ގަދަ ހަތަރަކާ މެދު މޮރީނިއޯގެ ރާގު ބަދަލުވެއްޖެ

މެންޗެސްޓާ (ޑިސެމްބަރު 5) - އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް މި އަހަރު ނިމުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑް އަރާނެ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ކުރިން ބުނި ނަމަވެސް މިހާރު ހާލަތު އޮތްގޮތުން އެކަން ވުމުގެ ފުރުސަތު ކުޑަކަމަށް އޭނާ ބުނެފި އެވެ.


މިދިޔަ މަހު 23 ވަނަ ދުވަހު މޮރީނިއޯ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބުނީ އަހަރު ނިމޭއިރު ޔުނައިޓެޑް ގަދަ ހަތަރެއްގެ ތެރެއަށް ވަންނާނެ ކަމަށެވެ. އެކަމަކު އޭގެ ފަހުން ކުޅުނު ދެ މެޗުން ޔުނައިޓެޑް ވަނީ އެއްވަރުވެފަ އެވެ. އެ ނަތީޖާތަކުގެ ސަބަބުން ޔުނައިޓެޑަށް އުނދަގޫތަކެއް ކުރިމަތިވެފައިވާއިރު، މޮރީނިއޯ ވަނީ އޭނާ ކުރިން ދެއްކި ވާހަކަތައް ވެސް ބަދަލުކޮށްލައިފަ އެވެ.

ލީގުގެ ހަތަރު ވަނައިގައި އޮތް އާސެނަލާ ދެކޮޅަށް މިރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑް ނުކުންނައިރު މި ދެ ޓީމުގެ ދެމެދުގައި އަށް ޕޮއިންޓުގެ ފަރަގެއް މި ވަގުތު އެބައޮތެވެ. މޮރީނިއޯ ބުނީ ގަދަ ހަތަރަކަށް އަހަރު ނިމުމުގެ ކުރިން ވަދެވޭނެ ކަމުގެ މާ ބޮޑު އުއްމީދެއް ނެތް ކަަމަށެވެ.

"މިހާރު އޮތްގޮތުން މި އަހަރު ނިމުމުގެ ކުރިން ގަދަ ހަތަރަކަށް އަރަން ވަރަށް އުނދަގޫ. އަށް ޕޮއިންޓް އެބައޮތް ދެމެދުގައި. އަހަރެމެން ބޭނުންވަނީ އާދަޔާހިލާފު ކަންތައްތަކެއް ނޫން ގަދަ ހަތަރަކަށް ވަންނަން، ރަނގަޅު ނަތީޖާތަކެއް ނެރެން ބޭނުންވަނީ،" މޮރީނިއޯ ބުންޏެވެ. "އަހަރެން ކުރިން ބުނިން ގަދަ ހަތަރަކަށް (އަހަރު ނިމުމުގެ ކުރިން) ވަދެވޭނެކަމަށް. އެކަމަކު އޭގެ ފަހުން އަހަރެމެން އަތުން ގެއްލެން ނުޖެހޭ ޕޮއިންޓްތަކެއް ގެއްލިއްޖެ."

މޮރީނިއޯ ބުނީ އޭނާ ކުރާ ރަނގަޅު މަސައްކަތްތަކުގެ ނަތީޖާ ނުފެންނަނީ ކުޅުންތެރިންގެ ފަރާތުން އެއްބާރުލުން ނުލިބޭތީ ކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށާއި ޓީމު މޮޅުވާނީ އަދި ބަލިވާނީ ވެސް އެކުގައި ކަމަށެވެ.

އާސެނަލް އެންމެ ފަހުން ކުޅުނު 19 މެޗުން ބަލިވެފައިނުވެ އެވެ. އެކަމަކު މިރޭގެ މެޗަށް ނުކުންނައިރު އެ ޓީމަށް އޮތް ކަންބޮޑުވުމަކީ ލީގުގައި ޔުނައިޓެޑް ދަނޑުގައި މޮޅެއް ނުލިބޭތާ 12 އަހަރުވެފައިވުމެވެ. އެކަމަކު އެއީ އާސެނަލްގެ ކޯޗު އުނާއި އެމެރީ މާ ބޮޑަށް ވިސްނާކަމެއް ނޫނެވެ.

"މިއީ އަހަރެން ހުއްޓާ މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން. އަހަރެން ބޭނުމެއް ނޫން މާޒީގެ ވާހަކަ ދައްކަން. މިއީ މުޅިން އާ މެޗެއް،" އެމެރީ ބުންޏެވެ.

މި ފަހަރު ލީގުގައި ފަސް ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން އާސެނަލްގެ ސްވިޒަލެންޑް މިޑްފީލްޑަރު ގްރޭނިޓް ޝާކާ ވަނީ މިރޭގެ މެޗަށް ސަސްޕެންޑްވެފަ އެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.