19 ސެޕްޓެމްބަރ 2019 - 12:25
ޕެރިސް (ސެޕްޓެމްބަރު 19) - އިންސްޓަގްރާމްގައި ރެފްރީ އަކަށް ފާޑުކިޔުމުން ޕީއެސްޖީގެ ތަރި ނޭމާ އަށް ދީފައިވާ ސަސްޕެންޝަން ލުއިކޮށްދޭން ޔުއެފާ އިން ނިންމައިފި އެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް އަތުން ޕީއެސްޖީ ބަލިވި މެޗުގެ ރެފްރީންނަށް ނޭމާ އޭނާގެ އިންސްޓަގްރާމްގައި ފާޑުކިޔުމުން އެ މައްސަލަ ބެލުމަށް ފަހު ޔުއެފާ އިން ނިންމީ ނޭމާ ތިން މެޗަށް ސަސްޕެންޑް ކުރުމަށެވެ. އެކަމަކު އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ބެލުމަށް ފަހު ވަނީ ނޭމާގެ ސަސްޕެންޝަން ދެ މެޗަށް ބަދަލުކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޔުނައިޓެޑް ދަނޑުގައި 2-0 އިން ޕީއެސްޖީ އަތުން ބަލިވިއިރު، ޔުނައިޓެޑުން ކުއާޓާ ފައިނަލުގެ ޖާގަ ހޯދީ ޕީއެސްޖީ ދަނޑުގައި 3-1 އިން މޮޅުވެ، ރަށުންބޭރުގައި ޖެހި ގޯލުން ކުރި ހޯދައިގެންނެވެ. އެ މެޗުގައި ޔުނައިޓެޑުން ޖެހި ފަހު ގޯލަކީ އިތުރު ވަގުތުގައި ޕީއެސްޖީގެ ޕްރެސްނެލް ކިމްޕެމްބޭ އަތުގައި ބޯޅަ ޖެހުނު ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ނިންމުމަށް ފަހު ދިން ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލެކެވެ.
އެ މެޗުގެ ރެފްރީ ސްލޮވީނިއާގެ ޑަމީރު ސްކޮމިނާ ވީއޭއާރްގެ އެހީގައި ނިންމި ނިންމުމަށް ގިނަ ބައެއްގެ ލޯ އަމާޒުވިއިރު، ޔުއެފާ އިން ވަނީ އެ ނިންމުން ރަނގަޅުކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އަނިޔާގެ ސަބަބުން އެ މެޗުގައި ނޭމާ އަށް ނުކުޅެވުނުއިރު، އޭނާ ވަނީ ރެފްރީ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އަށް ބަދަލުވުމަށް ނޭމާ ކުރި ހުރިހާ މަސައްކަތެއް ކާމިޔާބުނުވިއިރު، އޭނާ ވަނީ އަލުން ޕީއެސްޖީ އަށް ކުޅެން ފަށައިފަ އެވެ. ޕީއެސްޖީގެ ސަޕޯޓަރުންގެ ނުރުހުން ވަރަށް ބޮޑަށް ނޭމާ އަށް އަމާޒުވެފައިވާއިރު، އޭނާ އެނބުރި އައި މެޗުން ސްޓްރަސްބޯގް އަތުން ޕީއެސްޖީ މޮޅުކޮށްދިން ލަނޑު ޖަހައިދިނެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީން ވަނީ ނޭމާ ނުލައި 3-0 އިން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑް ބަލިކޮށްފަ އެވެ. މުބާރާތުގައި ދެން ޕީއެސްޖީ ކުޅޭ މެޗުގައި ރަށުން ބޭރުގައި ގަލަސަތަރާއި މެޗު ވެސް ނޭމާ އަށް ގެއްލޭނެ އެވެ. ޗެމްޕިއަންސް ލީގުގައި ނޭމާ ކުޅޭ ފުރަތަމަ މެޗަށްވާނީ އަންނަ މަހު 22 ވަނަ ދުވަހު ކްލަބް ބްރޫޖާ ދެކޮޅަށް ކުޅޭ މެޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy