18 މާޗް 2019 - 09:06
މެޑްރިޑް (މާޗް 18) - ސްޕެނިޝް ލީގުގައި ރޭ ރަށުންބޭރުގައި ލިއޮނަލް މެސީގެ ހެޓްރިކާ އެކު 4-1 އިން ރެއާލް ބެޓިސް ބަލިކޮށް ބާސެލޯނާ ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
ލީގުގެ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް މި ހަފްތާގައި ކުޅުނު މެޗުން އެތުލެޓިކް ބިލްބާއޯ އަތުން ވަނީ 2-0 އިން ބަލިވެފަ އެވެ. އެހެންވެ، ރޭގެ މެޗަށް ބާސެލޯނާ އިން ނުކުތީ މޮޅެއް ހޯދައި ލީޑުފުޅާކުރުމުގެ އަޒުމުގަ އެވެ.
ރޭގެ މޮޅާ އެކު ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތީ 28 މެޗުން 66 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް އޮތީ 28 މެޗުން 56 ޕޮއިންޓެވެ. ތިން ވަަނައިގައި ރެއާލް މެޑްރިޑް އޮތީ 28 މެޗުން 54 ޕޮއިންޓާ އެކު އެވެ.
މެޗުގެ 18 ވަނަ މިނިޓްގައި ބާސެލޯނާގެ ފުރަތަަ ލަނޑު މެސީ ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މެސީ ވަނީ ބާސެލޯނާ އަށް އިތުރު ލަނޑެއް ޖަހައިދީފަ އެވެ. އޭގެ ކުރިން ނަތީޖާ ހަމަހަމަ ކުރަން ބެޓިސް އިން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެ ހަމަލާތައް ބާސެލޯނާގެ ޖަރުމަނު ކީޕަރު މާކް އަންދްރޭ ސްޓެގެން ވަނީ މަތަކޮށްފަ އެވެ.
ބާސެލޯނާ އަށް މެޗުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ 63 ވަނަ މިނިޓްގައި ލުއިސް ސުއަރޭޒް އެވެ. ބެޓިސް އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 83 ވަނަ މިނިޓްގައި ކާމިޔާބުކުރީ ލޮރެން މޮރޯން އެވެ. މެސީ އޭނާގެ ހެޓްރިކް ފުރިހަމަކުރީ އޭގެ ތިން މިނިޓް ފަހުން އެވެ. މިއީ ސްޕެނިޝް ލީގުގައި މެސީ ހެދި 33 ވަނަ ހެޓްރިކް އެވެ.
މެޗަށް ފަހު މެސީ ބުނީ މިއީ ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ދިޔަ މެޗެއް ކަމަށެވެ.
"އަހަރެމެން މެޗަށް ނުކުތްއިރު އެތުލެޓިކޯއާ ދެމެދު އޮތް ފަރަގު ބޮޑުކުރަން މިއީ ރަނގަޅު ފުރުސަތެއްކަން އެނގުނު. އެހެންވެ ބޭނުންވީ މި މެޗުން މޮޅެއް. އެކަން ހާސިލްވެއްޖެ. މިއީ މުޅި ޓީމުން ދެއްކި ހިތްވަރު،" މެސީ ބުންޏެވެ.
ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ ޗެމްޕިއަންސް ލީގުގައި ކުޅުމަށް ފަހު ދެން ކުރިމަތިލާ މެޗުތަކުގައި އަބަދުވެސް އުނދަގޫވާ ކަމަށާއި އެކަމަކު މި ފަހަރު ކަންތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި މި މެޗަށް ފަހު އިންޓަނޭޝަނަލް ބްރޭކަށްދާއިރު ޓީމު ރަނގަޅު ލީޑެއްގައި އޮތުމަކީ ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ދެކޭ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހޫ
18 March 2019
އިދިކޮޅު ޓީމުގެ ސަޕޯޓަރުންވެސް ރޭގަ މެސީ މެސީ މެސީ ކިޔާ ސަޕޯޓުކުރި.
ޓެލެންޓް
18 March 2019
ރޭގަ ބެޓިސްކޮޅަށް މެސީ ޖެހި ތިންވަނަ ގޯލަކީ ހިތްގައިމު އަދި ޕުސްކަސްއަށް ނޮމިނޭޓް ވާންޖެހެ ވަރުގެ ގޯލެއް. އެ ގޯލުން ބޯން ޓެލެންޓާ ޓްރެއިންޑް ޓެލެންޓްގެ ތަފާތު ފެންނާނެ.
ސުލޮމޮން
18 March 2019
އެހެން ލީގެއްގައި، އާޖެންޓީނާގެ ގައުމީ ޓީމުގަ މިކަން ނުކުރެވެނީ ކީއްވެބާ؟ މޮޅެތި ކުޅުންތެރިން ދުނިޔޭގެ ހުރިހާ ގަދަ ލީގެއްގައި ވެސް މޮޅަށް ކުޅޭ، ވޯލްޑުކަޕުގައި ވެސް މޮޅަށްކުޅޭ. ޔޫއެޕާލޯނާ އާއި ދެ އަސް ރޭހުގެ ގޮތުގައި ބަލާ ލަލީގާ ނޫނީ ކުޅެވޭ ކަމަކަށް ނުވާ ނަމަ އެހާ މޮޅު ކުޅުންތެރިއެކޭ ބުނާވަރެއް ނޫން ދެއްތޮ
ބުރ\ޯ
18 March 2019
ފިއްތާލައިގެން ހުންނަން ޖެހޭނީ. ދުނިޔޭގަ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަކީ މެސީ ކަން ފުޓްބޯޅަ އެނގޭ ގިނަ ބަޔަކު ގަބޫލުކުރޭ. ޓީމް ކާމިޔާބީއާއި އިންޑިވިޖުއަލް ކާމިޔަބީއަކީ މުޅިން ތަފާތު ދެ އެއްޗެއް. މެސީގެ ސްޓެޓްސްތައް ބަލައިފަ ބުނެބެ މެސީ އާއި އަޅާކިޔޭވަރު މީހެއް ހުރިއްޔާ.
ސިނަމޮން
18 March 2019
ދޮންކަލޯ ތިކިޔޭ އެއްޗެއް އެބަ އިނގޭތަ. މެސީވަނީ ވާލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާކަން ހޯދައި ރިހި މެޑަލް ހޯދާފައި. މިއީ ކަލޭމެންގެ ހީރޯގެ ހުވަފެނުގައިވެސް ނުހޯދޭނެ ކާމިޔާބީއެއް. ދެން 3 ކޮޕާ އެމެރިކާގެ ރިހި މެޑަލް ހޯދިއިރު އެމުބާރާތުގައި އެންމެ ގިނަ އެސިސްޓްހެދި ކުޅުންތެރިޔަކީވެސް މެސީ. ކޮޕާ އެމެރިކާގެ މޮޅު ކުޅުންތެރިޔާކަންވެސް ހޯދި. އެހެން ލީގޭ ތިކިޔާއިރު މޮޅު ޕްރިމިއާރ ލީގުގެ ގަދަ 5 ޓީމް ކޮޅަށް މެސީވަނީ 22 ގޯލް ޖަހާފައި.
ރަދީފް
18 March 2019
@ސުލޮމޮން އަށް. މުޅި ކެރިއަރުގަ ސިންގަލް ޓީމަކަށް ކުޅުން އެއީ މައްސަލައެއް ނޫން. މިސާލު:ޓޯނީ އެޑަމްސް ، ކާލޯސް ޕުޔޯލް ،ފްރެންޗެސްކޯ ޓޮޓީ،ޕައޯލޯ މަލްޑީނީ ، ގިގްސް އަދި ރޮގޭރިއޯ ސެނީ ފަދަ އެތައް ލެޖެންޑުން އެބަތިބި. ކޮމެންޓްގަ ދެން ހުރި ޕޮއިންޓްތަކަށް އެހެން ކޮމެންޓަރުން ރައްދު ދީފައިވާތީވެ އެވާހަކަ ދައްކާކަށް ނެތިން.ވ.ވެދުން
ސިނަމޮން
18 March 2019
އެހެން ލީގޭ ކިޔާއިރު ރޮނާލްޑޯ ޕްރިމިއާރ ލީގުގެ ގަދަ ހަޓީމް ކޮޅަށް ކުޅުނު 78 މެޗުން ޖެހުނީ 28 ގޯލް. އެކަމަކު މެސީވަނީ ގަދަ ފަސް ޓީމް ކޮޅަށް ކުޅުނު 30 މެޗުން 22 ގޯލް ޖަހާފައި. މެސީ ނުޖެހޭ އެހެން ކްލަބަކަށް ގޮސް ފެންވަރު ދަށްކާލާކަށް. އާރޖެންޓީނާގައިވެސް މެސީ ތަފާތު. ފުޓްބޯޅަޔަކީ ޓީމް ގޭމެއްކަން ހަނދާން ނެތުނީތީ ދެރަވެ ހިތާމަކުރަން.
ސިނަމޮން
18 March 2019
ހަޖަމް ނުވީތަ. ކިތަންމެ އަސަރެއް ކުރިޔަސް މެސީ އަކީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ. އެކަން މިސީޒަނުންވެސް ހާމަވާނެ. މެސީވަނީ މި ސީޒަނުގައި ކުޅުނު 37 މެޗުން 39 ގޯލާއި 18 އެސިސްޓް ހަދާފައި. ހަމަ މިގޮތަށް ލަލީގާގައި 32 ބިގް ޗާންސް ކްރިއޭޓްކުރި. ޖުމުލަ މެޗެއްގައި 3.1 ކީ ޕާސް ޖަހާފައިވޭ. ޗެމްޕިއަންސް ލީގުގައިވެސް 8 ގޯލާއި 3 އެސިސްޓްގެ އިތުރަށް 5 ބިގް ޗާންސް ކްރިއޭޓްކުރި. މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ގޯލް ސްކޯރާ، އެންމެ މޮޅު ޑްރިބްލާ އަދި ޕާސާ.
އަންްނި
18 March 2019
މަރުހަބާ ރަދީފް
ރަދީފް
18 March 2019
މަރުހަބާ މެސީ.މަރުހަބާ ބާސާ.ވަރަށް ހިތްގައިމު ހެޓްރިކެއް މެސީގެ ފަރާތުން ރޭގަ ފެނިގެންދިޔައީ.މިދިޔަ އަހަރު ނޮވެމްބަރު މަހުގަ ބެޓިސްއިން ބާސާ ބަލިކުރި ދުވަހުގެ ހިތި ހަނދާންތައް ނައްތާލުމަށް ބާސާއިން ބެޓިސްއަށް ދެވުނު ވަރުގަދަ ނަތިޖާއެއްކަމުގަ ރޭގެ ނަތީޖާ ވާނެކަމާއިމެދު އެއްވެސް ޝައްކެއް ނެތް.#ވިސްކައެލްބާސާ #ވިސްކައެލްބާސާ