މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ.---
03 އޮކްޓޯބަރ 2016 - 10:32
މެންޗެސްޓާ (އޮކްޓޫބަރު 3) - ސްޓޯކް ސިޓީއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑްގެ ފަރާތުން ފެނުނީ މި ސީޒަނުގައި އެ ޓީމުން ދެއްކި އެންމެ މޮޅު ކަމަށާއި ސްޓޯކް ކޮޅަށް ހަތް ލަނޑު ޖެހުމުގެ ފުރުސަތު ވެސް އޮތް ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ޔުނައިޓެޑް ދަނޑުގައި އިއްޔެ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މޮރީނިއޯ ބުނީ ހިތްހަމަ ނުޖެހެނީ ނަތީޖާއާ މެދު ކަމަށާއި އެހެން ނަމަވެސް ބާކީ ހުރިހާ ކަމެއް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.
"މިއީ ޔުނައިޓެޑް މި ސީޒަނުގައި އެންމެ މޮޅަށް ކުޅުނު މެޗު. ފުރަތަމަ ހާފްގައި އަހަރެމެންނަށް ހަތަރު ލަނޑު ޖެހެންދިޔަ. ދެ ވަނަ ހާފްގައި އިތުރު ތިން ފުރުސަތެއް ލިބުނު. މިއީ ހަތް ލަނޑު ޖެހެންދިޔަ މެޗެއް. އެކަމަކު މެޗުގެ ނަތީޖާ އަކީ 1-1. އެ ހަގީގަތް ގަބޫލުކުރަން ޖެހޭ،" މޮރީނިއޯ ބުންޏެވެ.
އިއްޔެގެ މެޗުން ލިބުނު ޕޮއިންޓާ އެކު ޔުނައިޓެޑް ލީގުގެ ހަތް ވަނައިގައި އޮތީ ހަތް މެޗުން 13 ޕޮއިންޓާ އެކު އެވެ. މޮރީނިއޯ ބުނީ ގައުމީ ޓީމުގެ މެޗުތަކަށް ލީގު މެދުކަނޑާލާއިރު، ޓީމު އޮތް ހާލަތާ މެދު ކަންބޮޑުވާ ކަމަށެވެ.
"އިންޓަނޭޝަނަލް ބްރޭކް މިއައީ. މި އަށް ފަހު ދެން ޔުނައިޓެޑަށް އޮތީ ކޮންމެ ތިން ދުވަހުން ކަހަލަ ގޮތަކަށް މެޗުތައް. މި ވަގުތު ޓީމު އޮތް ހާލަތާ މެދު ހިތްހަމައެއް ނުޖެހޭ. ވަރަށް މަސައްކަތް ކުރަން އެބަޖެހޭ،" މޮރީނިއޯ ބުންޏެވެ.
ލީގުގައި ދެން ޔުނައިޓެޑް ކުޅޭ މެޗުގައި މި މަހު 17 ވަނަ ދުވަހު ރަށުންބޭރުގައި ކުޅޭނީ ލިވަޕޫލާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy