ރެއާލަށް ހަޒާޑް ވިއްކާލަން ޗެލްސީން އެއްބަސްވެއްޖެ

މެޑްރިޑް (ޖޫން 7) - ބެލްޖިއަމް ތަރި އެޑެން ހަޒާޑް ވިއްކާލަން ޗެލްސީން ރެއާލް މެޑްރިޑާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ޗެލްސީން ރެއާލަށް ހަޒާޑް ދޫކޮށްލާނީ 88 މިލިއަން ޕައުންޑް (111 މިލިއަން ޑޮލަރު) އަށެވެ. އެކަމަކު ބޯނަސްތަކާ އެކު ހަޒާޑަށް ރެއާލުން ދައްކާ އަގު ޖުމްލަ 130 މިލިއަން ޕައުންޑް (165 މިލިއަން ޑޮލަރު) އަށް އަރާނެ އެވެ.

އުމުރުން 28 އަހަރުގެ ހަޒާޑް ގެންދަން ރެއާލުން ވަނީ ޗެލްސީއާ އެކު ގިނަ މަޝްވަރާތަކެއް ބާއްވައިފަ އެވެ. ޗެލްސީން އެންމެ ފަހުން ހަޒާޑް ދޫކޮށްލަން އެއްބަސްވީ އޭނާ ވެސް އެ ގޮތަށް ބޭނުންވާތީ އެވެ. ޔޫރޮޕާ ލީގުގެ ފައިނަލުގައި އާސެނަލް އަތުން 4-1 އިން މޮޅުވި މެޗަށް ފަހު ހަޒާޑް ބުނީ އެއީ އޭނާ ޗެލްސީ އަށް ކުޅެދިން ފަހު މެޗުކަމަށްވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ރެއާލުން މީގެ ކުރިން ވެސް ހަޒާޑް ހޯދަން މަސައްކަތްކުރި އެވެ. އޭރު ކާމިޔާބުނުވި ނަމަވެސް ރެއާލްގެ ކޯޗުކަމާ ޒިނެދިން ޒިދާން އަލުން ހަވާލުވެ ހަޒާޑް ހޯދުމުގެ މަސައްކަތް ވަރުގަދަކުރުމުން އޭނާ ވެސް އެ ކްލަބަށް ބަދަލުވާން ބޭނުންވީ އެވެ. ހަޒާޑް ވަނީ މީގެ ކުރިން ޒިދާނަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލުން ވަނީ ޕޯޓޯގެ ބްރެޒިލް ޑިފެންޑަރު އެޑާ މިލިޓާއޯ އާއި ފްރޭންކްފާޓްގެ ސާބިއާ ފޯވާޑް ލޫކަ ޖޯވިޗް ގެނެސްފަ އެވެ. ޓޮޓެންހަމްގެ ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ވެސް ވަނީ ރެއާލާ ގުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ހަޒާޑް ޗެލްސީ ދޫކޮށްލާނެކަން ގާތްގަނޑަކަށް ޔަގީންވެފައިވާއިރު، އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީގެ މުސްތަގުބަލާ ބެހޭގޮތުން ވަނީ ސުވާލު އުފެދިފަ އެވެ. ޗެލްސީއާ އެކު މިދިޔަ އަހަރު ޖުލައި މަހު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރި ސާރީ މި ސީޒަނުގައި އެ ޓީމަށް ޔޫރޮޕާ ލީގު ހޯދައިދިނުމަށް ފަހު މިހާރު ބޭނުންވަނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވާށެވެ. ސާރީ ވަނީ ޗެލްސީ ދޫކޮށްލަން ބޭނުންވާ ކަމަށް އެ ކްލަބަށް އަންގައިފަ އެވެ. އެކަމަކު ޗެލްސީން ސާރީ ދޫކޮށްލާނީ އޭނާގެ ކޮންޓްރެކްޓް އުވާލަން ދައްކަންޖެހޭ ފަސް މިލިއަން ޕައުންޑް (6.3 މިލިއަން ޑޮލަރު) ދައްކަން ޔުވެންޓަސް އިން އެއްބަސްވުމުންނެވެ.

އަށާރަ އަހަރުން ދަށުގެ ކުޅުންތެރިން ރަޖިސްޓްރީކުރުމުގައި ގަވާއިދާ ހިލާފުވެފައިވާތީ ޗެލްސީ އަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން ވަނީ އެ ޓީމު ސަސްޕެންޑްކޮށްފަ އެވެ. ޗެލްސީން ފީފާ އާއި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅައިގެން ލުޔެއް ހޯދުމަށް މަސައްކަތްކުރަމުން އައި ނަމަވެސް އަދި އަލިމަގެއް ނުފެނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ސީއޭއެސްގެ ވިސްނުން ހުރީ ފީފާގެ ނިންމުމަށް ތާއީދުކޮށް ޗެލްސީގެ ސަސްޕެންޝަން ދަމަަހައްޓާށެވެ.

ޗެލްސީން ވަނީ ބޮރޫޝިއާ ޑޯޓްމަންޑްގެ އެމެރިކާ މިޑްފީލްޑަރު ކްރިސްޓިއަން ޕުލިސިޗްގެ ސޮއި ހޯދައިފަ އެވެ. ޕުލިސިޗްގެ ޑީލް ޗެލްސީން ނިންމީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޗެލްސީން އަންނަނީ އެ ޓީމަށް ރެއާލުގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ކްރޮއޭޝިއާގެ މަޓެއޯ ކޮވަސިޗްގެ އެއްބަސްވުން ދާއިމީކުރަން މަސައްކަތްކުރަމުންނެވެ. ގަވާއިދު ބުނާގޮތުން ކޮވަސިޗްގެ މިހާރުގެ އެއްބަސްވުން މި މަހު 31 ގެ ނިޔަލަށް ހަމަވުމުގެ ކުރިން ޗެލްސީ އަށް އެ އެއްބަސްވުން ދާއިމީ ކުރެވޭނެ އެވެ.