ގާޑިއޯލާ އަށް އުފަލެއް، މޮރީނިއޯ ކުރީ ޝަކުވާ!

މެންޗެސްޓާ (ސެޕްޓެމްބަރު 11) - ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ މޮޅުވުމަކީ އުފާވެރި ނަތީޖާއެއް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނިއިރު، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އެ ޓީމުގެ ބައެއް ކުޅުންތެރިންނާ މެދު ޝަކުވާ ކޮށްފި އެވެ.


ރޭގެ މެޗުން 2-1 އިން އަމިއްލަ ދަނޑުގައި ސިޓީ އަތުންވި ބައްޔަކީ މޮރީނިއޯ ޔުނައިޓެޑާ ހަވާލުވި ފަހުން އެޓީމު ބަލިވި ފުރަތަމަ މެޗެވެ. މެޗަށް ފަހު މޮރީނިއޯ ބުނީ ކުޅުންތެރިންގެ މަސައްކަތުގެ ރޭޓް ދަށް ކަމަށާއި ނަތީޖާ އިންސާފުވެރިއެއް ނޫން ކަމަށެވެ.

"ތަފާތު ގޮތަކަށް ފެނުނު މެޗެއް މިއީ. ފުރަތަމަ ހާފްގައި އަހަރެމެންގެ ފަރާތުން ފެނުނީ ލަސް ކުޅުމެއް. ސިޓީ އަތުގައި މުޅިން ކޮންޓްރޯލް އޮތީ. އެކަމަކު އަހަރެމެންނަށް ލަނޑެއް ޖެހުނު. އެއީ ކުރި މަސައްކަތަށް ލިބުނު ބަދަލެއް. އެކަމަކު ދެ ވަނަ ހާފްގައި މުޅިން ކުޅުނީ ޔުނައިޓެޑް. ދެއްކި ހިތްވަރާއި ތަނަވަސްކުރި ފުރުސަތަށް ބަލާއިރު މިއީ އަހަރެމެންނަށް ޕޮއިންޓެއް ހައްގު މެޗެއް،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ބައެއް ކުޅުންތެރިންގެ ފަރާތުން ބޭނުންވާ ފެންވަރުގެ ކުޅުމެއް ނުފެންނަ ކަމަށެވެ.

"ބައެއް ފަހަރު ކުޅުންތެރިން ކޯޗު މާޔޫސްކުރޭ. މި މެޗުގައި އަހަރެމެންގެ ޓީމުގައި ތިބި އަހަރެން ބޭނުންވާ ފެންވަރަށް ނުކުޅެވޭ ދެ ތިން ކުޅުންތެރިން. އެ ކުޅުންތެރިން އެ ގޮތަށް ކުޅޭނެކަން ކުރިން އެނގޭނަމަ އަހަރެން އެމީހުން ނާރުވާނަން،" މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑް މި މެޗު ފެށީ ޓީމުގެ ފުރަތަމަ އެގާރައިގައި ޖެސޭ ލިންގާޑާއި ހެންރިކް މިކިތާރްޔަން ހިމަނައިގެންނެވެ. ރަނގަޅު ކުޅުމެއް ނުދެއްކުމުން ފުރަތަމަ ހާފް ނިމުމުން މި ދެ ކުޅުންތެރިން ވަނީ ބަދަލުކޮށްފަ އެވެ.

ރޭގެ މެޗުގައި ޔުނައިޓެޑުގެ ބޯލް ޕޮސެޝަން އަކީ 39.9 އިންސައްތަ އެވެ. މިއީ އަމިއްލަ ދަނޑުގައި ޔުނައިޓެޑް ކުޅުނު މެޗަކުން 2003 ވަނަ އަހަރަށް ފަހު އެ ޓީމުގެ ބޯލް ޕޮސެޝަން މިހާ ދަށްވި ހަތަރު ވަނަ މެޗެވެ.

ރޭގެ މޮޅާ އެކު ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ 100 ޕަސެންޓް ރެކޯޑަކާ އެކު ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯއާ ދެކޮޅަށް ނުކުތް 18 ވަނަ މެޗުން އަށް ވަނަ މޮޅު ހޯދައިފަ އެވެ. މޮރީނިއޯ އަށް މޮޅުވެވުނީ ތިން މެޗުންނެވެ. ގާޑިއޯލާ އަކީ މިހާތަނަށް ސިޓީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ކުޅުނު ފުރަތަމަ ހަ މެޗުން މޮޅުވި ހަމައެކަނި ކޯޗެވެ.

"މިއީ އަހަރެމެން ވަރަށް އުފާކުރާ ނަތީޖާއެއް. ބެލުންތެރިންނަށް ވެސް ވަރަށް ކަމުދާނެ މެޗެއް މިއީ. މެޗު ފެށިގެން ނިމެންދެކަށް ދެ ޓީމަށް ވެސް ފުރުސަތު އޮތް މެޗެއް. ފުރަތަމަ ހާފްގައި އަހަރެމެންނަށް ކޮންޓްރޯލް އޮތް ނަމަވެސް ޔުނައިޓެޑްގެ ލަނޑަށް ފަހު މެޗު އުނދަގޫވި،" ސިޓީގެ ކޯޗު ގާޑިއޯލާ ބުންޏެވެ.

މި މެޗަކީ ބާސެލޯނާ ދޫކޮށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ސިޓީ އަށް ބަދަލުވި ކީޕަރު ކްލައުޑިއޯ ބްރާވޯ ކުޅުނު ފުރަތަމަ މެޗެވެ. ޔުނައިޓެޑުން ލަނޑު ޖެހީ ބްރާވޯ އަށް އަތުން ދޫވި ބޯޅަ އަކުންނެވެ. ގާޑިއޯލާ ބުނީ ބްރާވޯ އަކީ މޮޅު ކީޕަރެއް ކަމަށާއި ކޮންމެ މީހެއްގެ އަތުން ވެސް ގޯހެއް ހެދިދާނެ ކަމަށެވެ.