ކުއަލިއަރެއްލާ އަށް ރެކޯޑެއް، މޮރާޓާ ތަފާތު ދައްކައިފި

މިލާން، އިޓަލީ (މާޗް 27) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރޭ ކުޅުނު މެޗުގައި ލިޗެސްޓައިން ކޮޅަށް ޖެހި ދެ ލަނޑާ އެކު އިޓަލީ އަށް ލަނޑު ޖަހައިިދިން އެންމެ ގިނަ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް ފަބިއޯ ކުއަލިއަރެއްލާ ގާއިމްކުރިއިރު، އަލްވާރޯ މޮރާޓާ ސްޕެއިން މޮޅުކޮށްދީފި އެވެ.


އަމިއްލަ ދަނޑުގައި ލިޗެސްޓައިންއާ ދެކޮޅަށް ކުޅުނު މެޗުން އިޓަލީ ވަނީ 6-0 އިން މޮޅުވެފަ އެވެ. ރަށުންބޭރުގައި މޮލްޓާއާ ދެކޮޅަށް ކުޅުނު މެޗުން ސްޕެއިން ކުރިހޯދީ 2-0 އިންނެވެ.

ގިނަ ދުވަސްތަކަކަށް ފަހު އަލުން ގައުމީ ޓީމުން ފުރުސަތު ހޯދި ސަމްޑޯރިއާގެ އުމުރުން 36 އަހަރުގެ ފޯވާޑް ކުއަލިއަރެއްލާ އަންނަނީ އިޓާލިއަން ލީގުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ރޭގެ މެޗުގައި އޭނާ ދެ ލަނޑު ކާމިޔާބުކުރީ ލިބުނު ދެ ޕެނަލްޓީންނެވެ.

މި ފަހަރު އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި ކުއަގްލިއަރެއްލާ އޮތީ 21 ލަނޑު ޖަހައިގެންނެވެ. އެއީ ބޮޑު އަގެއްގައި މި ފަހަރު ޔުވެންޓަސް އިން ގެނައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވުރެން ދެ ލަނޑު އިތުރު އަދަދެކެވެ.

"މިއީ އަހަންނަށް ވަރަށް އުފާވެރި ރެޔެއް. ދެ ލަނޑު ޖެހުމުގެ އިތުރުން ހެޓްރިކެއް ހަދަން މުޅި ޓީމު ބޭނުންވި އެކަމަކު އަހަންނަށް އެކަން ހާސިލްނުވި. އެންމެ އުފާވަނީ ޓީމު މޮޅުކޮށްދެވުނީމާ،" ރޭގެ މެޗަށް ފަހު ކުއަލިއަރެއްލާ ބުންޏެވެ.

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު މޮރާޓާ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގައި އިޓަލީގެ އަނެއް ލަނޑުތައް ކާމިޔާބުކުރީ ސެޓްފާނޯ ސެންސީ އާއި މާކޯ ވެރާޓީ އާއި ޒުވާން ފޯވާޑް މޮއިސް ކީންގެ އިތުރުން ރޭ މުޅިން އަލަށް ޓީމަށް ކުޅުނު ލިއޮނާޑޯ ޕެވޮލެޓީ އެވެ. ރޭގެ މެޗުގެ ދެ ވަނަ ހާފްގައި ލިޗެސްޓައިން އިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ޑެނިއަލް ކޯފްމަން އަށް ރަތް ކާޑު ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ގަސްދުގައި އޭރިއާ ތެރެއިން ބޯޅައިގައި އަތްލުމުންނެވެ.

ކޮލިފައިންގައި މިހާތަނަށް އިޓަލީ ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ ކޮލިފައިންގައި އަބަދުވެސް އިޓަލީން ތަފާތު ދައްކާ ކަމަށާއި ރޭގެ މެޗާ މެދު އެންމެ އުފާވަނީ ގިނަ ގޯލުތަކެއް ޖެހުމުން ކަމަށެވެ.

އާއިލީ ސަބަބަކާ ހުރެ ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ރޭގެ މެޗުގެ ކުރިން އެނބުރި ގައުމަށް ދާން ޖެހުނު ނަމަވެސް ސްޕެއިނުން ވަނީ ރޭގެ މެޗުގައި މޮލްޓާއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސްޕެއިނުގެ ދެ ލަނޑު ވެސް ޖެހީ ލޯން އެއްބަސްވުމެއްގެ ދަށުން އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޗެލްސީގެ ފޯވާޑް މޮރާޓާ އެވެ.

ރޭގެ ލަނޑުތަކާ އެކު މޮރާޓާ ވަނީ ސްޕެއިނަށް ކުޅެދިން 29 މެޗުން އެ ޓީމަށް 15 ގޯލު ހަމަކޮށްފަ އެވެ. ރޭގެ މެޗުގައި އިތުުރު ލަނޑު ޖަހަން ސްޕެއިނަށް ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

ކޮލިފައިންގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު ސްވިޑަން އާއި ނޯވޭ ވަނީ ފޯރިގަދަ ކުޅުމަކަށް ފަހު 3-3 އިން އެއްވަރުވެފަ އެވެ. އަދި އަޔަލެންޑުން 1-0 އިން ޖޯޖިއާ ބަލިކުރިއިރު، ޑެންމާކާއި ސްވިޒަލެންޑްގެ މެޗު ނިމުނީ 3-3 އިން އެެއްވަރުވެގެންނެވެ.