ފޯރިގެންނަން ލިވަޕޫލަށް ޕްރެޝަރު ކުރާކަށް ނުޖެހޭ: ކްލޮޕް

މިއުނިކް، ޖާމަނީ (މާޗް 13) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ ބަޔާން މިއުނިކާއި ލިވަޕޫލް ކުޅޭ މެޗު ފޯރިގަދަކުރަން ކުޅިވަރު އެނަލިސްޓުންނާއި ނޫސްވެރިން ލިވަޕޫލަށް ޕްރެޝަރު ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުދެކޭ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.


ލިވަޕޫލް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މިރޭ ބަޔާނުގެ ދަނޑުގައި ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ކުއާޓާ ފައިނަލުގެ ޖާގައެއް ޔަގީންވާނެ އެވެ. މެޗުގެ ނަތީޖާ 0-0 ނޫން ނަތީޖާ އަކުން އެއްވަރުވެއްޖެނަމަ ކުއާޓާގެ ޖާގަ ލިބޭނީ ލިވަޕޫލަށެވެ.

މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގަށް ވާދަކުރަމުން އަންނަ ލިވަޕޫލަށް ވަނީ މިހާރު އެއް ވަނަ މަގާމު ގެއްލިފަ އެވެ. އަލުން އެއް ވަނަ މަގާމަށް އެރުމަށް ލިވަޕޫލުން މަސައްކަތް ކުރަމުން އަންނައިރު، އެކަން އެންމެ ރަނގަޅަށް ކުރެވޭނީ ޗެމްޕިއަންސް ލީގުގައި ނުކުޅެ ކުރިއަށް ގޮސްގެން ކަމަށް ސްކައިސްޕޯޓްސްގެ ފުޓްބޯޅަ އެނަލިސްޓުންގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ގެރީ ނެވިލް ވަނީ ބުނެފަ އެވެ.

ލިވަޕޫލަށް އެންމެ ރަނގަޅު ގޮތަކީ ހަމައެކަނި ޕްރިމިއާ ލީގަށް ވާދަކުރުންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ކްލޮޕް ބުނީ އެ ވިސްނުމަކީ އޭނާ ބޭނުންވާނެ ގޮތެއް ނޫން ކަމަށެވެ.

"އަހަރެން ގަބޫލެއް ނުކުރަން ދުނިޔޭގެ އެއްވެސް ކޯޗެއް ޗެމްޕިއަންސް ލީގުގައި ވާދަކުރާއިރު ހަމައެކަނި އެ ނޫން މުބާރާތަކަށް ވިސްނާނެ ކަމަށް. އަހަންނަށް ހީވަނީ ތިއީ މުޅިން ތަފާތު ވިސްނުމެއް ހެން. ތި ހިޔާލު ތިއައީ މެންޗެސްޓާ ޔުނައިޓެޑަށް ސަޕޯޓުކުރާ ފުޓްބޯޅަ އެނަލިސްޓަކަށް ވީމާ،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުންޏެވެ. "ލިވަޕޫލްގެ މެޗުތަކުގައި ފޯރިގެންނަން ކުރަން ޖެހޭ ކަމަކީ ހަމައެކަނި ލިވަޕޫލަށް ޕްރެޝަރު ކުރުމެއް ނޫން. ޕްރެޝަރު ކޮންމެ ބަޔަކަށް ވެސް އޮންނާނެ."

ފުރަތަމަ ލެގުގައި ބަޔާނުގެ ރިބެރީ (ކ) ކައިރިން ލިވަޕޫލްގެ ސަލާހު ބޯޅަ ހޯދަން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

މިދިޔަ އަހަރުގެ ފައިނަލުން ބަލިވި ލިވަޕޫލަށް މި ފަހަރުގެ ކުއާޓާ ފައިނަލުން ވެސް ފުރުސަތު ނުލިބި ވަކިވާން ޖެހިއްޖެނަމަ މިއީ މުޅި ސީޒަނަށް ގޯސް އަސަރެއްކުރާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

"މޮޅުވެގެން ކުއާޓާ ފައިނަލަށް ގޮސްފިނަމަ މިއީ މުޅި ޓީމުގެ ކޮންފިޑެންސަށް ރަނގަޅު ބަދަލެއް ގެންނާނެ ކަމެއް. އެކަމަކު ބަލިވެއްޖެނަމަ އެ ނިމުނީ މި މުބާރާތް. އެ ނޫން އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ،" ކްލޮޕް ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ރަށުންބޭރުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. އެ ޓީމުގެ ތާރީހުގައި މި މުބާރާތުގައި މިހާތަނަށް ރަށުން ބޭރުގައި ޖެހިޖެހިގެން ފަސް މެޗުން ބަލިވެފައި ނުވެ އެވެ. އަނެއްކޮޅުން އެންމެ ފަހުން ޔޫރަޕް މުބާރާތެއްގައި ލިވަޕޫލް އަތުން ބަޔާން މޮޅުވީ 1971 ވަނަ އަހަރުގެ ކަޕް ވިނާސް ކަޕްގަ އެވެ.

ލިވަޕޫލާ ދެކޮޅަށް ފުރަތަމަ ލެގުގައި ކުޅުނު ފަހުން ބަޔާން ވަނީ ޖަރުމަނު ލީގުގައި ކުޅުނު މެޗުތަކުން ތަފާތު ބޮޑު ނަތީޖާތަކުން މޮޅުވެފަ އެވެ. މިރޭގެ މެޗާ ކުރިމަތިލާއިރު ބަޔާން އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެކަމަކު އެ ޓީމުގެ ކޯޗު ނިކޯ ކޮވަޗް ބުނީ ކުރިމަތީގައި އޮތީ އުނދަގޫ ޗެލެންޖެއް ކަމަށެވެ.

"މި ކުޅެނީ އަމިއްލަ ދަނޑުގައި 70،000 ސަޕޯޓަރުންގެ ކުރިމަތީގައި. ޔަގީނުން ވެސް ގިނަވާނީ ބަޔާނުގެ ސަޕޯޓަރުން އަހަރެމެން އެ އެޑްވާންޓޭޖް ނެގޭނެ ހުރިހާ ގޮތަކަށް މަސައްކަތްކުރާނަން. ލިވަޕޫލް ކަހަލަ ޓީމެއް ބަލިކުރަން އެ ފަދަ ގޮތަކަށް ތައްޔާރުވާންޖެހޭ،" ކޮވަޗް ބުންޏެވެ.

ބަޔާން މިއުނިކްގެ އަލިއަންޒް އެރީނާގައި މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު ފަށާ މެޗުން ކިޔުންތެރިންގެ ނަޒަރުގައި މޮޅުވާނީ ކޮން ޓީމެއް ހެއްޔެވެ؟