22 ސެޕްޓެމްބަރ 2019 - 23:29
ލަންޑަން (ސެޕްޓެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި ޗެލްސީގެ މައްޗަށް ރަށުން ބޭރުގައި 2-1 އިން މިރޭ ހޯދި މޮޅާ އެކު ލިވަޕޫލުން މި ފަހަރުގެ ލީގުގައި އެ ޓީމުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.
ކުޅުނު ހަ މެޗުން މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު 18 ޕޮއިންްޓް ހަމަކޮށް ލިވަޕޫލް އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ހަ މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ހަތަރު ވަނައިގައި އޮތް އާސެނަލަށް ހަ މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ. ފައިދާ ގޯލުން ކުރީގައި އޮތް އާސެނަލް މިރޭ ކުޅުނު މެޗުން އެސްޓަން ވިލާ އަތުން މޮޅުވީ 3-2 އިންނެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗު ފަށައިގެން 14 ވަނަ މިނިޓްގައި ލިވަޕޫލަށް ލިބުނު ހިލޭ ޖެހުމަކުން ލީޑުނަގައިދިނީ އަލެކްސަންޑަ އާނޯލްޑް އެވެ. ހިލޭ ޖެހުމަކުން އާނޯލްޑް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަަނަށެވެ. ޗެލްސީ އަށް އެއްވަރުކޮށްދޭން ޓަމީ އަބްރަހަމް ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެޑްރިއަން މަތަކުރިއިރު، ޗެލްސީގެ ކެޕްޓަން ސެސާ އަޒްޕިލިކުއެޓާ ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު ޗެލްސީން އެ އެޓޭކް ފެށިއިރު އެ ޓީމުގެ މޭސަން މައުންޓް އޮފްސައިޑްގައި ހުރުމުން ރެފްރީ ނިންމީ ލަނޑެއް ނޫން ކަމަށެވެ. މެޗުގެ ރެފްރީ އެ ގޮތަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ.
އަނިޔާގެ ސަބަބުން ޗެލްސީގެ ދެ ޑިފެންޑަރުން ކަމަށްވާ އެމަސަން ޕަލްމިއޭރީ އާއި އަންދްރެއަސް ކްރިސްޓިއެންސަން ފުރަތަމަ ހާފްގައި ބަދަލުކުރަން ޖެހުނުއިރު، ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހީ ރޮބާޓޯ ފިރްމީނޯ އެވެ. އޭނާ މި ލަނޑު ޖެހީ އެންޑީ ރޮބަޓްސަން ނަގައިދިން ހުރަހަކުން ބޮލުންނެވެ.
ދެ ވަނަ ހާފުގައި ޗެލްސީ ކުޅުން ރަނގަޅުކޮށް ގިނަ ވަގުތު ލިވަޕޫލް ހާފުގެ ތެރޭގައި ކުޅުނެވެ. ޗެލްސީ އަށް މެޗުގެ ތެރެއަށް ވަދެވުނީ މެޗުގެ 71 ވަނަ މިނިޓްގައި އެންގޯލޯ ކާންޓޭ ޖެހި ހިތްގައިމު ގޯލުންނެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ނަތީޖާ ހަމަހަމަކުރަން ޗެލްސީގެ މިޝީ ބަޓްޝުއާޔީ އާއި މައުންޓް ޖެހި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.
މި މެޗުން ހޯދި މޮޅާ އެކު ލިވަޕޫލުން ވަނީ ލީގުގައި ޖެހިޖެހިގެން 15 މޮޅު ހަމަކޮށްފަ އެވެ. އަނެއްކޮޅުން މި ސީޒަނުގައި ޗެލްސީ އަދި އަމިއްލަ ދަނޑުގައި މޮޅެއް ނުހޯދަ އެވެ. އަދި އެންމެ ފަހުން ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު 10 މެޗުން ލިބުނީ އެންމެ މޮޅެކެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ދެ ވަނަ ހާފްގެ ކުރީކޮޅު އިތުރު ލަނޑެއް ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފުމުން ފަހުން ޕްރެޝަރުގައި ކުޅެން ޖެހުނު ކަމަށާއި އެ ވަގުތު ޓީމުން ދެއްކި ހިތްވަރު ފާހަގަކުރާ ކަމަށެވެ.
އާސެނަލް ދަނޑުގައި ކުޅުނު މެޗުގައި އެސްޓަން ވިލާ އިން ލީޑުނެގީ ޖޯން މެގިންގެ ގޯލުންނެވެ. އާސެނަލަށް އެއްވަރުކޮށްދިނީ މެޗުގެ 59 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ނިކޮލަސް ޕެޕޭ އެވެ. އޭގެ މިނިޓެއް ފަހުން ވެސްލީ ވަނީ އަލުން އެސްޓަން ވިލާ އަށް ލީޑުނަގައިދީފަ އެވެ. އާސެނަލުން ނަތީޖާ އަނބުރާލީ މެޗުގެ ފަހު 10 މިނިޓް ތެރޭގައި ކަލުމް ޗެމްބާސް އާއި ޕިއޭ އެމެރިކް އޮބާމަޔަން ޖެހި ގޯލުތަކުންނެވެ.
މެންޗެސްޓާ ޔުނައިޓެޑް މިރޭ ކުޅުނު މެޗުން ވަނީ ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-0 އިން ބަލިވެފަ އެވެ. ވެސްޓް ހޭމްގެ ލަނޑުތައް ޖެހީ އެންޑީ ޔާމޮލަންކޯ އާއި އާރޮން ކްރެސްވެލް އެވެ. މި ނަތީޖާއާ އެކު ލީގުގެ ފަސް ވަނައިގައި ވެސްޓް ހޭމް އޮތްއިރު، ޔުނައިޓެޑް އޮތީ ލީގުގެ އަށް ވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
23 September 2019
މަރުހަބާ އާސެނަލް އަދި ލިވަޕޫލް.މިހަފްތާގެ އީޕީއެލްގެ މެޗްތަކުގެ ނަތީޖާ ވަރަށް ރަނގަޅު.ސްޕާސް،ޗެލްސީ އަދި މެންޔޫ ބަލިވުން އެއީ އުފާވެރިކަމެއް (ބަލިވުން މޮޅުވުން އެއީ އޮންނަކަމެއް).އީޕީއެލްގެ ތާރީހްގަ ވެސް މެޗްގަ ބަލިވާން ދަނިކޮށް ރަތް ކާޑެއް ދައްކާފައޮއްވާ ފަހަތުންއަރާ މޮޅުވި 9 ވަނަ މެޗުން އާސެނަލް މޮޅުވުން އެއީ ފޭނުން އުފާކުރާނެކަމެއް.މިބުނި 9 މެޗްގެ ތެރޭގަ އާސެނަލް މޮޅުވި 3 މެޗް ހިމެނޭ. COYG #COYG #COYG
އާއިޝަތު ރަދީފާ
23 September 2019
ހާދަ ދުވަހެއްކޮށްލާފަ ތިޔަ ފެނުނީ؟
އާއިޝަތު ރަދީފާ
23 September 2019
ކޮންމެވެސް ޚަބަރެއްގަ ރަދީފް ކިޔާ މީހަކު ހައްޔަރުކުރި ވާހަކަ އިނީމަ މަހީކުރީ އަހަރެމެންގެ އެދުރު ރަދީފްކަމަށް
އާރީ
23 September 2019
ލިވަރފޫލު ހަމަ ތަފާތީ. މިފަހަރު ލީގުނެގުމާއި ވަރަށްގާތް
ރަދީފްް
23 September 2019
ކޮންމެ އަހަރަކުވެސް އިވޭ އަންބާއެއް ތިޔާ