ކުޅިވަރު / ޗެމްޕިއަންސް ލީގު

ބަޔާނާއި ޕީއެސްޖީ އަދި ޔުވެންޓަސް ދެ ވަނަ ބުރަށް

07 ނޮވެމްބަރ 2019 - 09:10

މެޑްރިޑް (ނޮވެމްބަރު 7) - ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ބަޔާން މިއުނިކާއި ޕީއެސްޖީ އަދި ޔުވެންޓަސް އިން ބާކީ ދެ މެޗު އޮއްވައި މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ގްރޫޕް އޭގައި ޕީއެސްޖީ މޮޅުވީ އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖް އަތުން 1-0 އިންނެވެ. އަދި ބަޔާން މިއުނިކް ވަނީ އެސިސްޓަންޓް ކޯޗު ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެ އޮލިމްޕިއާކޯސް އަތުން 2-0 އިން މޮޅުވެފަ އެވެ. ޔުވެންޓަސް ވަނީ ރޭ ރަށުންބޭރުގައި ކުޅުނު މެޗުން 2-1 އިން ލޮކޮމޯޓިވް މޮސްކޯ ބަލިކޮށްފަ އެވެ.

ރޭގެ މެޗުތަކަށް ފަހު ގްރޫޕްގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އެވެ. ބާކީ ދެ މެޗު އޮއްވައި ޕީއެސްޖީ އަށް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުވީ އެ ޓީމަށް ވުރެ ކުރީގައި އޮވެ އެހެން ދެ ޓީމަކަށް މި ބުރު ނިންމާނުލެވޭނެތީ އެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތް ރެއާލަށް ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބްރޫޖަށް ހަތަރު މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު، ގަލަސަތަރާއި ފުލުގައި އޮތީ ހަތަރު މެޗުން އެއް ޕޮއިންޓާ އެކު އެވެ.

ކްލަބް ބްރޫޖް އަތުން ޕީއެސްޖީ އުނދަގޫ މޮޅެއް ހޯދިއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ކާމިޔާބުކުރީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި އާޖެންޓީނާގެ ފޯވާޑް މައުރޯ އިކާޑީ އެވެ. މި މެޗުގައި ޕީއެސްޖީ އަށް ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ކާމިޔާބުނުވި އެވެ. ދެ ވަނަ ހާފްގައި ބްރޫޖްގެ އެމްބާއޭ ޑިއާގްނޭ ޖެހި ޕެނަލްޓީ ޕީއެސްޖީ ކީޕަރު ކޭލޯ ނަވާސް ވަނީ މަތަކޮށްފަ އެވެ.

މި ގްރޫޕްގެ އަނެއް މެޗުން ގަލަސަތަރާއި އަތުން 6-0 އިން ރޭ ރެއާލް މެޑްރިޑް މޮޅުވިއިރު، މި މެޗަކީ ރެއާލްގެ ކޯޗުކަމާ ޒިނެދިން ޒިދާން އަލުން ހަވާލުވި ފަހުން އެ ޓީމު އެންމެ ތަފާތު ބޮޑުކޮށް މޮޅުވި މެޗެވެ. ރޭގެ މެޗުގައި އެންމެ ގިނަ ބަޔެއްގެ ލޯ އަމާޒުވީ ހެޓްރިކް ހެދި ބްރެޒިލްގެ 18 އަހަރުގެ ރޮޑްރީގޯ އަށެވެ. އޭނާ އަކީ ރެއާލްގެ ތާރީހުގައި ރައުލް ގޮންޒާލޭޒަށް ފަހު އެ ޓީމަށް ހެޓްރިކެއް ހަދައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

"އޭނަގެ ހުނަރު ހުރި ލެވަލަށް ބަލާއިރު މި ފަދަ ކަންތައްތައް ފެނުނަސް އަހަރެން ހައިރާނެއްނުވޭ. ރޮޑްރީގޯ އަކީ މުސްތަގުބަލުގައި ފުޓްބޯޅައިން ބޮޑެތި ކަންތައްތަކެއް ހާސިލްކުރާނެ ކުޅުންތެރިޔެއް. އަހަރެން އޭނާ އަށް މި ދެނީ ހައްގު ފުރުސަތު،" ރޭގެ މެޗަށް ފަހު ޒިދާން ބުންޏެވެ.

ރެއާލުގެ އަނެއް ގޯލުތައް ކާމިޔާބުކުރީ ކަރިމް ބެންޒެމާ ދެ ގޯލުގެ އިތުރުން ކެޕްޓަން ސާޖިއޯ ރާމޯސް އެވެ.

ގްރޫޕް ބީގެ އެއް ވަނައިގައި ބަޔާން އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތީ ރޭ ރަށުންބޭރުގައި ރެޑްސްޓާ އަތުން 4-0 އިން މޮޅުވި ޓޮޓެންހަމް އެވެ. ތިން ވަނައިގައި ރެޑްސްޓާ އޮތީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް އޮލިމްޕިއާކޯސް އަށް އަދި ލިބުނީ އެންމެ ޕޮއިންޓެކެވެ.

ޖަރުމަނު ލީގުގައި ނަތީޖާތަށް ދަށްވެ ބަޔާނުގެ ކޯޗުކަމުގެ މަގާމުން ނިކޯ ކޮވަޗް ވަކިކުރި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ރޭ މޮޅުވިއިރު، އޮލިމްޕިއާކޯސް ކޮޅަށް ބަޔާނުގެ ލަނޑުތައް ޖެހީ ރޮބަޓް ލެވަންޑޯސްކީ އާއި އިވާން ޕެރިސިޗް އެވެ. ރެޑްސްޓާ ދަނޑުގައި ކުޅުނު މެޗުގައި ޓޮޓެންހަމްގެ ލަނޑުތައް ޖެހީ ސޮން ހެއުން މިން ދެ ގޯލާއި ޖިއޮވާނީ ލޮ ސެލްސޯ އަދި ކްރިސްޓިއަން އެރިކްސެން އެވެ.

ގްރޫޕް ޑީން ޔުވެންޓަސް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކުރީ ރޭގެ މޮޅާ އެކު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްގެންނެވެ. އެ ގްރޫޕްގެ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ ބަޔާ ލެވަކޫސަން އަތުން 2-1 އިން ބަލިވެފަ އެވެ. އެތުލެޓިކޯ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ލޮކޮމޯޓިވް މޮސްކޯ އާއި ހަތަރު ވަނައިގައި އޮތް ލެވަކޫސަނަށް ވަނީ ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ.

އާރޮން ރަމްސޭގެ ގޯލުން ޔުވެންޓަސް ލީޑުނަގާފައިވަނިކޮށް ލޮކޮމޯޓިވަށް އެއްވަރުކޮށްދިނީ އަލެކްސޭއި މިރަންޗުކް އެވެ. މެޗުގެ އިތުރު ވަގުތުގައި ޔުވެންްޓަސް މޮޅުކޮށްދިން ގޯލު ޖެހީ ޑަގްލަސް ކޮސްޓާ އެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454