31 މާޗް 2019 - 09:15
ބާސެލޯނާ (މާޗް 31) - ސްޕެނިޝް ލީގުގައި ރޭ ލިއޮނަލް މެސީގެ މޮޅު ކުޅުމާ އެކު 2-0 އިން ވާދަވެރި އެސްޕަންޔޯލް ބަލިކޮށް ބާސެލޯނާ ލީގުގެ އެއް ވަަނައިގައި 10 ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
ބާސެލޯނާ އެއް ވަަނައިގައި އޮތީ 29 މެޗުން 69 ޕޮއިންޓާ އެކު އެވެ، ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ރޭ 4-0 އިން އަލަވޭސް ބަލިކުރިއިރު، އެ ޓީމު ދެ ވަނައިގައި އޮތީ 29 މެޗުން 59 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑްގެ އޮތީ 28 މެޗުން 54 ޕޮއިންޓެވެ.
ބާސެލޯނާ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ދެ ގޯލު ވެސް ޖެހީ މެސީ އެވެ. އެ ޓީމުން ދެ ލަނޑު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފްގަ އެވެ. ފުރަތަމަ ގޯލު މެޗުގެ 71 ވަނަ މިނިޓްގައި ކާމިޔާބުކުރީ ލިބުނު ހިލޭ ޖެހުމަކުންނެވެ. ތަފާތު ގޮތަކަށް މެސީ ފޮނުވާލި މި ހިލޭ ޖެހުން ގޯލަށް ވަނީ އެސްޕަންޔޯލް ކެޕްޓަން ވިކްޓަ ސަންޗޭޒް ބޮލުގައި ޖެހިފަ އެވެ.
"އަހަންނަކަށް ނޭނގެ މެސީ ކިހިނެއް ވިސްނާފައި ޖެހި ހިލޭ ޖެހުމެއްކަން. އެހާ ފަސޭހައިން އެ ބޯޅަ ފޮނުވާލައިގެން ގޯލެއް ކާމިޔާބުކުރީ އޭނަގެ ވިސްނުން އެ ގޮތަށް ހުރީމަ. މި ދައްކަނީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިއާގެ ވާހަކަ،" މެސީގެ ހިލޭ ޖެހުމާ ބެހޭގޮތުން ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުންޏެވެ.
މެޗު ނިމެން އެއް މިނިޓަށް ވެފައި ހުއްޓައި މެސީ ދެ ވަަނަ ލަނޑު ޖެހީ މެލްކޮމް ދިން ބޯޅަ އަކުން އޭރިއާ ތެރެއިންނެވެ. މިއީ މި ފަހަރު މެސީ ލީގުގައި ކާމިޔާބުކުރި 31 ވަނަ ގޯލެވެ.
އާޖެންޓީނާ މީޑިއާގައި ދާދި ފަހުން މެސީ ވަނީ އޭނާ އަށް އެ ގައުމުގައި ކުރިމަތިވާ ފާޑުކިއުންތަކާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އާޖެންޓީނާގައި މެސީ އަށް ގިނަ ގޮންޖެހުންތައް ހުރި ނަމަވެސް ބާސެލޯނާގައި އެ ފަދަ ކަންތައްތަކެއް ކުރިމަތިނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ވަލްވޭޑޭ ވަނީ ބުނެފަ އެވެ.
ރޭ އަލަވޭސް ކޮޅަށް އެތުލެޓިކޯގެ ލަނޑުތައް ޖެހީ ސައުލް ނިގޭޒާއި، ޑިއޭގޯ ކޮސްޓާ، އަލްވާރޯ މޮރާޓާ އަދި ތޯމަސް ޕާޓޭ އެވެ. މީގެ އިތުރުން ވެސް ލަނޑު ޖަހަން އެތުލެޓިކޯ އަށް ހުސް ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީީ
31 March 2019
މިއީތަ ސީކްރެޓް އިންޖަރީއެއް ވެގެން ގައުމަށް ނުކުޅެވުނު މީހާ؟ ހަމަ މީހުން ބުނިގޮތަށް ބާރސާއަށް ކުޅެންވީމަ 90 މިނިޓް ކުޅެވޭ ވަރަށް ފިޓްވެއްޖެ ދޯ؟ މަރުހަބާ މެސީ އަދި ބާރސާ. ރޭގަ ފެނުނީ މެސީގެ ތަފާތު.
ހަގީގަތް
31 March 2019
ދޮންކަލޯ ފުޓްބޯޅަ އެނގިގެން ކޮމެންޓްކޮށްބަލަ. މެސީ ނުޖެހޭ ޔޫސްލެސް ފްރެންޑްލީސްގައި ކުޅޭކަށް. އޭނަޔަށް ދިމާވީ ކުޑަ އިންޖަރީއެއް. އެ ފްރެންޑްލީ ނުކުޅެ ބާސާޔަށްގޮސް އޭނަ އުޅުނީ ރިކަވާރވާން. އާރޖެންޓީނާ އަދި އެހެން އެއްވެސް ޤައުމެއްވެސް ބޭނުމެއްނުވާނެ އެމީހުންގެ މޮޅު ކުޅުންތެރިޔާ ކުރިޔަށް ކޮޕާ އެމެރިކާ އޮށްވައި ބޭކާރު މެޗެއް ކުޅި އިންޖަރީވާކަށް. މެސީ ރޭގަ ކުޅުނީ އެއް ހަފްތާ ރިކަވަރީޔަށް ހޭދަކޮށްފައި.
ރަދީފް
31 March 2019
މަރުހަބާ ބާސާ.ލަލީގާގަ އެންމެ ފަހުން މެސީ ކުޅުނު 15 މެޗުން 22 ގޯލް ، އަދި މެދުނުކެނޑި ސީޒަނެއްގަ 40 ގޯލަށްވުރެ ގިނައިން ޖަހަމުންއަންނަތާ 10 އަހަރު.ސާބަހޭ މެސީ.ވާދަވެރިން ޔަޢުނީ (ހަސަދަވެރިން) ވަަރަށް ހިތަށް އަސަރުކުރާނެކަންކަން މިހިރަފެނިގެންދަނީ.#ވިސްކައެލްބާސާ #ވިސްކައެލްބާސާ
ހަގީގަތް
31 March 2019
މީގެ އެންމެ ހެއްވާ ތަންކޮޅަކީ އޭގެ ތެރެއިން ގިނަ މެޗުތަކުގައި މެސީ ކުޅުނީ ކުޑަ އިންޖަރީއެއްގައިކަން. މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މެސީ ދަނީ ޕަބަލްޖިޔާ ސަފާރކުރަމުން. އެހެންވީމާ ހާރފް ފިޓް މެސީ އައުޓް ޕާރފޯރމް ކޮށްލެވޭނެ ކުޅުންތެރިޔެއްވެސް ނެތީތާ.