ކުޅިވަރު / ޗެމްޕިއަންސް ލީގު

ޓޮޓެންހަމުން ސިޓީ ބަލިކުރިއިރު، ލިވަޕޫލް ސެމީއާ ގާތަށް

ރޭގެ މެޗުގައި ލިވަޕޫލްގެ ގޯލުތައް ކާމިޔާބުކުރި ފިރްމީނޯ (ވ) އާއި ކެއިޓާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 10) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ޓޮޓެންހަމުން 1-0 އިން މެންޗެސްޓާ ސިޓީ ބަލިކުރިއިރު، އަމިއްލަ ދަނޑުގައި ޕޯޓޯ އަތުން 2-0 އިން މޮޅުވެ ލިވަޕޫލް ސެމީ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.

އަށް އަހަރަށް ފަހު ޓޮޓެންހަމުން ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅޭއިރު، މި މެޗު އޮތީ އެ ޓީމަށް އެހެން ގޮތަކުން ވެސް ހާއްސަވެފަ އެވެ. އެއީ އެ ޓީމުގެ އާ ދަނޑުގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުކަމަށްވުމުންނެވެ. އެކަމަކު ރޭގެ މެޗުގައި އެ ޓީމަށް ފެށުން ދިޔައީ އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ.

މެޗުގެ 13 ވަަނަ މިނިޓްގައި ސިޓީގެ ސާޖިއޯ އަގުއޭރޯ ލިބުނު ޕެނަލްޓީ އަކުން ފޮނުވާލި ބޯޅަ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސް ވަނީ މަތަކޮށްފަ އެވެ. މި ޕެނަލްޓީ އަކީ ޓޮޓެންހަމްގެ ވާތު ބެކް ޑެނީ ރޯސް އަތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ދިން ޕެނަލްޓީ އެކެވެ.

ޓޮޓެންހަމަށް މި މެޗުގައި އެންމެ ބޮޑު މައްސަލައެއް ދިމާވީ ދެ ވަނަ ހާފްގެ ކުރީކޮޅުގައި ފައިގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން އެ ޓީމުގެ ފޯވާޑް ހެރީ ކޭން ބަދަލުކުރަން ޖެހުމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ކޭން އަށް ދެން މި ސީޒަނުގައި ކުޅެވުމުގެ ފުރުސަތު ކުޑަ އެވެ.

އަމިއްލަ ދަނޑުގައި އެޑްވާންޓޭޖް ނެގުމަށް މަސައްކަތްކުރަމުންދިޔަ ޓޮޓެންހަމަށް އެކަން ކާމިޔާބުވީ މެޗު ނިމެން 12 މިނިޓަށް ވެފައި ވަނިކޮށެވެ. އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެވެ. އޭނާ ވަނީ ހަމަޖެހިލާފައި އޭރިއާ ތެރެއިން މެންޗެސްޓާ ސިޓީގެ ކީޕަރު އެޑަސަން އަށް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ސިޓީގެ ޑެލްފް (ކ) ކައިރިން ޓޮޓެންހަމްގެ ސޮން ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މިއީ ވަރަށް އުނދަގުލުން ހޯދުނު މޮޅެއް ކަމަށާއި ސެމީގެ ޖާގައެއް ހޯދަން މި އަށް ވުރެން ރަނގަޅަށް އަންނަ ހަފްތާގައި ސިޓީ ދަނޑުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި ކޭން އަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން މި ސީޒަނުގައި ދެން ނުފެނުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެން ނަމަވެސް ޓޮޓެންހަމުން ފަހަތަށް ނުޖެހޭނެ ކަމަށް ބުންޏެވެ.

މިދިޔަ އަހަރުގެ ކުއާޓާ ފައިނަލުން ސިޓީ ކެޓީ ލިވަޕޫލާ ވާދަކޮށެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިދިޔަ އަހަރު ވެދިޔަ ކަންތައްތަކުން ފިލާވަޅުނަގައި މި ފަހަރު އަމިއްލަ ލެގުގައި ކުޅޭ މެޗުގައި ނަތީޖާ އަނބުރާލަން ކުރެެވޭނެ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލިވަޕޫލުން ވަނީ ފުރަތަމަ 25 މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ ފަސް ވަނަ މިނިޓްގައި ޖެހީ ގިނީގެ މިޑްފީލްޑަރު ނަބީ ކެއިޓާ އެވެ. ކެއިޓާ ޖެހި ބޯޅަ ގޯލަށް ވަނީ ޕޯޓޯ ކުޅުންތެރިއަކު ފައިގައި ޖެހިފައި ގޮހެވެ. ލީޑުފުޅާކުރަން މުހައްމަދު ސަލާހަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 25 ވަނަ މިނިޓްގައި ރޮބާޓޯ ފިރްމީނޯ ވަނީ ލިވަޕޫލަށް ދެ ވަނަ ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.

މި މެޗުގައި ލަނޑު ޖަަހަން ޕޯޓޯ އަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެ ގޮތުން އެންމެ ހުސް ފުރުސަތުތައް ލިބުނީ މޫސާ މަރޭގާ އެވެ. އޭނާ ޖެހި އެއް ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.

މިދިޔަ އަހަރުގެ ފައިނަލުން ބަލިވި ލިވަޕޫލް ރޭގެ މެޗުން ހޯދި މޮޅަކީ އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕްގެ ކޯޗިން ކެރިއަރުގައި ލިބުނު 400 ވަނަ މޮޅެވެ. ރޭގެ މެޗަށް ފަހު އޭނާ ބުނީ ސެމީގެ ޖާގަ އަދި ޔަގީންނުވާ ކަމަށާއި ބޭނުންވަނީ ދެ ވަނަ ލެގަކީ ވެސް މޮޅުވުން މަޖުބޫރު މެޗެއްގެ ގޮތުގައި ދެކިގެން ނުކުތުމަށް ކަމަށެވެ.

"މިއީ ފަސޭހަވާނެ ކަމަށް ގިނަ ބަޔަކަށް ހީވި މެޗެއް ނަމަވެސް އަހަރެމެންނަށް ފަސޭހައެއް ނޫން. ޕޯޓޯ އަކީ މޮޅު ފުޓްބޯޅައެއް ކުޅޭ ޓީމެއް. އެ ޓީމުން ފުރުސަތުތައް ވެސް ހޯދި. އެކަމަކު އަހަރެމެން ވަރަށް ވިސްނުންތެރިކަމާ އެކު މޮޅަށް ކުޅެފި. މިއީ ހިތްހަމަ ޖެހޭ ނަތީޖާއެއް،" ކުރިން ޖަރުމަނުގެ ޑޯޓްމަންޑާއި މައިންޒަށް ކޯޗުކޮށްދިން ކްލޮޕް ބުންޏެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލް ދެ މެޗުގެ ދެ ވަނަ ލެގު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެރޭގަ އެވެ.

1 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 46%
icon sad icon sad 46%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަޅުބެ

10 April 2019

ސާބަހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454