ފުރަތަމަ 10 މެޗުގައި ދެއްކުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބޭ
28 October 2018
ރޮނާ މި މޭން އެކޭ