ޕެރިސް، ފްރާންސް (ޖުލައި 17) - ޕީއެސްޖީން އެ ޓީމުގެ ބްރެޒިލްގެ ތަރި ނޭމާ ވިއްކާލާއިރު ބަދަލުގައި ކުޅުންތެރިއެއް ބޭނުންނުވާ ކަމަށާއި ބޭނުންވަނީ 250 މިލިއަން ޑޮލަރު ކަމަށް އެ ކްލަބާ ހަވާލާދީ ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މީގެ ދެ އަހަރު ކުރިން، ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޑޮލަރަށް ޕީއެސްޖީން ނޭމާގެ ސޮއި ހޯދިއިރު، މިހާރު އޭނާގެ ވިސްނުން ހުރީ އެނބުރި ކުރީގެ ކްލަބް ބާސެލޯނާއާ ގުޅޭށެވެ. ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް އާއި އެ ޓީމުގެ ޑިރެކްޓަރު ލިއޮނާޑޯ ވެސް ވަނީ ނޭމާ ކްލަބް ބަދަލުކުރަން ބޭނުންވާކަން ކްލަބަށް އަންގާފައިވާ ކަމަށް މީޑިއާގައި ބުނެފަ އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެތުލެޓިކޯ މެޑްރިޑުން 135 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ގަތުމަށް ފަހު ބާސެލޯނާ އަށް މި ވަގުތު އޮތް ހުރަހަކީ ބޮޑު އަގުގައި އިތުރު ކުޅުންތެރިއަކު ގަނެވެން ނެތުމެވެ. އެއީ ފައިނޭންޝަލް ފެއާޕްލޭ (އެފްއެފްޕީ) ގަވައިދަށް ފައްތައިގެން ކުރިއަށްދާ ނަމަ ބާސެލޯނާ އަށް ނޭމާ ގަންނަން ބޮޑު ބިޑެއް ކުރެވެން އޮތީ އިތުރު ކުޅުންތެރިން ވިއްކައިގެންނެވެ.
ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ވަނީ ފިލިއްޕޭ ކުޓީނިއޯ އާއި އޮސްމާން ޑެމްބެލޭގެ އިތުރުން 44 މިލިއަން ޑޮލަރު ދިނުމަށް ފަހު ނޭމާ ގެންނަން މަސައްކަތް ކޮށްފަ އެވެ. އެކަަމަކު ޕީއެސްޖީން އެ ޑީލަށް ފުރަގަސްދިނީ އެ ކްލަބުން ނޭމާގެ ބަދަލުގައި ކުޅުންތެރިއަކު ގެންދަން ބޭނުންނުވާތީ އެވެ. އަދި އެ ޓްރާންސްފާ އަށް ދެން އޮތް ހުރަހަކީ ކުޓީނިއޯ ވެސް ޕީއެސްޖީ އަށް ދާން ބޭނުންނުވުމެވެ.
ބާސެލޯނާ ނޫން ކްލަބަކަށް ބަދަލުވާނަމަ ކުޓީނިއޯ ގުޅެން ބޭނުންވަނީ އޭނާގެ ކުރީގެ ޓީމު ލިވަޕޫލާ އެވެ. ލިވަޕޫލުން ބޭނުންވަނީ ކުޓީނިއޯ ދެ އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ގެންދާށެވެ. އެއީ ފުރަތަމަ 35 މިލިއަން ޑޮލަރު ދެއްކުމަށް ފަހު ކުޓީނިއޯގެ އެއްބަސްވުން ދެ އަހަރަށް ފަހު ދާއިމީ ކުރާނަމަ އިތުރު 80 މިލިއަން ޑޮލަރު ދައްކާ ގޮތަށެވެ. އެ ޑީލަށް ކުޓީނިއޯ ރުހޭ ނަމަވެސް ބާސެލޯނާގެ ވިސްނުން އަދި ތަފާތެވެ. އެއީ ބާސެލޯނާ އިން ބޭނުންވަނީ ނޭމާ ގަންނަން ކުރާ މަސައްކަތަށް ކުޓީނިއޯ ވިއްކާލައިގެން ފަންޑް ހޯދަން ކަމަށްވާތީ އެވެ.
ދާދި ފަހުން ޕީއެސްޖީގެ ކޯޗު ޓުޗެލް ބުނީ ނޭމާ އެ ޓީމު ދޫކޮށްލަން ބޭނުންވާކަން މިދިޔަ ސީޒަން ނިމުމުގެ ކުރިން ވެސް އެނގޭ ކަމަށެވެ. އެކަމަކު މިދިޔަ ސީޒަނުގެ ފަހުކޮޅުގައި ނޭމާގެ ފަރާތުން ފެނިގެންދިޔަ އަހުލާގީ މައްސަލަތަކަކީ އޭނާ ކްލަބް ދޫކޮށްލަން ގަސްދުގައި ކުރި ކަންތައްތަކެއް ކަަމަށް ބުނަން އުނދަގޫކަމަށް ޓުޗެލް ބުންޏެވެ.
"މިހާރު ގޮތެއް ނިންމަން ޖެހިފައިވަނީ ކްލަބް (ޕީއެސްޖީ) އާއި ނޭމާ. ނޭމާ ބޭނުމެއް ނުވޭ މި ޓީމާ އެކު ކުރިއަށްދާން." ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.
އުމުރުން 27 އަހަރުގެ ނޭމާ އަށް ވަނީ ދެ ސަސްޕެންޝަނެއް އައިސްފަ އެވެ. އެއީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އިންސްޓަގްރާމްގައި ރެފްރީ އަށް ފާޑުކިޔުމުން ޔުއެފާ އިން ދިން ތިން މެޗުގެ ސަސްޕެންޝަނަކާއި ފްރެންޗް ކަޕް ފައިނަލަށް ފަހު ސަޕޯޓަރަކު ގައިގައި ޖެހުމުން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ދީފައިވާ އަދަބެކެވެ. އޭގެ އިތުރުން މިދިޔަ މެއި މަހު ބްރެޒިލްގެ އަންހެނެއް ފްރާންސަށް ގެންގޮސް ރޭޕްކުރި ތުހުމަތުގައި ބްރެޒިލް ޕޮލިހުން އަންނަނީ ނޭމާގެ މައްސަލައެއް ބަލަމުންނެވެ.
އަނިޔާގެ ސަބަބުން މި ފަހަރު އަމިއްލަ ގައުމުގައި ކުޅުނު ކޮޕަ އެމެރިކާ ކާމިޔާބުކުރި ބްރެޒިލް ޓީމުގައި ނޭމާ ނުހިމެނެ އެވެ. އަނިޔާ އަށް ފަހު ނޭމާ ކުޅުމަށް އެނބުރި އައިސްފައިވާއިރު، ދާދި ފަހުން އޭނާ ވަނީ ޕީއެސްޖީގެ ޕްރީ ސީޒަން ޓްރެއިނިންތަކާ ގުޅިފަ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީން ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ އެންޑަ ހެރޭރާ އާއި ސެވިއްޔާގެ ޕަބްލޯ ސަރަބިއާ ގެންގޮސްފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ހަގީގަތް
17 July 2019
ކީއްކުރަން ތިހާ ބޮޑު އަގު ދީފަ އިންޖަރީ ޕްރޯން ކުޅުންތެރިޔެއް ގަންނަނީ. ބާސާ ނޫޅޭ ތިހާ ބޮޑު ޚަރަދުކޮށްގެން ނޭމާ ނުގަނެވިގެން. އަނެއްކާ މިސޮރުގެ އަޚުލާގަކީވެސް ވިސްނާލަންޖެހޭ ކަމެއް.
ޢާސިފު
17 July 2019
ތި ނުވިކުނީ
އުދަރެސް
17 July 2019
ހާދަ އަގުބޮޑޭ
ބައްޓޭ
17 July 2019
ކޮންޓީމަކުން ގަންނަނީ ، ބާސާއިން ނޫޅެ ރުފިޔާދީގެން ގަންނާކައް ކުޅުންތެރިން ޕްލަސް ރުފިޔާދީގެން ގަންނަން ބޭނުންވަނީ، ސަޕޯޓަރުންވެސް ބޭނުމެއްނުވޭ ތިހާ ބޮޑު އަގެއް ދީގެން ގެންނާކައް
ކެނެޑީ
17 July 2019
މީހާދަ ފައްކާ ވިޔަފާރިއެކޭ
ރަދީފްް
17 July 2019
ސާބަހޭ. ކިތަންމެ ބޮޑު އަގުގައިވެސް މިފަހަރު ގެންނާނަން.