އިންގްލެންޑާއި ފްރާންސަށް ފުރިހަމަ ފެށުމެއް

ލަންޑަން (މާޗް 23) - ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ފުރަތަމަ މެޗުތަކުން ބޮޑު ތަފާތަކުން މޮޅުވެ އިންގްލެންޑާއި ފްރާންސުން ފެށުން ފުރިހަމަކޮށްފި އެވެ.


އަމިއްލަ ދަނޑުގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗުން އިންގްލެންޑް މޮޅުވީ 5-0 އިންނެވެ. ދުނިޔޭގެ ޗެމްޕިއަން ފްރާންސް ރަށުންބޭރުގައި މޮލްޑޯވިއާއާ ދެކޮޅަށް ކުޅެ މޮޅުވީ 4-1 އިންނެވެ.

އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މި ވަގުތު ތަފާތު ފޯމެއްގައި ހުރި އިންގްލެންޑްގެ މެންޗެސްޓާ ސިޓީ އަށް ކުޅޭ ފޯވާޑް ރަހީމް ސްޓާލިން ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މިއީ ގައުމީ ޓީމުގެ ޖޯޒީގައި އޭނާ ހެޓްރިކެއް ހެދި ފުރަތަމަ ފަހަރެވެ. ރޭގެ ލަނޑުތަކާ އެކު ސްޓާލިން ވަނީ އިންގްލެންޑަށް ކުޅުނު 48 މެޗުން ހަތް ގޯލު ހަމަކޮށްފަ އެވެ.

ބޮރޫޝިއާ ޑޯޓްމަންޑުގެ ވިންގް ޖޭޑަން ސަންޗޯ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނުއިރު، ދެ ވަަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ވެސްޓް ހޭމް ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރު ޑެކްލަން ރައިސް ވަނީ ކުޅެން އަރުވައިފަ އެވެ. ރައިސް އަކީ ދާދި ފަހުން ނޮދަން އަޔަލެންޑް ދޫކޮށްލުމަށް ފަހު އިންގްލެންޑަށް ކުޅެން ނިންމި ކުޅުންތެރިޔެކެވެ.

އިންގްލެންޑުގެ އަނެއް ދެ ލަނޑުގެ ތެރެއިން އެއް ގޯލަކީ ޗެކް ރިޕަބްލިކުގެ ތޯމަސް ކަލަސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ހެރީ ކޭން އެވެ.

މޮލްޑޯވާ ކުޅުންތެރިއަކު ކައިިރިން ގްރީޒްމަން (ކ) ބޯޅަ ކޮންޓްރޯލް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޔޫރޯ ކޮލިފައިން އާއި ވޯލްޑް ކަޕް ކޮލިފައިންގައި އިންގްލެންޑް އަތުގައި ފުރިމަ ރެކޯޑެއް އޮވެ އެވެ. އެންމެ ފަހުން ކޮލިފައިންތަކުގައި ކުޅުނު 40 މެޗުން ވެސް އިންގްލެންޑް ބަލިވެފައިނުވެ އެވެ. ރޭގެ މެޗަށް ފަހު އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ ފުރުސަތު ދިން ޒުވާން ކުޅުންތެރިން ދެއްކި ކުޅުމަށާއި ރަހީމް ސްޓާލިން އަށް ތައުރީފުކޮށްފަ އެވެ.

މޮލްޑޯވާ ދަނޑުގައި ކުޅުނު މެޗުގެ 24 ވަނަ މިނިޓްގައި ޕައުލް ޕޮގްބާ ދިން ބޯޅަ އަކުން ފްރާންސަށް ލީޑުނަގައިިދިނީ އެންޓޮއިން ގްރީޒްމަން އެވެ. އޭގެ ތިން މިނިޓް ފަހުން ރަފައެލް ވަރާން ވަނީ ފްރާންސަށް ލީޑުފުޅާކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްރާންސްގެ ތިން ވަނަ ލަނޑު ޖެހީ އޮލިވިއޭ ޖިރޫޑް އެވެ.

ފްރާންސްގެ ފަހު ލަނޑު މެޗުގެ 87 ވަނަ މިނިޓްގައި ޖެހީ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. މިއީ އުމުރުން 20 އަހަރުގެ އެމްބާޕޭ ފްރާންސަށް ޖަހައިދިން 11 ވަނަ ގޯލެވެ. އެމްބާޕޭ ލަނޑު ޖެހިތާ ދެ މިނިޓް ފަހުން މެޗުގައި މޮލްޑޯވާ އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ ލަޑިމީރް އަމްބްރޯސް އެވެ.