އިންޓަގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
02 ޑިސެމްބަރ 2019 - 10:38
މިލާން (ޑިސެމްބަރު 2) – އިޓާލިއަން ލީގުގައި އިއްޔެ ޔުވެންޓަސް އާއި ސަސުއޮލޯ 2-2 އިން އެއްވަރުވުމުގެ ފައިދާ ނަގައި، އިންޓަ މިލާނުން ސްޕާލް 2-1 އިން ބަލިކޮށް ތާވަލުގެ އެއް ވަނަ އަށް އަރައިފި އެވެ.
މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އެއް ވަނަ އަށް އެރި އިންޓަ މި ވަގުތު ކުރީގައި އޮތީ 37 ޕޮއިންޓް ހޯދައިގެންނެވެ. ޔުވެންޓަސް ދެ ވަނައިގައި އޮތީ 36 ޕޮއިންޓާ އެކު އެވެ.
ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 20 މިނެޓުގައި ލިއޮނާޑޯ ބޮނޫޗީގެ ގޯލުން ލީޑު ނަގާފައި އޮއްވާ ސަސުއޮލޯ އިން ފަހަތުން އަރައި ކުރި ހޯދި އެވެ. އެ ޓީމު ބަލިނުވެ ސަލާމަތްކޮށްދިނީ 68 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީއަކުން ޖެހި ގޯލުންނެވެ.
އިންޓަ އިން ސެންސީރޯގައި ސްޕާލް ބަލިކުރިއިރު ދެ ގޯލް ވެސް ޖެހީ އާޖެންޓީނާގެ ޒުވާން ފޯވާޑް ލައުޓާރޯ މާޓިނޭޒެވެ. ސްޕާލްގެ ހަމައެކަނި ލަނޑު ދެ ވަނަ ހާފުގައި ޖެހީ މަޓިއާ ވަލޯޓީ އެވެ.
އިޓާލިއަން ލީގުގެ ތިން ވަނައިގައި 30 ޕޮއިންޓާ އެކު އޮތީ ރޭ އުދިނޭޒީ އަތުން 3-0 އިން މޮޅުވި ލާޒިއޯ އެވެ. އަދި ހަތަރު ވަނައިގައި އޮތީ ހެލަސް ވެރޯނާ އަތުން 3-1 އިން މޮޅުވި އޭއެސް ރޯމާ އެވެ.
މިދިޔަ އަހަރުތަކުގައި ލީގަށް އެންމެ ބޮޑަށް ވާދަކުރި އަދި މި ސީޒަނުގައި ފޯމުން ކަޓާފައިވާ ނަޕޯލީ ވަނީ ރޭ އަމިއްލަ ދަނޑުގައި ބޮލޯނިއާ އަތުން 2-1 އިން ބަލިވެފަ އެވެ. އެ ޓީމު އޮތީ 20 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. އޭސީ މިލާން ވަނީ ރަށުން ބޭރުގައި ޕާމާ އަތުން 1-0 އިން މޮޅުވެފަ އެވެ. ހަމައެކަނި ގޯލް ފަހު ވަގުތު ޖެހީ ފްރާންސް ފުލްބެކް ތެއޯ ހެނާންޑޭޒް އެވެ. އެ ޓީމު އޮތީ 17 ޕޮއިންޓާ އެކު 11 ވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy