23 އޯގަސްޓް 2019 - 07:27
މެޑްރިޑް (އޮގަސްޓް 23) – ޕީއެސްޖީގެ ފޯވާޑް ނޭމާ ގަތުމުގެ މަޝްވަރާތައް ކުރުމަށް ރެއާލް މެޑްރިޑުގެ ވަފުދެއް ޕެރިހަށް ގޮސްފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ނޭމާ ލިބުމުގެ ފުރުސަތު އެންމެ ބޮޑު ކަމަށް ކުރިން ބެލެވިފައި އޮތީ އޭނާ ކުރިން ކުޅުނު ބާސެލޯނާ އަށެވެ. އެކަމަކު ބާސެލޯނާ އިން ހުށަހެޅި އެއްވެސް ގޮތަކަށް ޕީއެސްޖީން އެއްބަހެއް ނުވި އެވެ. އޭގެ ތެރޭގައި ކުޅުންތެރިޔަކާއި ފައިސާ ދީފައި ގަންނަން ހުށަހެޅި ހުށަހެޅުމާއި ލޯން އުސޫލުން ގެންދަން ކުރި އޮފާ ހިމެނެ އެވެ.
އެއާ އެކު ރެއާލް މެޑްރިޑުން ދެކޭ ގޮތުގައި މިވަގުތު އެޑްވާންޓޭޖް އޮތީ އެ ކްލަބަށެވެ. އެހެންވެ އެ ކްލަބުގެ ޑިރެކްޓަރުންގެ ވަފުދެއް ޕެރިހަށް ގޮސް ސީރިއަސް މަޝްވަރާތަކެއް ކުރަން ފެށީ ކަމަށް ބެލެވެ އެވެ. އެގޮތުން މި ޑީލުގެ ތެރެއިން މެޑްރިޑުގެ ގޯލްކީޕަރު ކޭލާ ނާވަސް ޕީއެސްޖީ އަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ. އެކަމަށް ބާރު ލިބެނީ ރެއާލް މެޑްރިޑުން، އާ ކީޕަރެއް ހޯދަން މަސައްކަތް ފެށުމެވެ. އެ ކްލަބުން ވަނީ އޭސީ މިލާނުގެ ސްޕެއިން ގޯލްކީޕަރު ޕެޕޭ ރެއިނާ އަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ނޭމާ ބްރެޒިލްގެ ސަންތޯސް އަށް ކުޅުނު ދުވަސްވަރު ވެސް އޭނާ ގަންނަން ރެއާލް މެޑްރިޑުން މަސައްކަތްކުރި އެވެ. އެކަމަކު އޭރު ބާސެލޯނާ އަށް ބަދަލުވުމަށް ފަހު އެ ކްލަބް ދޫކޮށް މީގެ ދެ އަހަރު ކުރިން ޕީއެސްޖީ އަށް 222 މިލިއަން ޔޫރޯ އަށް ނޭމާ ބަދަލުވީ ލިއޮނަލް މެސީގެ ހިޔަނިން ސަލާމަތްވާށެވެ. އެކަމަކު ޕީއެސްޖީގައި އަނިޔާ އާއި ތަފާތު އެތައް މައްސަލަތަކާ ހެދި ނޭމާ އަށް އަސްލު ކުޅުން ދެއްކޭ ގޮތްނުވީ އެވެ.
އެ ކްލަބް ދޫކޮށްލުމަކީ ސަތޭކަ ޕަސެންޓް ނޭމާގެ ނިންމުމެކެވެ. އޭނާ އެންމެ ބޭނުންވަނީ ބާސެލޯނާ އަށް ބަދަލުވާން ކަމަށްވީ ނަމަވެސް އެ ފުރުސަތު ނެތް ނަމަ ރެއާލް މެޑްރިޑަށް ބަދަލުވާން ވެސް ފަހަތަށް ނުޖެހޭނެ އެވެ. ނޭމާ ނުވިއްކަން ޕީއެސްޖީން ފުރަތަމަ ބޭނުންނުވި ނަމަވެސް، އޭނާ އެގޮތް ބޭނުންވާތީ އެ ކްލަބުން ގޮތްދޫކޮށްފައިވާ ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy