މެޑްރިޑް ބަލިކޮށް ބާސާ 10 ޕޮއިންޓުގެ ލީޑެއް ނަގައިފި

މެޑްރިޑް (މާޗް 3) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ރެއާލް މެޑްރިޑް 1-0 އިން ބަލިކޮށް، އެ ޓީމުގެ މައްޗަށް ހަތަރު ދުވަހުގެ ތެރޭގައި ހޯދި ދެ ވަނަ މޮޅާ އެކު ބާސެލޯނާ ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.


ބާސެލޯނާ ލީގުގެ އެއް ވަަނައިގައި އޮތީ 26 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 25 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ. މިރޭ ރެއާލް ސޮސިއެޑާޑް އަތުން އެތުލެޓިކޯ މޮޅުވެއްޖެނަމަ ބާސެލޯނާގެ ލީޑު ހަތް ޕޮއިންޓަށް ކުޑަވާނެ އެވެ. މެޑްރިޑް ތިން ވަނައިގައި އޮތީ 26 މެޗުން 48 ޕޮއިންޓާ އެކު އެވެ.

މިދިޔަ ބުދަ ދުވަހުގެރޭ މެޑްރިޑް ދަނޑުގައި ކުޅުނު ސްޕެނިޝް ކަޕުގެ ދެ ވަނަ ލެގުގައި ބާސެލޯނާ ވަނީ 3-0 އިން މެޑްރިޑް ބަލިކޮށްފަ އެވެ. އެ މެޗުގެ ބަދަލުހިފަން މެޑްރިޑުން ރޭގެ މެޗަށް ނުކުތް ނަމަވެސް ކުރީގެ މެޗެކޭ އެއްގޮތަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ލަނޑު ނުޖެހުމުގެ މައްސަލަ އެވެ. އެ ޓީމުގެ ގަރެތު ބޭލް އާއި ކަރިމް ބެންޒެމާ އަދި ވިނީޝިއަސް ޖޫނިއާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 26 ވަނަ މިނިޓްގައި ބާސެލޯނާ އަށް ކާމިޔާބު ކޮށްދިނީ ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ރަކިޓިޗް ވަނީ މެޑްރިޑުގެ ގޯލްކީޕަރު ތިބޯ ކޯޓުއާ އަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ރޭގެ މެޗުގެ ތެރެއިން ރެއާލުގެ ރާމޯސް (ކ) އާއި މެސީ. -- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ލުއިސް ސުއަރޭޒް ފޮނުވާލި ބޯޅަ ކީޕަރު ކޯޓުއާ ވަނީ ހުއްޓުވައިފަ އެވެ. އަދި މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިއޮނަލް މެސީ އަށް ލިބުނު ފުރުސަތުގެ ބޭނުން ވެސް އެންމެ ރަނގަޅަށް ނުހިފުނެވެ. އަދި ނަތީޖާ ހަމަހަމަކުރަން ރެއާލްގެ ރަފައެލް ވަރާން އަށް ލިބުނު ބޯޅަ އޭނާ އަށް އެންމެ ރަނގަޅަށް ފޮނުވާނުލެވުނެވެ.

މި މެޗުން މޮޅުވެ ރެއާލާ 12 ޕޮއިންޓުގެ ފަރަގެއް އޮތް ނަމަވެސް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ އަދިވެސް ލީގުގެ ރޭހުގައި މެޑްރިޑް އޮތް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"އަހަރެމެންނަށް ނޭނގެ ޖެހިޖެހިގެން ކިތަން މެޗުން އަދިވެސް މެޑްރިޑް މޮޅުވާނެ ކަމެއް. އަނެއްކޮޅުން އެތުލެޓިކޯ ވެސް އެ އޮތީ ހަމަ ކައިރީގައި. އެ ދެ ޓީމަށް ވެސް ފުރުސަތު އެބައޮތް. މެތަމެޓިކަލީ ލީގު ޔަގީންވަންދެން އަހަރެމެން އޮންނާނީ ފަސް ބެލުމެއްނެތި ކުރިއަށް ދިއުން،" ވަލްވޭޑޭ ބުންޏެވެ.

މެޗުގެ ކުރިން މެޑްރިޑުގެ ކޯޗު ސަންޓިއާގޯ ސޮލާރީ ބުނީ ބަލިވެއްޖެނަމަ އެ ޓީމުގެ ސީޒަނަށް ކޮންމެވެސް ވަރެއްގެ ގޯސް އަސަރުތަކެއް ކުރާނެ ކަމަށެވެ.

"ތެދެއް އަހަރެމެންގެ ކޮންފިޑެންސަށް އަސަރުކުރާނެ އެންމެ ބޮޑަށް ވާދަކުރާ ޓީމު އަތުން އަމިއްލަ ދަނޑުގައި ދެ ފަހަރު ބަލިވީމަ. އެކަމަކު ލީގަކީ ގޮތް ނޭނގޭ އެއްޗެއް އަދި ވެސް ގިނަ ކަންތައްތަކެއް ވެދާނެ. އަހަރެމެންނަށް އޮތީ އެންމެ ފަހު ތާރީހާ ހަމައަށް. އެންމެ ފަހު މެޗާ ހަމައަށް މަސައްކަތްކުރުން،" ސޮލާރީ ބުންޏެވެ.

މެޑްރިޑް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ނުކުންނާނީ ނެދަލެންޑްސްގެ އަޔަކްސްއާ ދެކޮޅަށެވެ.