ޔުވެންޓަސްގެ ފޯވާޑް ގޮންޒާލޯ ހިގައިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
07 އޮކްޓޯބަރ 2019 - 09:14
މިލާން (އޮކްޓޯބަރު 7) – ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެއް ވަނައިގައި އޮތް އިންޓަ މިލާން އަތުން 2-1 އިން މޮޅުވެ ޔުވެންޓަސް އިން އިންޓަނޭޝަނަލް ބްރޭކުގެ ކުރިން އިޓާލިއަން ލީގުގެ އެއް ވަނަ އަށް ރޭ އަރައިފި އެވެ.
ޔުވެންޓަސް ހަ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް 19 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު އިންޓަ ދެ ވަނައިގައި އޮތީ ހަ މެޗުން މޮޅުވެ އެއް މެޗުން ބަލިވެ 18 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ތިން ވަނައިގައި 16 ޕޮއިންޓާ އެކު އޮތީ އެޓަލާންޓާ އެވެ.
އިންޓަގެ ސްޓޭޑިއޯ ޖިސެއްޕޭ މީޒާގައި ރޭ ކުޅުނު މެޗުގެ ހަތަރު ވަނަ މިނެޓުގައި ޕައޮލޯ ޑީބަލާ ވަނީ ޔުވެންޓަސް އަށް ކުރި ހޯދައިދީފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ހަމަލައެއް ދަނޑިއަށް އަމާޒުވި އެވެ. ނަތީޖާ ހަމަހަމަވީ 18 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އިންޓަގެ ލަޓާރޯ މާޓިނޭޒް ވައްދާލި ގޯލުންނެވެ. މިއީ އަނިޔާވެފައިވާ ޔުވެންޓަސްގެ ކެޕްޓަން އަދި އިތުބާރު ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ ނެތުމުން، ބަދަލުގައި ކުޅޭ މަތެއަސް ޑި ލީޓް އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއެކެވެ.
އިންޓަ އަށް މައްސަލަތަކެއް ދިމާވީ އެ ޓީމުގެ މެދުތެރޭގެ އެންމެ މުހިއްމު ކުޅުންތެރިޔާ ސްޓެފާނޯ ސެންސީ އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުމެވެ. ބަދަލުގައި އެރި މަތިއަސް ވެސީނޯ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. އެކަމަކު ޔުވެންޓަސްގެ ބެންޗުގައި ވެސް ތިބީ އެހާމެ މޮޅު ކުޅުންތެރިން ކަމަށްވުމުން ކޯޗު މައުރީޒިއޯ ސާރީ ދިޔައީ އޭގެ ބޭނުން ހިފައި ޓީމު އާކުރަމުންނެވެ. ޔުވެންޓަސް މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި ގޮންޒާލޯ ހިގައިން އެވެ. މިދިޔަ ސީޒަނުގައި ޔުވެންޓަސް އިން ރޮނާލްޑޯ ގެނައުމުން ފުރުސަތު ގެއްލުމުން އޭސީ މިލާނާއި ޗެލްސީ އަށް ކުޅުމަށް ފަހު އެނބުރި މި ސީޒަނުގައި އައިސް ހިގުއައިން އަންނަނީ މޮޅަށް ކުޅެމުންނެވެ.
ޔުވެންޓަސްގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ އެކު އިންޓަ އަށް ލީގަށް ވާދަކުރި ނަމަވެސް، މި މެޗުން ބަލިވުމާއި އަދި ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި ބާސެލޯނާ އަތުން 2-1 އިން ބަލިވުމުން އެ ޓީމަށް އެންމެ މަތީ ފަންތީގައި އަދި ވާދަކުރެވިދާނެތޯ ވަނީ ސުވާލުތައް އުފެދިފަ އެވެ. ވަރުގަދަ ބެންޗެއް ނެތުމުން ބޮޑެތި މެޗުތަކުގައި ނަތީޖާ ނެރެން އުނދަގޫވި ނަމަވެސް އެ ޓީމުން މާ ބޮޑު އުދަނގުލެއް ނެތި ލީގުގެ ދެ ވަނަ ހޯދާނެ ކަމަށް ލަފާކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫވޭ ބޯއި
07 October 2019
ޢިންޓަރ ޖެހޭނީ ހަމަ މަހަށް ދާްން ޔޫވޭ ކައިރި
އަސްލު ހަގީގަތް
07 October 2019
ތިޔަ ލީގަކީ ފެށުމުގެ ކުރިން ތަށި ޔުވެންޓަސްއަށް ހިބަ ކޮށްފަ އޮންނަ ލީގެއް.
ރަދީފް
07 October 2019
ސާބަހޭ ޔުވެންޓަސް.އިރާދަކުރެއްވިޔާ މިފަހަރުވެސް ލީގް ޗެމްޕިއަންކަން ލިބޭނީ ޔުވޭއަށް.އަދި ލީގްގެ 2 ވަނަ ލިބޭނީ އެޓަލާންޓާއަށް.އިންޝާﷲ. #ފޯޒާޔުވޭ #ފޯޒާޔުވޭ
އޭނަ
08 October 2019
ޔުވެންޓަސްނޫން އެހެން ކްލަބަކަށް ލީގު ލިބޭތަ؟ ލީގު ފެށުމުގެ ކުރިން ތަށި އޮންނަނީ ހިބަ ކޮށްފަ ވިއްޔާ.