ސްޓެންޑާޑް ކުޅުންތެރިއަކު ކައިރިން މާޓިނެލީ (ކ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
04 އޮކްޓޯބަރ 2019 - 10:45
ލަންޑަން (އޮކްޓޫބަރު 4) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ނެދަލެންޑްސްގެ އޭޒެޑް އަލްކްމާރާ އެކު މެންޗެސްޓާ ޔުނައިޓެޑް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި ސްޓެންޑާޑް ލީޖް އަތުން އާސެނަލް 4-0 އިން މޮޅުވެއްޖެ އެވެ.
އަލްކްމާރު ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން ގޯލާ އަމާޒުކޮށް އެންމެ ބޯޅައެއް ވެސް ފޮނުވާލާފައިނުވެ އެވެ. ޔުނައިޓެޑް މި މެޗުން ބަލިނުވެ ސަލާމަތްވީ އެ ޓީމުގެ ގޯލުގައި ހުރި ޑޭވިޑް ޑެހެއާގެ ހުށިޔާރުކަމުންނެވެ. ޑެހެއާ ވަނީ އަލްކްމާރުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ.
މި މެޗުގެ ދެ ވަނަ ހާފްގައި އަލްކްމާރުގެ އޭރިއާތެރެއިން އެ ޓީމުގެ ކުޅުންތެރިއަކު ޔުނައިޓެޑްގެ މާކަސް ރެޝްފޯޑަށް ޓެކުލެއް ކުރުމުން އެ ޓީމުން ވަނީ ވަރަށް ބޮޑަށް ޕެނަލްޓީ އަކަށް އެޕީލްކޮށްފަ އެވެ. އެކަމަކު ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މި މެޗުގައި ޔުނައިޓެޑްގެ ކުޅުން ރަނގަޅު ކަމަށާއި އެ ޓީމަށް ހައްގުވާ ޕެނަލްޓީއެއް ނުދިނުމުން ހިތާމަކުރާ ކަމަށެވެ. ޔުނައިޓެޑް އެންމެ ފަހުން ރަށުންބޭރުގައި ކުޅުނު 10 މެޗުން ވެސް މޮޅެއް ލިބިފައިނުވެ އެވެ.
"މިއީ ޔަގީނުން ވެސް އަހަރެމެންނަށް ތިން ޕޮއިންޓް ލިބެންޖެހޭ މެޗެއް. ކުޅުންތެރިން ރަނގަޅަށް މަސައްކަތްކުރި. އަހަރެންގެ ނަޒަރުގައި ރެޝްފޯޑަށް ކުރި ފައުލަށް ޕެނަލްޓީ ލިބެންޖެހޭ. އެއީ 101 އެއް ފަހަރުން 100 ފަހަރު ޕެނަލްޓީ ދޭނެ ވަރުގެ ފައުލެއް. އެކަމަކު އެ ނުލިބުނު،" ސޯލްޝެއާ ބުންޏެވެ.
މިދިޔަ އަހަރުގެ ފައިނަލުން ބަލިވި އާސެނަލަށް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ބަދަލުވި ބްރެޒިލްގެ ފޯވާޑް ގަބްރިއެލް މާޓިނެލީ އެވެ. ރޭގެ މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖެހުމުގެ އިތުރުން އެއް ލަނޑު ޖަހަން އެހީތެރިވެދީފަ އެވެ. އަނެއް ދެ ގޯލު ކާމިޔާބުކުރީ ޖޯ ވިލޮކާއި ޑެނީ ސަބާޔޯސް އެވެ.
އާސެނަލް ވަނީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. ޔޫރޮޕާ ލީގުގައި ކާމިޔާބު ތާރީހެއް އޮތް އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނީ އެންމެ ބޮޑު އުފަލަކީ ރަނގަޅު ފެށުމެއް ކަމަށާއި އެ ހިތްހަމަޖެހުން އެބައޮތް ކަމަށެވެ.
ޕްރިމިއާ ލީގުގެ ވުލްވްސް ރޭ ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި ތުރުކީގެ ބެސިކްޓާސް އަތުން 1-0 އިން މޮޅުވެފަ އެވެ. އޮސްޓްރިއާގެ ވުލްފްސްބާގާ އާއި ރޯމާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ސްވިޒަލެންޑްގެ ޔަންގް ބޯއީސް އަތުން 1-0 އިން ސްޓީވެން ޖެރާޑް ކޯޗުކޮށްދޭ ރޭންޖާސް ބަލިވިއިރު، ފެޔަނޫޑް ވަނީ 2-0 އިން ޕޯޓޯގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި ސެއިން އެޓިއެން އާއި ވުލްފްސްބާގް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy