27 ޑިސެމްބަރ 2018 - 09:36
މިލާން (ޑިސެމްބަރު 27) - އިޓާލިއަން ލީގުގައި ރޭ އެޓަލަންޓާ އިން ލީޑުގައި އޮއްވައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލުން 2-2 އިން އެއްވަރުކޮށް ޔުވެންޓަސް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.
އަދި މި ނަތީޖާއާ އެކު އެ ޓީމުގެ ލީޑު ފުޅާވީ ދެ ވަނައިގައި އޮތް ނަޕޯލީ ރޭ އިންޓަ މިލާން އަތުން 1-0 އިން ބަލިވުމުންނެވެ. ލީގުގެ 18 މެޗަށް ފަހު މެޗަކުން ބަލިނުވެ ޔުވެންޓަސް އެއް ވަނައިގައި އޮތީ 50 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް ވަނީ 41 ޕޮއިންޓް ލިބިފަ އެވެ. އިންޓަ މިލާން ތިން ވަނައިގައި އޮތީ 36 ޕޮއިންޓާ އެކު އެވެ. ބޮލޯނިއާ އަތުން 2-0 އިން މޮޅުވި ލާޒިއޯ ހަތަރެއްގައި އޮތީ 31 ޕޮއިންޓާ އެކު އެވެ.
އެޓަލަންޓާ ދަނޑުގައި ރޭ ކުޅުނު މެޗުގެ ދެ ވަަނަ މިނިޓްގައި ޔުވެންޓަސް އިން ލީޑުނެގީ އެޓަލަންޓާގެ ބެރަތު ޔިމްސިޓީ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ޔުވެންޓަސްގެ އަލެކްސް ސަންޑްރޯ ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޔިމްސިޓީ ފައިގައި ޖެހިފައި ބޯޅަ ވަނީ ގޯލަށެވެ.
ނަތީޖާ ހަމަހަމަ ކުރަން އެޓަލަންޓާ އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 24 ވަނަ މިނިޓްގަ އެވެ. ޔުވެންޓަސްގެ ލިއޮނާޑޯ ބޮނޫޗީ ކައިރިން ނައްޓާލުމަށް ފަހު އެޓަލަންޓާގެ ކޮލަމްބިއާ ފޯވާޑް ޑުވާން ޒަޕާޓާ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. ދެ ވަނަ ހާފް ފަށައިގެން އަށް މިނިޓް ތެރޭ ޔުވެންޓަސްގެ އުރުގުއޭ މިޑްފީލްޑަރު ރޮޑްރީގޯ ބެންޓަަންކޫރަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
ޔުވެންޓަސްގެ ކުޅުންތެރިއަކު މަދުވިތާ ތިން މިނިޓް ފަހުން ޒަޕާޓާ ވަނީ ލަނޑެއް ޖަހައި އެޓަލަންޓާ އަށް ލީޑުނަގައިދީފަ އެވެ. އެޓަލަންޓާ އިން ލީޑުނެގުމާ އެކު ޔުވެންޓަސް އިން ވަނީ ރޮނާލްޑޯ އާއި މިރަލެމް ޕިޔަނިޗް ކުޅެން އަރުވައިފަ އެވެ. ރޮނާލްޑޯ ޔުވެންޓަސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗު ނިމެން 12 މިނިޓަށް ވެފައި ވަނިކޮށެވެ. އޭރިއާ ތެެރެއިން ލިބުނު ބޯޅައެއް ރޮނާލްޑޯ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ ރޮނާލްޑޯ ލީގުގައި ޖަހައިދިން 12 ވަނަ ގޯލެވެ.
ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ރޭގެ މެޗަށް ފަހު ބުނީ މިއީ މޮޅުވެވޭނެ މެޗެއް ކަމަށާއި ކުޅުންތެރިންނަށް މާ ބޮޑަށް މެޗު ފަސޭހަކޮށްލެވުނީ ކަމަށެވެ. އަދި ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ބޭނުންނުކުރީ ގާތްގާތުގައި މެޗުތަކެއް އޮތުމުން ކަމަށެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ނަޕޯލީ އަތުން އިންޓަ މޮޅުވީ 90 ވަނަ މިނެޓުގައި ލޮޓާރޯ މާޓިނޭޒް ޖެހި ގޯލުންނެވެ. މި މެޗުގެ 80 ވަނަ މިނެޓުގައި ނަޕޯލީގެ ކަލިދޫ ކޫލިބަލީ އާއި 90 ވަނަ މިނެޓުގައި ލޮރެންޒޯ އިންސީނޭ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. ކޫލިބަލީއާ ނަސްލީ ގޮތުން ދިމާކޮށްފައިވާތީ މެޗު ހުއްޓާލަފާނެ ކަމުގެ އިންޒާރު ތިން ފަހަރު ރޭ ދަނޑުގެ އެނައުންސަރު ދިނެވެ. ނަޕޯލީގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ދެން އެފަދަ ކަމެއް ވެއްޖެ ނަމަ ނަޕޯލީން މެޗު ހުއްޓާލާފައި ދާނެ ކަމަށެވެ.
ރޭ އޭސީ މިލާން ކުޅުނު މެޗުން ރަށުންބޭރުގައި ރެލިގޭޝަނުގައި އޮތް ފްރޮސިނޯނޭއާ 0-0 އިން އެއްވަރުވިއިރު، އެ ޓީމަށް ވަނީ ފަސް ވަނަ ވެސް ގެއްލިފަ އެވެ. ފަހަކަށް އައިސް މިލާނުގެ ނަތީޖާ ދަށްވުމުން އެ ޓީމުގެ ކޯޗު ޖެނާރޯ ގަޓޫސޯގެ މުސްތަގުބަލާ މެދު ވަނީ ސުވާލުއުފެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy