އިޓަލީން އާރްމީނިއާ ކޮޅަށް ނުވަ ގޯލު ޖަހައިފި

ޕަލާމޯ (ނޮވެމްބަރު 19) - ޔޫރޯ ކޮލިފައިންގައި އިޓަލީ ކުޅުނު ފަހު މެޗުން ރޭ އަމިއްލަ ދަނޑުގައި އާރްމީނިއާ އަތުން 9-1 އިން މޮޅުވެއްޖެ އެވެ.


މިއީ ކޮލިފައިން މެޗެއްގައި މިހާތަނަށް އިޓަލީން އެންމެ ތަފާތު ބޮޑުކޮށް މޮޅުވި މެޗެވެ. އެކަމަކު އިޓަލީގެ ތާރީހުގައި ރަސްމީ މެޗަކުން ހޯދި އެންމެ ބޮޑު މޮޅަކީ 1948 ވަނަ އަހަރުގެ އޮލިމްޕިކްސްގައި އެމެރިކާ އަތުން 9-0 އިން މޮޅުވި މެޗެވެ. އިޓަލީން ވަނީ 1928 ވަނަ އަހަރުގެ އޮލިޕިކްސްގެ ލޯ މެޑަލް މެޗުން މިސްރު އަތުން 11-3 އިން މޮޅުވެފަ އެވެ.

މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން އިޓަލީން ޓީމު އަލުން ހަމައަަކަށް އެޅުވުމުގެ މަސައްކަތް ފަށައި ކޯޗު ރޮބާޓޯ މަންޗިނީއާ ގައުމީ ޓީމު ހަވާލުކުރި ފަހުން އެ ޓީމުން އަންނަނީ ތަފާތު ދައްކަމުންނެވެ. އަންނަ އަހަރުގެ ޔޫރޯ އިން އެންމެ ފުރަތަމަ ޖާގަ ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނޭ އިޓަލީ ވަނީ ކޮލިފައިންގައި ކުޅުނު 10 މެޗުން ވެސް މޮޅުވެފަ އެވެ. އަންނަ އަހަރުގެ މުބާރާތަށް އިޓަލީން ދާނީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ.

"ހިނގާ މި ވަގުތުތަކުގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފައި މި މޮޅު ވެވުނު 10 މެޗާ މެދު އުފާފާޅުކުރަން. މިއީ އަހަރެމެންގެ ފުޓްބޯޅައިގައި އަންނާނެ އުފާވެރި ދުވަސްތަކުގެ ތެރޭގައި ހިމެނޭނެ ވަގުތުތަކެއް،" އުމުރުން 54 އަހަރުގެ މަންޗިނީ ބުންޏެވެ.

އިޓަލީގެ ކޯޗު މަންޗިނީ: އިޓަލީ ޓީމުގައި އަންނަނީ ތަފާތު ދައްކަމުން. -- ފޮޓޯ: އޭއެފްޕީ

އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ގަބްރިއޭލޭ ގްރަވީނާ ވިދާޅުވީ އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުން މާޔޫސްވެފައި ތިބި ދަނޑިވަޅެއްގައި ގައުމީ ޓީމާ ހަވާލުވެ މަންޗިނީގެ މަސައްކަތުން މިހާރު އަލުން ފުޓްބޯޅަ ފޯރި ދިރުވިއްޖެކަމަށެވެ.

"އަހަރެމެންނަށް މިދިޔަ އަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ގެއްލުނީ 1958 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް. އެކަން ހަނދާންނައްތާލައި އަހަރެމެން އަންނަ އަހަރު އަމާޒުހިފާނީ 1968 ވަނަ އަހަރަށް ފަހު ފުރަތަމަ ޔޫރަޕްގެ ތަށި ގެންދަން،" ގްރަވީނާ ވިދާޅުވި އެވެ.

ރޭގެ މެޗުގައި ފީފާ ރޭންކިންގެ 89 ވަނައިގައި އޮތް އާރްމީނިއާ ކޮޅަށް އިޓަލީގެ ޗީރޯ އިމޯބިލޭ އާއި ނިކޮލަ ޒަނިއޯލޯ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހި އެވެ. އަނެއް ފަސް ގޯލް ޖެހީ ނިކޯލޯ ބަރެއްލާ، އަލެސިއޯ ރޮމަނޯލީ، ޖޯޖީނިއޯ، ރިކާޑޯ އޮރްސޮލީނީ އަދި ފެޑެރީކޯ ޗިއޭސާ އެވެ. އާރްމީނިއާގެ ހަމައެކަނި ގޯލު ޖެހީ އެޑްގާ ބަބަޔާން އެވެ.

ގްރޭނިޓް ޝަކާގެ ގޯލާ އެކު 6-1 އިން ގިބްރޯލްޓާ ބަލިކޮށް ސްވިޒަލެންޑް ވަނީ އަންނަ އަހަރުގެ ޔޫރޯ އިން ފުރުސަތު ހޯދައިފަ އެވެ. އަދި އަޔަލެންޑާ 1-1 އިން އެއްވަރުކޮށް ޑެންމާކް ވެސް ވަނީ އަންނަ އަހަރުގެ މުބާރާތުން ޖާގަ ކަށަަވަރުކޮށްފަ އެވެ. މި ދެ ޓީމާ އެކު އަންނަ އަހަރު 24 ޓީމު ވާދަކުރާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ 19 ޖާގަ މިހާރު ވަނީ ކަށަވަރުވެފަ އެވެ.