ބަޔާނުން ފުރުސަތު ނަގާލުމުން ލީގު ފޯރިގަަދަވެއްޖެ

މިއުނިކް (މެއި 12) - ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުން އާރްބީ ލިޕްޒިގާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް ލީގު ހޯދުމުގެ ފުރުސަތު ބަޔާން މިއުނިކުން ނަގާލުމުން ލީގުގެ ފަހު މެޗުތަކަށްދާއިރު ޗެމްޕިއަންކަން ހޯދުމުގެ ރޭސް ފޯރިގަދަވެއްޖެ އެވެ.


ލީގު ހޯދުމަށް ބަޔާނާ ވާދަކުރަމުން އަންނަ ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި 3-2 އިން ޑަސެލްޑޯފް ބަލިކޮށްފަ އެވެ.

ލީގުގެ ފަހު މެޗުތަކަށް ނުކުންނައިރު ބަޔާން އެއް ވަނައިގައި އޮތީ 33 މެޗުން 75 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް 33 މެޗުން ލިބިފައިވަނީ 73 ޕޮއިންޓެވެ. ލީގު ކަށަވަރުކުރަން ބަޔާނުން އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ނުކުންނާނީ މިހާރު ބަޔާނުގެ ކޯޗަކަށް ހުރި ނިކޯ ކޮވަޗް މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން އެއިންޓްރަކްޓް ފްރާންކްފާޓާ ދެކޮޅަށެވެ.

ކޮވަޗް ބުނީ އަމިއްލަ ދަނޑުގައި މޮޅެއް ހޯދައި ބަޔާނަށް ލީގު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަހަރެން މި ހުރީ އިތުބާރާ އެކު. އަންނަ ހަފްތާގައި މި ލިބެނީ ލީގުގައި ވެސް ފައިނަލެއް ކުޅުމުގެ ފުރުސަތު. މިއީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ނުވެ އޮތް ކަމެއް. އެ މެޗުން މޮޅުވެ ސަޕޯޓަރުން އުފާކޮށްދޭން ތައްޔާރު،" ކްރޮއޭޝިއާ އަށް އުފަން ކޮވަޗް ބުންޏެވެ.

ރޭގެ މެޗުގައި ބަޔާނުގެ ޖަރުމަނު މިޑްފީލްޑަރު ލެއޮން ގޮރެޓްޒްކާ ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު ރެފްރީ އެ ލަނޑު ގަބޫލެއް ނުކުރި އެވެ. ފަހުން ބަޔާނުގެ ސާޖް ގްނަބްރީ އާއި ރޮބަޓް ލެވަންޑޯސްކީ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ވެސް ކާމިޔާބެއްނުވި އެވެ.

ރޭގެ މެޗުގެ ކުރިން ޕުލިސިޗް ޑޯޓްމަންޑްގެ ސަޕޯޓަރުންނަށް ޝުކުރުއަދާކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޑޯޓްމަންޑް ރޭ ކުޅުނު މެޗު އެންމެ ބޮޑަށް ހާއްސަވަނީ އަންނަ ސީޒަނުގައި ޗެލްސީ އަށް ބަދަލުވަން ނިންމާފައިވާ އެމެރިކާގެ ވިންގް ކްރިސްޓިއަން ޕުލިސިޗަށެވެ. ރޭގެ މެޗަކީ އޭނާ ޑޯޓްމަންޑް ދަނޑުގައި ކުޅުނު ފަހު މެޗެވެ. ޑޯޓްމަންޑުން ރޭގެ މެޗުގައި ޖެހި ފުރަތަމަ ގޯލު ކާމިޔާބުކުރީ ޕުލިސިޗެވެ.

ރޭގެ މެޗަށް ފަހު ޕުލިސިޗް ބުނީ ބޭނުންވަނީ ޑޯޓްމަންޑަށް ކުޅޭ ފަހު މެޗުގައި ކާމިޔާބެއް ހޯދުމަށް ކަމަށާއި ފަހު މެޗަށް ނުކުންނާނީ ވެސް ލީގު ޗެމްޕިއަންކަން ހާސިލްކުރުމުގެ ހިތްވަރުގައި ކަމަށެވެ.