ބާސެލޯނާ އިން މަސައްކަތް ހުއްޓާނުލަން ނޭމާ އެދެފި

ޕެރިސް (އޮގަސްޓް 6) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އޭނާ ހޯދަން ކުރަމުން އަންނަ މަސައްކަތް ބާސެލޯނާ އިން ހުއްޓާނުލަން އެ ކްލަބްގައި ބްރެޒިލްގެ ތަރި ނޭމާ އެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


މީގެ ދެ އަހަރު ކުރިން، ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޑޮލަރަށް ޕީއެސްޖީން ނޭމާގެ ސޮއި ހޯދިއިރު، މިހާރު އޭނާގެ ވިސްނުން ހުރީ އެނބުރި ކުރީގެ ކްލަބް ބާސެލޯނާއާ ގުޅޭށެވެ. ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް އާއި އެ ޓީމުގެ ޑިރެކްޓަރު ލިއޮނާޑޯ ވެސް ވަނީ ނޭމާ ކްލަބް ބަދަލުކުރަން ބޭނުންވާކަން ކްލަބަށް އަންގާފައިވާ ކަމަށް މީޑިއާގައި ބުނެފަ އެވެ. އެކަމަކު މިހާތަނަށް އެ ޑީލް ކުރިއަށް ނުގޮސް އޮތީ ޕީއެސްޖީން ނޭމާ ވިއްކާލަން ބޭނުންވާ ގޮތަށް ބާސެލޯނާ އިން އެއްބަސްނުވުމުންނެވެ.

ދާދި ފަހުން ޕީއެސްޖީގެ ޕްރީ ސީޒަން ފަރިތަކުރުންތަކުގައި ނޭމާ ބައިވެރިވާން ފަށާފައިވާއިރު، އޭނާ އެ ޓީމުގައި މަޑުކުރަން ޕީއެސްޖީގެ ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ އާއި އުރުގުއޭ ސްޓްރައިކަރު އެޑިސަން ކަވާނީ ވަނީ އެދިފަ އެވެ. އެކަމަކު އަދިވެސް ނޭމާ ހުރީ ބާސެލޯނާ އަށް ބަދަލުވުމުގެ އުއްމީދުގަ އެވެ. އަދި ނޭމާގެ އޭޖެންޓް އޭނާގެ ބައްޕަ އަންނަނީ ބާސެލޯނާގެ އޮފިޝަލުންނާ އެކު މި ޑީލް ކުރިއަށް ގެންދެވޭނެ އެކި ގޮތް ގޮތާ މެދު މަޝްވަރާކުރަމުންނެވެ.

ބާސެލޯނާ އިން ވަނީ މީގެ ކުރިން އެ ޓީމުގެ ފިލިއްޕޭ ކުޓީނިއޯ އާއި އޮސްމާން ޑެމްބެލޭގެ އިތުރުން 44 މިލިއަން ޑޮލަރު ދިނުމަށް ފަހު ނޭމާ ގެންނަން މަސައްކަތް ކޮށްފަ އެވެ. އެކަަމަކު ޕީއެސްޖީން އެ ޑީލަށް ފުރަގަސްދިނީ އެ ކްލަބުން ނޭމާގެ ބަދަލުގައި ކުޅުންތެރިޔަކު ގެންނަން ބޭނުންނުވާތީ އެވެ. ޕީއެސްޖީން ނޭމާ ވިއްކާލާއިރު ބަދަލުގައި ކުޅުންތެރިއެއް ބޭނުންނުވާ ކަމަށާއި ބޭނުންވަނީ 250 މިލިއަން ޑޮލަރު ކަމަށް ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ސްޕެއިނުގެ މަޝްހޫރު ކުޅިވަރު ތަޖުރިބާކާރުން ބުނާގޮތުގައި ނޭމާ ހޯދަން ޕީއެސްޖީން ކިޔާ ވަރުގެ އަގެއް ބާސެލޯނާ އަށް ދެވެން އަދި ނެތެވެ. އެއީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި 135 މިލިއަން ޑޮލަރަށް އެތުލެޓިކޯ މެޑްރިޑްގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން ގެނެސްފައިވާތީ އެވެ. އަދި ދެން ބާސެލޯނާ އަށް ބޮޑު އަގުގައި ކުޅުންތެރިއަކު ގަނެވެން އޮތީ ކުޅުންތެރިން ވިއްކައިގެން 160 މިލިއަން ޑޮލަރު މަދުވެގެން ހޯދައިގެންނެވެ. އެހެން ނޫން ގޮތަކަށް ނޭމާ ގަންނަން ބޮޑު ބިޑެއް ކުރާނަމަ ޔުއެފާގެ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ހިލާފުވާނެ އެވެ. މީގެ ކުރިން ވެސް ޒުވާން ކުޅުންތެރިން ގަތުމުގައި ގަވައިދާ ހިލާފުވެފައިވާތީ އެ ޓީމަށް ވަނީ ފިޔަވަޅު އަޅައިފައިވާތީ މި ފަދަ މައްސަލައެއްގައި ދެން ބާސެލޯނާ އަށް އަންނާނީ ބޮޑު އަަދަބެކެވެ. އެހެންވެ އެ ޓީމުން އެ ފަދަ ރިސްކެއް ނުނަގާނެ ކަމަށްވެ އެވެ.

ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން އަންނަނީ ލޯން އެއްބަސްވުމެއްގެ ދަށުން ވެސް ނޭމާ ގެންނަން މަސައްކަތްކުރަމުންނެވެ. އެކަމަކު އެ ގޮތަށް އެ ޑީލް ކުރިއަށްގެންދަން އަދި ޕީއެސްޖީން ބޭނުމެއް ނުވެ އެވެ. އެކަމަކު ނޭމާގެ ފަރާތުން އެ ފަދަ ޑީލަކަށް ޕްރެޝަރެއް އައުމުގެ ފުރުސަތު އެބައޮތެވެ.

އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޕީއެސްޖީން ވަނީ ބޮޑު ދެ ކްލަބަކަށް ނޭމާ ލޯނަކަށް ދޫކޮށްލަން މަޝްވަރާކޮށްފަ އެވެ. އޭގެ ތެރެއިން އެއް ކްލަބަކީ މެންޗެސްޓާ ޔުނައިޓެޑް ކަމަށް ބުނާއިރު، އެ ޓީމުން އެ ޓްރާންސްފާ އަށް މަޝްވަރާ ނުކުރީ ނޭމާ ބޭނުންވާނެ މުސާރައެއް ނުދެވުމުގެ އިތުރުން ނޭމާ ވެސް ބޭނުންވަނީ ބާސެލޯނާ އަށް ބަދަލުވާންކަން އެނގިފައިވާތީ އެވެ.

ބާސެލޯނާ އިން ދާދި ފަހުން ވަނީ އެ ޓީމަށް މިދިޔަ އަހަރު ގަތް ބްރެޒިލްގެ ވިންގް މެލްކަމް ވިއްކާލުމަށް ފަހު ރެއާލް ބެޓިސް އަށް ކުޅޭ ވާތުބެކް ޖޫނިއާ ފާޕޯ ގަނެފަ އެވެ. މި ފަހަރުގެ ޓްރާންސްފާގައި ދެން ބާސެލޯނާ އިން ގެނައި އަނެއް ކުޅުންތެރިޔަކީ އަޔަކްސްގެ އުއްމީދީ މިޑްފީލްޑަރު ފްރެންކީ ޑި ޔޮން އެވެ.