ބާސެލޯނާ (ޑިސެމްބަރު 2) - ފްރާންސް ފުޓްބޯޅަ މަޖައްލާއިން ދޭ ބެލޮންޑިއޯ އެވޯޑްގެ މި ފަހަރުގެ ގަދަ ތިނެއްގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ނެތުމުން އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ސްކައި އިޓާލިއާ އިން ރިޕޯޓްކުރާ ގޮތުގައި ލީކުވެފައިވާ ވޯޓު ލިސްޓުގެ ނަތީޖާތަކުން ދައްކާގޮތުގައި މާދަމާރޭ އޮންނަ ބެލޮންޑިއޯ އެވޯޑް ހަފްލާގައި އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބޭނީ މި ފަހަރު ފީފާ ބެސްޓް އެވޯޑާއި ޔުއެފާގެ މޮޅު ކުޅުންތެރިއާ އަދި ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ކްރޮއޭޝިއާގެ ލޫކަ މޮޑްރިޗަށެވެ. އަދި ދެ ވަނަ މަގާމު ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބޭއިރު، ތިން ވަނަ ލިބެނީ އެތުލެޓިކޯ މެޑްރިޑާ އެކު ޔޫރޮޕާ ލީގާއި ފްރާންސާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި ފޯވާޑް އެންޓޮއިން ގްރީޒްމަން އަށެވެ.
މެސީ އަށް މި ފަހަރުގެ ބެލޮންޑިއޯ ގަދަ ތިނަކުން ފުރުސަތު ނުލިބުނުއިރު، މިއީ 2006 ވަނަ އަހަރަށް ފަހު އޭނާ ނެތި ގަދަ ތިނެއް އިއުލާނުކުރި ފުރަތަމަ ފަހަރެވެ. ވަލްވޭޑޭ ބުނީ ބެލޮންޑިއޯގެ ވޯޓާ މެދު ސުވާލު އުފެދޭ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
"އަހަރެން މި ހުރީ ވަރަށް ގިނަ ބަޔެކޭ އެއްގޮތަށް ހައިރާންވެފައި. އެއީ މެސީ ނެތި ގަދަ ތިން ކުޅުންތެރިން ދުނިޔޭގެ ނިސްބުން ނުނެގޭނެ. ޓީމުތަކުން ހޯދާ ކާމިޔާބީ އަކީ ވަކި ކުޅުންތެރިންނަށް ނޮމިނޭޝަން ދޭން ޖެހޭ ސަބަބެއް ނޫން. އިންޑިވިޖުއަލީ ބަލަންވީ. ތަފާސްހިސާބުތަކުން ވެސް ބަލަންވީ. މެސީ ފަހަތަށް ޖައްސާލެވޭނެ ކުޅުންތެރިޔަކު މަދުވާނެ،" ހިތްހަމަ ނުޖެހިފައިހުރެ ވަލްވޭޑޭ ބުންޏެވެ. "އަހަރެންގެ ނަޒަރުގައި މެސީ އަށް ޔުއެފާ ގަދަ ތިނެއްގެ ޖާގައެއް ހައްގު."
ގަދަ ތިނެއްގައި މެސީގެ ނަން ނެތުމުން ސްޕެއިން ގައުމީ ޓީމާއި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ވަލްވޭޑޭ ބުނީ މެސީ އަކީ އަދިވެސް ދުނިޔޭގެ ގަދަ ތިނެއްގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި އެވޯޑަށް ކުޅުންތެރިން ނަގާއިރު ވިސްނަން ޖެހޭނީ އިންޑިވިޖުއަލީ ދައްކާ ތަފާތަށް ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން މާދަމާރޭ ޕެރިހުގައި އޮންނަ އެވޯޑް ހަފްލާ އަށް މެސީ އަށް ވަނީ ދައުވަތު ދީފަ އެވެ. އެކަމަކު އަދި ދައުވަތު ގަބޫލުކުރުމާ މެދު މެސީ ވަކިގޮތެއް ނިންމާފައިނުވާ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
ފީފާ ބެސްޓް އެވޯޑްސް ހަފުލާ އަށް މެސީގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ ހާޒިރުނުވެ އެވެ. އެކަމާމެދު ހިތްހަމަ ނުޖެހި ކުރީގެ ގިނަ ކުޅުންތެރިން ވަނީ މެސީ އާއި ރޮނާލްޑޯ އަށް ފާޑުކިޔައިފަ އެވެ. ކްރޮއޭޝިއާގެ ކުރީގެ ފޯވާޑް މިހާރު އެ ގައުމުގެ ފުޓްބޯޅަ އިދާރާގެ ރައީސް ޑާވޯ ސުކާ އޭރު ބުނީ އެހެން ކުޅުންތެރިންގެ ކާމިޔާބީގައި ބައިވެރިނުވުމަކީ ރޮނާލްޑޯ އާއި މެސީ ދެއްކި ނުރަނގަޅު ސިފައެއް ކަމަށެވެ.