ފްރާންސާއި ޖަރުމަން އަދި އިޓަލީ އަށް މުހިއްމު މޮޅެއް

ލަންޑަން (ޖޫން 12) - ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ޖަރުމަން އަދި އިޓަލީން މުހިއްމު މޮޅެއް ހޯދައިފި އެވެ.


ތުރުކީ އަތުން ބަލިވުމުން ރޭގެ މެޗުން ފްރާންސް ވަނީ އެންޑޯރާގެ މައްޗަށް 4-0 އިން ކުރިހޯދައި އަލުން ފޯމަކަށް އެޅިފަ އެވެ. އަމިއްލަ ދަނޑުގައި އެސްޓޯނިއާ އަތުން ޖަރުމަން ވަނީ 8-0 އިން މޮޅުވެފަ އެވެ. އަދި ވަރުގަދަ ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުން އިޓަލީ މޮޅުވީ 2-1 އިންނެވެ.

ރަށުން ބޭރުގައި އެންޑޯރާއާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސަށް ލީޑުނަގައިދިނީ ކިލިއަން އެމްބާޕޭ އެވެ. އެ ޓީމުގެ އަނެއް ގޯލުތައް ކާމިޔާބުކޮށްދިނީ ވިސާމް ބެން ޔެޑާ، ފްލޯރިއަން ތޯވާން އަދި ކާޓް ޒޫމާ އެވެ. މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފްރާންސަށް ލިބިގެންދިޔަ އެވެ.

މި ގްރޫޕްގައި ރޭ ތުރުކީ ކުޅުނު މެޗުން އައިސްލެންޑް އަތުން 2-1 އިން ބަލިވެފައިވާއިރު، ފްރާންސް ވަނީ އަލުން އެއް ވަނަ އަށް އަރައިފަ އެވެ. އެއް ވަނައިގައި އޮތް ފްރާންސާއި ދެ ވަނައިގައި އޮތް ތުރުކީ އަދި ތިން ވަނައިގައި އޮތް އައިސްލެންޑަށް ވެސް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ކޮންމެ ގްރޫޕަކުން ވެސް ޔޫރޯ އަށް ކޮލިފައިވާނީ އެއް ވަނަ އަދި ދެ ވަނަ އެވެ.

ކޮލިފައިންގައި މިހާތަނަށް ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓަމުން އަންނަ އިޓަލީއާ ދެކޮޅަށް ފުރަތަމަ ގޯލު ޖެހީ ބޮސްނިއާ އިންނެވެ. މި ގޯލު ކާމިޔާބުކުރީ އިޓަލީގެ ރޯމާ އަށް ކުޅެމުން އަންނަ ފޯވާޑް އެޑިން ޒެކޯ އެވެ. ދެ ވަނަ ހާފްގައި އިޓަލީ ކޮޅަށް ނަތީޖާ އަނބުރާލި ގޯލުތައް ކާމިޔާބުކުރީ ލޮރެންޒޯ އިންސީނިއޭ އާއި މާކޯ ވެރާޓީ އެވެ.

އެސްޓޯނިއާ ކީޕަރު ލެމެންޓް ކައިރިން ޖަރުމަނުގެ ސާނޭ ގޯލަށް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ

އިޓަލީން ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވެ، ގްރޫޕް ޖޭގެ އެއް ވަނައިގައި އޮތީ 12 ޕޮއިންޓް ހަމަކޮށްގެންނެވެ. އެ މެޗުތަކުން 13 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ ގޯލެކެވެ. އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ ކުޅުންތެރިންގެ ފަރާތުން ފެންނަ ހިތްވަރަކީ މެޗުތަކުން މޮޅުވުމަށް ލިބޭ އެންމެ ބޮޑު ފަސޭހަ ކަމަށެވެ.

"މި ޓީމުގެ ނަތީޖާތައް މިހާރު މި ހުރި ހިސާބަށް ގެންދަން އުނދަގޫވާނެ ކަމަށް އަހަރެން ހީކުރީ. އެކަމަކު އެކަން ފަސޭހަކޮށްދިނީ ކުޅުންތެރިން. އަދިވެސް ރަނގަޅުކުރެވޭނެ،" ކުރިން އިންޓަ އާއި މެންޗެސްޓާ ސިޓީ އަށް ކޯޗުކޮށްދިން މަންޗިނީ ބުންޏެވެ.

ޒުވާން ގިނަ ކުޅުންތެރިންނާ އެކު ފަހަކަށް އައިސް ކުޅެމުން އަންނަ ޖަރުމަނަށް ރޭ އެސްޓޯނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މާކޯ ރެއުސް އާއި ސާޖް ގްނަބްރީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖެހިއިރު އެހެން ލަނޑުތައް ޖެހީ ލެއޯން ގޮރެޓްޒްކާ، އިލްކާއި ގުންޑޮގާން، ޓިމޯ ވާނާ އަދި ލެރޯއި ސާނޭ އެވެ.

ކޮލިފައިން ގްރޫޕް ސީގެ އެއް ވަނައިގައި އޮތީ ރޭ ބެލަރޫސް އަތުން 1-0 އިން މޮޅުވި ނޮދަން އަޔަލެންޑެވެ. އެ ޓީމަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަަނައިގައި އޮތް ޖަރުމަނަށް ތިން މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.