ގްރީޒްމަން އާއި ބާސެލޯނާ ގޮވައިގެން އެތުލެޓިކޯ ފީފާ އަށް

ބާސެލޯނާ (ޖުލައި 13) - ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވީ އުސޫލުން ބޭރުން އަމަލުކޮށްގެން ކަމަށް ބުނެ، އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑުން ފީފާ އަށް މައްސަލަ ހުށަހަޅަން ނިންމައިފި އެވެ.


އުމުރުން 28 އަހަރުގެ ގްރީޒްމަން އިއްޔެ ބާސެލޯނާ އަށް ބަދަލުވީ އޭނާ އެތުލެޓިކޯއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަންޖެހޭ 135 މިލިއަން ޑޮލަރު ބާސެލޯނާ އިން ދެއްކުމުންނެވެ. އެކަމަކު އިއްޔެ ބާސެލޯނާ އިން ގްރީޒްމަން އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި އާންމުކުރިތާ މާގިނަ އިރުތަކެއްނުވެ އެތުލެޓިކޯ އިން ވަނީ އެ ޑީލް ފުރިހަމަނުވާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.

އެތުލެޓިކޯ އިން ބުނީ މިދިޔަ އަހަރުގެ ޖޫން މަހު ގްރީޒްމަން އެ ކްލަބާ އެކު ހަދާފައިވާ ފަސް އަހަރުގެ އެއްބަސްވުމުގައިވާ ގޮތުން ގްރީޒްމަން އަށް 135 މިލިއަން ޑޮލަރަށް އެހެން ކްލަބަކަށް ބަދަލުވެވޭނީ މަޝްވަރާތައް މި މަހު ފަށައިގެން ކަމަށެވެ. އެކަމަކު ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވާން އެ ކްލަބާ އެކު މާޗް މަހު މަޝްވަރާކޮށް އެ ޓީމާ ގުޅެން ނިންމާފައިވާކަން އެތުލެޓިކޯ އަށް އެންގީ މިދިޔަ މެއި މަހު ކަމަށެވެ.

އަދި ބާސެލޯނާ އިން އޭރު ގްރީޒްމަންއާ އެކު މަޝްވަރާކޮށް އެއްބަސްވުމަކަށް އައިސްފައިވާއިރު، އެ މުއްދަތަށް ބަލާނަަމަ ކޮންޓްރެކްޓް އުވާލަން ދައްކަންޖެހޭ ފީ 225 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. އެހެން ކަމުން ބާސެލޯނާ އިން ގްރީޒްމަން ބޭނުންވާނަމަ އިތުރު 90 މިލިއަން ޑޮލަރު ދައްކަންޖެހޭނެ ކަމަށް އެ ކްލަބުން ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަސްމީ ނޫން ސިފައެއްގައި ބާސެލޯނާ އިން ވަނީ ގްރީޒްމަން ހޯދަން އިތުރު އެއްވެސް އަދަދެއްގެ ފައިސާއެއް އެތުލެޓިކޯ އަށް ނުދޭން ނިންމައިފަ އެވެ. އަދި އެތުލެޓިކޯ އަށް ބާސެލޯނާ އިން އަންގާފައިވަނީ އެ ކްލަބުން އަމަލުކޮށްފައިވަނީ ލަލީގާގެ ގާވައިދުތައް ބުނާގޮތަށް ކަމަށާއި ޑީލް ނިމިފައިވަނީ ޖުލައި ކަމަށްވާއިރު، އެ މަހުގައި ނިމޭ ޑީލަކަށް ދައްކަންޖެހޭ އަދަދަށް އެ ކްލަބުން ފައިސާ ދައްކާފައިވާނެ ކަމަށެވެ.

ސްޕެއިނުގެ ފުޓްބޯޅަ ތަޖުރިބާކާރަކު މީޑިއާ އަށް ބުނީ ބާސެލޯނާ އިން މިދިޔަ މެއި މަހު ގްރީޒްމަންއާ އެކު އެއްބަސްވުމަކަށް އައި ނަމަވެސް އޭރު އެކަން އާންމުނުކުރީ އޭނާގެ އަގު އުފުލޭނެތީ އެވެ. އަދި މި މަސް ފެށެން ދެން މަޑުކުރީ އަގުވެއްޓުމުން އެއްބަސްވުމަކަށް އައުމުގެ ގޮތުންނެވެ.

މި މައްސަލަ އެތުލެޓިކޯ އިން ފީފާ އަށް ހުށަހަޅަން ނިންމާފައިވާއިރު، އެ ކްލަބުން އެދެނީ ފީފާ އިން ހަދާފައިވާ ޓްރާންސްފާގެ ގަވާއިދުތަކާ ހިލާފަށް ބާސެލޯނާ އާއި ގްރީޒްމަން ބައިވެރިވެގެން ޕްރޮފެޝަނަލް އުސޫލާ ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާތީ އެ ދެ ފަރާތަށް ފިޔަވަޅު އެޅުމަށެވެ. މީގެ ކުރިން ވެސް އެތުލެޓިކޯ އިން ވަނީ ގްރީޒްމަން މައްސަލައިގައި ބާސެލޯނާ އިން ކަންތައްތައް ކުރަނީ އިހުތިރާމް ކުޑަކޮށް ކަމަށް ބުނެ އެ ކްލަބަށް ފާޑުކިޔައިފަ އެވެ.

އެތުލެޓިކޯގެ ރައީސް އެންރީކޭ ސެރޭޒޯ ވިދާޅުވީ ކްލަބުން ނެރެފައިވާ ބަޔާނުގެ އިތުރުން އޭނާ މީޑިއާގައި ވާހަކަ ނުދެއްކޭނެ ކަމަށާއި އުސޫލުތަކުގެ ތެރެއިން ކަންތައްތައް ގަބޫލުކުރާނަމަ އަދި ގްރީޒްމަން އަކީ ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި ބެލެވޭނެ ހަމައެއް ނެތް ކަމަށެވެ.

ގްރީޒްމަން ވަނީ މިދިޔަ އަހަރު ވެސް ބާސެލޯނާ އަށް ބަދަލުވުމާ ގާތަށް ޖެހިލައިފަ އެވެ. އެކަމަކު ފަހު ވަގުތު ނިންމުން ބަދަލުކުރުމުން ބާސެލޯނާގެ ސަޕޯޓަރުންނާއި ކުޅުންތެރިންގެ ނުރުހުން އޭނާ އަށް އަމާޒުވި އެވެ. އެހެންވެ ގްރީޒްމަން ބާސެލޯނާ ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްކުރާއިރު ސަޕޯޓަރުން ނުވައްދައި ކުރިއަށްގެންދަން ބާސެލޯނާ އިން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.