ފަސޭހަނުވާނެ، ބްރެޒިލް ބަލިކުރެވޭނެ: މެސީ

ރިއޯ ޑި ޖަނޭރޯ، ބްރެޒިލް (ޖޫން 29) - ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި، މުބާރާތް ބާއްވާ ގައުމު ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަނުވާނެ ކަމަށާއި އެކަމަކު އެ ޓީމު ބަލިކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އާޖެންޓީނާގެ ކެޕްޓަން މެސީ ބުނެފި އެވެ.


ޕެނަލްޓީ ޖަހައިގެން ޕެރަގުއޭ ބަލިކޮށް ބްރެޒިލް މުބާރާތުގެ ސެމީން ފުރުސަތު ހޯދިއިރު، އާޖެންޓީނާ އިން ސެމީގެ ޖާގަ ކަށަވަރުކުރީ ރޭ ކުޅުނު ކުއާޓާ ފައިނަލު މެޗުގައި 2-0 އިން ވެނެޒުއޭލާ ބަލިކުުރުމަށް ފަހު އެވެ.

ކޮޕާ އެމެރިކާގައި އެންމެ ފަހުން އާޖެންޓީނާ އާއި ބްރެޒިލް ކުޅުނީ 2007 ވަނަ އަހަރުގެ ފައިނަލުގަ އެވެ. އެ ފަހަރު ބްރެޒިލް މޮޅުވީ 3-0 އިންނެވެ.

ރޭގެ މެޗަށް ފަހު މެސީ ބުނީ އަންގާރަ ދުވަހު ބްރެޒިލާ ދެކޮޅަށް ސެމީ އަށް ނުކުންނައިރު ފޭވަރިޓެއް ނޯންނާނެ ކަމަށެވެ.

"އާޖެންޓީނާ އާއި ބްރެޒިލްގެ ތެރެއިން ފޭވަރިޓެއް ނަގަން އުނދަގޫވާނެ. އަދި މި ކޮޕާ އެމެރިކާގައި ވެސް ވަކި ޓީމެއް މޮޅުވާނެޔޭ ބުނަން އުނދަގޫވާނެ. އެއީ ކޮންމެ ޓީމަކަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ ފެންވަރު އެބަހުރި،" އުމުރުން 32 އަހަރުގެ މެސީ ބުންޏެވެ. "މިއީ ފަސޭހަވާނެ މެޗެއް ނޫން. އެކަމު ބްރެޒިލް ބަލިކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް."

މި ފަހަރުގެ މުބާރާތުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން ކޮލަމްބިއާ އަތުން ބަލިވިއިރު، ދެ ވަނަ މެޗުން ވަނީ ޕެރަގުއޭއާ 1-1 އިން އެއްވަރުވެފަ އެވެ. އާޖެންޓީނާ އަށް ކުއާޓާގެ ޖާގަ ލިބުނީ ގްރޫޕްގެ ފަހު މެޗުން ގަތަރު އަތުން މޮޅުވުމުންނެވެ.

މެސީ ބުނީ ޖެހިޖެހިގެން ދެ މެޗުން މޮޅުވެ އާޖެންޓީނާ އޮތީ ރަނގަޅު ފޯމެއްގައި ކަމަށެވެ. މި ފަހަރުގެ މުބާރާތުގައި މެސީ އަށް މިހާތަނަށް ޖެހުނީ އެންމެ ގޯލެކެވެ. އެއީ ޕެރަގުއޭއާ ދެކޮޅަށް ލިބުނު ޕެނަލްޓީ އަކުން ޖެހި ގޯލެވެ.

"މިއީ އަހަންނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކޭ މުބާރާތެއް ނޫން. އެކަމަކު ސެމީ އަށް ދާއިރު މި ޓީމު މި އޮތީ ރަނގަޅު ފޯމެއްގައި. ޑިފެންސަށް ވިސްނާލިޔަސް މިދިޔަ ދެ މެޗުގައި އަހަރެމެން ރަނގަޅަށް ކުޅެފި،" މެސީ ބުންޏެވެ،

ކޮޕާ އެމެރިކާގެ ތަށި 1993 ވަނަ އަހަރު ކާމިޔާބުކުރި ފަހުން އާޖެންޓީނާ އަށް ބޮޑު މުބާރާތެއް ހޯދިފައެއް ނުވެ އެވެ. އެކަމުގެ ހުރިހާ ޕްރެޝަރެއް އޮތީ އެ ޓީމުގައި ހުރި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ މެސީ އަށެވެ. އާޖެންޓީނާއާ އެކު ޖެހިޖެހިގެން ތިން ފައިނަލުން ބަލިވެފައިވާ މެސީ މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި އެވެ. އޭނާ އަލުން ޓީމާ ގުޅުނީ މި ފަހަރުގެ މުބާރާތް ގާތްވެފައިވަނިކޮށެވެ.