28 ޖެނުއަރީ 2019 - 08:32
ބާސެލޯނާ (ޖެނުއަރީ 28) - ސްޕެނިޝް ލީގުގައި ރޭ ޖިރޯނާ 2-0 އިން ބަލިކޮށް ބާސެލޯނާ ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑު ދެމެހެއްޓިއިރު، ރަށުންބޭރުގައި އެސްޕަންޔޯލް އަތުން 4-2 އިން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.
މި މޮޅާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތީ 21 މެޗުން 49 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 21 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ. ރެއާލް ތިން ވަނައިގައި އޮތީ 21 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ.
ކަޓަލޫނީއާ ސަރަހައްދަށް ނިސްބަތްވާ ޖިރޯނާ ދަނޑުގައި ކުޅުނު މި މެޗުގެ 10 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިދިނީ ނެލްސަން ސެމޭޑޯ އެވެ. ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަ ކުރަން ޖިރޯނާ އިން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ.
ޖިރޯނާ އަށް މައްސަލަތައް ދިމާވީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ މިނިޓްގެ ތެރޭ އެ ޓީމުގެ ޑިފެންޑަރު ބެނާޑޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ޖިރޯނާގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ބާސެލޯނާގެ ދެ ވަނަ ލަނޑު ޖެހީ މެސީ އެވެ. މެޗުގެ 68 ވަނަ މިނިޓްގައި މެސީ ޖެހި މި ގޯލަކީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 26 ވަނަ ގޯލެވެ.
ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ ފުރަތަމަ ހާފުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަަމަށާއި ޖިރޯނާ އިން ދެއްކީ ހިތްވަރުގަދަ ކުޅުމެއް ކަމަށެވެ. އެކަމަކު ދެ ވަނަ ހާފުގައި އެ ޓީމުން އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ބާސެލޯނާ އަށް އެންމެ ރަނގަޅަށް ނެގުނު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އެސްޕަންޔޯލް ދަނޑުގައި ކުޅުނު މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިނީ ކަރިމް ބެންޒެމާ އެވެ. މެޗުގެ 15 ވަނަ މިނިޓްގައި ސާޖިއޯ ރާމޮސް ރެއާލަށް ލީޑުފުޅާކޮށްދިންއިރު، އެސްޕަންޔޯލްގެ ލިއޯ ބަޕްޓިސްޓާއޯ ވަނީ މެޗުގެ 25 ވަނަ މިނިޓްގައި އެ ޓީމަށް ލަނޑެއް ޖަަހައިދީފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލަށް އަލުން ދެ ގޯލުގެ ލީޑެއް ނަގައިދީ ބެންޒީމާ ވަނީ މެޗުގައި އޭނާގެ ދެ ވަަނަ ގޯލު ޖަހައިފަ އެވެ. ރެއާލުގެ ހަތަރު ވަނަ ލަނޑު މެޗުގެ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ކާމިޔާބުކުރީ ގަރެތު ބޭލް އެވެ. އޭގެ ފަހުން މެޗުގެ 72 ވަނަ މިނިޓްގައި ރެއާލުގެ ރަފައެލް ވަރާން އަށް ރަތް ކާޑެއް ދެއްކުމުން އޭގެ ފައިދާނަގައި އެސްޕަންޔޯލްގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 81 ވަނަ މިނިޓްގައި ރޮބާޓޯ ރޮސާލޭސް އެވެ.
ރެއާލުގެ ކޯޗު ސަންޓިއާގޯ ސޮލާރީ ބުނީ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މޮޅުވުމުގެ އިތުރުން ބޭލް ޓީމާ ގުޅުން ކަމަށާއި އޭނާ ލަނޑެއް ޖެހުމަކީ ކުރިއަށް ހުރި މުހިއްމު މެޗުތަކަށްދާއިރު އިތުބާރު ރަނގަޅުކުރަން ލިބުނު ހިތްވަރެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާސާ ފޭންް
28 January 2019
ސާބަހޭ ބާސާ.....ތިގޮތުގަ ދެމި ހުންނާތި....ރިއާލްއަށް އެއްވަނައަށްް އެރުވިޔަ ނުދޭތި އިންޝާﷲ
ނިއުމާާ
28 January 2019
މަރުހަބާ ރަދީފްގެ 4ވަނަ ޓީމް
ނިއުމާގެ ދޮންދަރި
28 January 2019
ނިއުމާ. ކަލޭގެ އެއްވަނަ ޓީމް އުޅެނީ ލަލީގާގެ ކިތައް ވަނައިގަތަ؟
ލޯންްސްޓަރ.
29 January 2019
ނިއުމާ.ކަލޭގެ 02 ވަނަ ޓީމް އޮތީ ބީޕީއެލްގެ ކިތައް ވަނައިގަތަ؟
ރަދީފް
28 January 2019
މަރުހަބާ ބާސާ.މަރުހަބާ ރެއާލް. #ވިސްކައެލްބާސާ #ހަލަމެޑްރިޑް