ސިޓީ އަކީ މި ވަގުތު ޔޫރަޕްގެ އެންމެ މޮޅު ޓީމު: ޕޮޗެޓީނޯ

ލަންޑަން (އޭޕްރީލް 9) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އަށް އަހަރަށް ފަހު ޓޮޓެންހަމް ހޮޓްސްޕާސް މިރޭ ނުކުންނައިރު ވާދަކުރަން ޖެހެނީ މި ވަގުތު ޔޫރަޕްގައި އޮތް އެންމެ މޮޅު ޓީމު ކަމަށްވާ މެންޗެސްޓާ ސިޓީއާ ކަމަށާއި އެ މެޗަކީ ބޮޑު ޗެލެންޖެއް ކަމަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.


ކުރިއަށް އޮތް 11 ދުވަހުގެ ތެރޭގައި ޓޮޓެންހަމާއި ސިޓީ ތިން ފަހަރެއްގެ މަތިން ބައްދަލުކުރާނެ އެވެ. އެއީ ޗެމްޕިއަންސް ލީގުގެ ދެ މެޗުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި މި ދެ ޓީމު ބައްދަލުކުރާ މެޗެވެ.

ދެ އަހަރަށް ފަހު ޓޮޓެންހަމުން އެ ޓީމުގެ އަމިއްލަ ދަނޑަށް އައިސް ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގައި ވަނީ ކްރިސްޓަލް ޕެލަސް އަތުން މޮޅުވެފަ އެވެ. ސިޓީއާ ދެކޮޅަށް ޓޮޓެންހަމްގެ އާ ދަނޑުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމަށް ކޮންމެވެސް ވަރެއްގެ އެޑްވާންޓޭޖްތަކެއް އޮންނާނެ ކަމަށް ޕޮޗެޓީނޯ ދެކެ އެވެ.

"މިއީ ވަރަށް އުނދަގޫވާނެ މެޗެއް. އަހަރެމެން މި ކުޅެނީ މި ވަގުތު މުޅި ޔޫރަޕްގައި އޮތް އެންމެ މޮޅު ޓީމާ ދެކޮޅަށް. އެކަމަކު ޔަގީނުން ވެސް މިއީ އަހަރެމެންނަށް ހާއްސަ މެޗެއް. އަހަރެމެންގެ އަމިއްލަ ދަނޑަށް ޗެމްޕިއަންސް ލީގު ފުޓްބޯޅަ އެނބުރި އަންނަ މެޗު. ސަޕޯޓަރުން ވެސް ތިބޭނީ ތަފާތު ރޫހެއްގައި. ޓީމު ވެސް އޮންނާނީ މޮޅުވާން ވަރަށް ތައްޔާރުވެގެން،" ޕޮޗެޓީނޯ ބުންޏެވެ.

ސިޓީގެ ކުޅުންތެރިން ޓޮޓެންހަމްގެ ދަނޑުގައި މިރޭގެ މެޗަށް ފަރިތަކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޕޮޗެޓީނޯގެ ނަޒަރުގައި އާ ސްޓޭޑިއަމްގައި ކުޅޭ ފުރަަތަމަ ޗެމްޕިއަންސް ލީގު މެޗުގެ ރަނގަޅު އަސަރުތަކެއް އެ ޓީމަށް ކުރި ނަމަވެސް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ކޮންމެ ހާލަތަކަށް ވެސް އޭނާގެ ޓީމު ތައްޔާރުކަމަށެވެ.

"ޗެމްޕިއަންސް ލީގުގެ ކޮންމެ މެޗެއްގައި ވެސް ސަޕޯޓަރުން ވަރަށް ވަރުގަދަ އަށް ސަޕޯޓްކުރާނެ. މުޅިން ތަފާތު މާހައުލެއް އޮންނާނީ. އެހެންވީމަ މިއީ ޓޮޓެންހަމްގެ ދަނޑުގައި ކުޅޭ މެޗެއްގެ ގޮތުގައި ސިޓީން ތައްޔާރުވާނީ ވަކި ހާއްސަ ނަޒަރަކުން ބަލައިގެނެއް ނޫން. ސިޓީ އޮންނާނީ ތައްޔާރަށް،" ގާޑިއޯލާ ބުންޏެވެ.

މި ފަހަރުގެ ލީގު ކަޕް ޗެމްޕިއަންކަން ސިޓީން ހޯދާފައިވާއިރު، އެ ޓީމުން އަންނަނީ އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގަށް ވެސް ވާދަކުރަމުންނެވެ. ގާޑިއޯލާ ބުނީ ތަކުރާރުކޮށް ހަތަރު ތަށި ހޯދާ ވާހަކަތައް މީޑިއާގައި ދެކެވުމަކީ ސިޓީ އަށް އިތުރު ޕްރެޝަރެއް އަތުވެދާނެ ކަމެއް ކަމަށާއި އެހެންވެ އެ ފަދަ ސުވާލުތަކަށް އޭނާ ޖަވާބުދޭން ބޭނުންނުވާ ކަމަށެވެ.

އަދި މި ސީޒަނުގައި ސިޓީ އަށް ހަތަރު ތަށި ލިބިއްޖެނަމަ ގާޑިއޯލާ އެ ޓީމު ދޫކޮށްލާނެ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި ސިޓީގައި އޭނާ ފަށާފައިވާ ޕްރޮޖެކްޓްގައި އަދި ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށް ވަނީ ބުނެފަ އެވެ.

އަނިޔާގެ ސަބަބުން ސިޓީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ނުފެނުނު ފޯވާޑް ސާޖިއޯ އަގުއޭރޯ މިރޭގެ މެޗުގައި ފެނުމުގެ ފުރުސަތު ބޮޑެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި މިރޭ ޓޮޓެންހަމާއި ސިޓީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.