ތިން މުބާރާތަކާ ބެހޭގޮތުން ސުވާލުކޮށް ޕްލެޓިނީ ދޫކޮށްލައިފި

ޕެރިސް (ޖޫން 20) - ތިން މުބާރާތެއް ބާއްވަން ގައުމުތަކަށް ފުރުސަތު ދިނުމުގައި ކޮރަޕްޝަން ހިންގާފައިވޭތޯ ބެލުމަށް ސުވާލުކުުރުމަށް ފަހު ޔުއެފާގެ ކުރީގެ ރައީސް ފްރާންސްގެ މިޝޭލް ޕްލެޓިނީ ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.


ފްރާންސްގެ އެންޓި-ކޮރަޕްޝަން ފުލުހުން ޕްލެޓިނީ ހައްޔަރުކުރީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ގަތަރަށް ފުރުސަތު ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ކުރެވޭ ތުހުމަތުގެ ތަހުގީގަށެވެ. އެކަމަކު އެ ތަހުގީގުގައި ޕްލެޓިނީއާ ވަނީ 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ، މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް އަދި ގަތަރުގައި ބާއްވަން ނިންމާފައިވާ ވޯލްޑް ކަޕާ ބެހޭގޮތުން ސުވާލުކޮށްފަ އެވެ.

ފްރާންސްގެ ކުރީގެ ކެޕްޓަން ޕްލެޓިނީގެ ވަކީލު ވިލިއަމް ބޯޑޮން ބުނީ ޕްލެޓިނީ ދޫކޮށްލިއިރު، އެއްވެސް ކަމެއްގައި ތުހުމަތުކުރާ ކަމަށް ފުލުހުން ނުބުނާ ކަމަށެވެ. އުމުރުން 63 އަހަރުގެ ޕްލެޓިނީ ވިދާޅުވީ ސުވާލުކުރެވުނު އެއްވެސް ކަމެއްގައި އޭނާއާ ގުޅޭ އެއްވެސް ކަމެއް ނެތް ކަމަށާއި އޭނާގެ މައްޗަށް ތުހުމަތެއް ކުރެވޭނެ ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

"ސުވާލުތަކަށް ބަލާނަމަ ވަރަށް ގިނަ އަދަދަކަށް ކުރެވުނު. އެއީ ތިން މުބާރާތާ ބެހޭގޮތުން ވީމަ ގިނަ ވާނެ. ހަގީގަތަކީ އޭގައި އަހަރެންގެ މައްޗަށް ކުރެވޭނެ ތުހުމަތެއް ނެތް،" ޕްލެޓިނީ ވިދާޅުވި އެވެ.

ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ގަތަރަށް ދޭން 2010 ވަނަ އަހަރު ފީފާގެ އެގްޒެކެޓިވް ކޮމިޓީން ނިންމި އިރު ޕްލެޓިނީ އަކީ އެ ކޮމިޓީގެ މެމްބަރެކެވެ. އެ ވޯޓުގެ ކުރިން އެގްޒެކެޓިވް ކޮމިޓީގެ ދެ މެމްބަރަކު ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ސަސްޕެންޑްކޮށްފަ އެވެ.

ފްރާންސްގެ ފައިނޭންޝިއަލް ކްރައިމްސް ޕްރޮސެކިއުޓާ (ޕީއެންއެފް) އިން ގަތަރުގެ ވޯލްޑް ކަޕާ ގުޅޭ ކޮރަޕްޝަން މައްސަލަތައް 2016 ވަނަ އަހަރު ބަލަން ފެށިއިރު، އެކަމާ ގުޅިގެން ގިނަ ބަޔަކާ ފާއިތުވި އަހަރެއްހާ ދުވަސްތެރޭގައި ވަނީ ސުވާލުކޮށްފަ އެވެ.

ފްރާންސާ އެކު 1984 ވަނަ އަހަރުގެ ޔޫރަޕިއަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރެއްވި ޕްލެޓިނީއާ ސުވާލުކުރަން ނިންމިއިރު، ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާއާ އޮންނަ ގާތްގުޅުމުގެ ސަބަބުންނާއި ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީއާ އޮންނަ ގާތްގުޅުމެއްގެ ސަބަބުން މަގާމުގެ ނުފޫޒުގައި ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ފްރާންސްގެ މީޑިއާގައި އަަޑުފެތުރިފައިވަނިކޮށެވެ. އަދި ޕްލެޓިނީ އަންނަނީ ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ފާޅުގައި ފާޑުވިދާޅުވަމުންނެވެ.

ޕްލެޓިނީ މިހާރު ވެސް ހުންނެވީ ފުޓްބޯޅައިން ސަސްޕެންޑްކުރެވިފަ އެވެ. އޭނާ އާއި ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ސަސްޕެންޑްކުރީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ ގޮތުގައި 1.3 މިލިއަން ޕައުންޑްގެ މުއާމަލާތެއް އެއްބަސްވުމުގެ ބޭރުން ހިންގާފައިވާތީ އެވެ. ޕްލެޓިނީ އަށް 2015 ވަނަ އަހަރު ފުރަތަމަ އައީ އަށް އަހަރުގެ ސަސްޕެންޝަނެކެވެ. އެހެން ނަމަވެސް އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ވަނީ ހަތަރު އަހަރަށް ކުޑަކޮށްފަ އެވެ. ޕްލެޓިނީ އަންނަނީ މިހާރު ދީފައިވާ ސަސްޕެންޝަން އެއްކޮށް އުވާލުމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ދިއުމަށް މަސައްކަތްކުރަމުންނެވެ.