10 ޖެނުއަރީ 2020 - 10:31
ޖިއްދާ، ސައުދީ އަރަބިއާ (ޖެނުއަރީ 10) - ސްޕެނިޝް ސުޕަ ކަޕްގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި ބާސެލޯނާ އަތުން 3-2 އިން މޮޅުވެ އެތުލެޓިކޯ މެޑްރިޑް މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ބައްދަލުކުރާނީ ރެއާލް މެޑްރިޑާއި އެތުލެޓިކޯ އެވެ. މި ދެ ޓީމަކީ މި ފަހަރުގެ މުބާރާތުގައި މިިދިޔަ ސީޒަނުގައި ލީގުގެ ދެ ވަނަ އާއި ތިން ވަނަ ޓީމުގެ ހައިސިއްޔަތުން ކުޅޭ ދެ ޓީމެވެ.
ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެ ޓީމުން ވެސް އެޓޭކްތަކެއް ކުރި ނަމަވެސް ލަނޑެއް ޖެހޭގޮތެއްނުވި އެވެ. އެކަމަކު ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 20 ސިކުންތު ތެރޭ ކޯކޭ ވަނީ އެތުލެޓިކޯ އަށް ލީޑުނަގައިދީފަ އެވެ. އޭގެ ފަސް ވަރަކަށް މިނިޓް ފަހުން އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި ލިއޮނަލް މެސީ ވަނީ ލަނޑެއް ޖަހައި ބާސެލޯނާ އަށް އެއްވަރުކޮށްދީފަ އެވެ.
މެޗުގެ 59 ވަނަ މިނިޓްގައި މެސީ ދެ ވަނަ ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެ ލަނޑު ނުލާން ނިންމީ މެސީ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމުމަށް ފަހު އެވެ. އެކަމަކު އޭގެ ތިން މިނިޓް ފަހުން އެންޓޮއިން ގްރީޒްމަން ވަނީ ބާސެލޯނާ އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދީފަ އެވެ. ލުއިސް ސުއަރޭޒް ބޮލުން ޖެހި ބޯޅަ އެތުލެޓިކޯ ކީޕަރު ޔެން އޮބްލަކް އަތުގައި ޖެހިފައި ލިބުމުން ގްރީޒްމަން ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ޖެރާޑް ޕީކޭ ބާސެލޯނާ އަށް ތިން ވަނަ ލަނޑެއް ޖަހައިދިން ނަމަވެސް އެ ގޯލު ނުލާން ނިންމީ ވީއޭއާރްގެ އެހީ ހޯދައި އޮފްސައިޑް ކަމަށް ބެލުމަށް ފަހު އެވެ.
އެތުލެޓިކޯ އަށް އެއްވަރުކޮށްދިނީ މެޗުގެ 80 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން އަލްވާރޯ މޮރާޓާ އެވެ. މި ޕެނަލްޓީ އަކީ ބާސެލޯނާގެ ކީޕަރު ނެޓޯ އޭރިއާ ތެރެއިން އެތުލެޓިކޯގެ ވިޓޯލޯ އަށް ކުރި ފައުލަކަށެވެ. އެތުލެޓިކޯ މޮޅުކޮށްދިނީ މެޗުގެ 86 ވަނަ މިނިޓްގައި އެންހެލް ކޮރޭއަ ޖެހި ގޯލުންނެވެ.
ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ މެޗުގެ ނަތީޖާ ބަދަލުވީ އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށާއި މިއީ ލިބިފައި އޮތް މެޗެއް ކަމަށެވެ. މުބާރާތުގެ ކުރިން ވަލްވޭޑޭ ވަނީ މިހާރު މި މުބާރާތް ކުޅޭ ފޯމެޓް ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ. ރޭގެ މެޗަށް ފަހު ވެސް އޭނާ ވަނީ އެ ވާހަކަތައް ތަކުރާރުކޮށްފަ އެވެ. އޭނާ ބުނީ ކުރިން ލީގުގެ ޗެމްޕިއަނުންނާއި ކަޕް ޗެމްޕިއަނުންގެ މެދުގައި އެއް މެޗުގެ އުސޫލުން ކުޅޭ ސުޕަ ކަޕަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ވަލްވޭޑޭ ވަނީ މި ނާކާމިޔާބީއާ އެކު ކްލަބްގައި އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މި ސީޒަނަށް ފަހު ވަލްވޭޑޭ ވަކިކުރަން ބާސެލޯނާގެ ބޯޑުން ނިންމާފައިވީ ނަމަވެސް ޗެމްޕިއަންސް ލީގުގެ ނަތީޖާ އަށް ބެލުމަށް ފަހު އެ ނިންމުން އަންނަ ވަގުތަށް ބަދަލުތަކެއް އައުމުގެ ފުރުސަތު ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
.ނިއުމާ
10 January 2020
ވީއޭއާރުޑްރިޑް!
ހަޖަމްގޯސް
11 January 2020
ދެން ނުބައިވަނީ ކެމެރާ ތަކާ .. ވީޑިއޯ ނެގުނު އެންގަލްތަކާ ... ބަލަން ގެންގުޅުނު ލޯތައް ...
އޭނަ
11 January 2020
ހަގީގަތުގައި މެސީ ޖެހި ގޯލްގައި ބޯޅަ ޖެހުނީ އޭނަގެ ކޮނޑުގައި. ރަނގަޅަށް ސްލޯ މޯޝަންގައި ބަލައިލުމުން އެކަން ޔަޤީންވާނެ. ދެން މެސީ ވިޑާލަށް ޕާސްކުރި ބޯޅައިގައި އޭނަ އޮފްސައިޑެއްނޫން. އެތްލެޓިކޯގެ ކުޅުންތެރިޔެއްގެ އަތްއޮތީ ވިޑާލަށްވުރެ ކުރީގައި. ބައެއްފަހަރު ކުޅުންތެރިންގެ އަތުގެ ސަބަބުން އޮފްސައިޑްކަމަށް ދައްކާފައި މިމެޗުގައި އަތް އެއީ އޮފްސައިޑްގައި ބަލާ ގުނަވަނެއްނޫންކަމަށް ހެދީ. މިގޮތަށް ކަންތައްކުރުމުން ގިނަފަހަރު ޓީމެއްގެ މޯރަލް ދަށްވޭ.
މެސީ
12 January 2020
އޮފްސައިޑް ރޫލްގަ އަތަކަށް ނުބަލާނެ. ދެން މޯރަލް ދަށްވާނީ ކީއްކުރަން؟ ބާރސާ ކުޅުންތެރިންގެ މޯރަލް ދަށްވެދާނެތީ އޮފްސައިޑް ލަނޑުވެސް އެލަވް ކުރަން ވެއްޖެއްޔާ ކޮބާތަ ސަލާމަތަކީ؟ އެއް ކޮމެންޓްގަ މިކިޔަނީ 2 ލަނޑު ގަބޫލުނުކުރި ވާހަކަ ނުދައްކާނަމޯ. އަނެއް ކޮމެންޓްގަ ހަމަ އެލަނޑުތަކުގެ ޝަކުވާ
އަސްލު ހަގީގަތް
10 January 2020
މިއީ ފުޓްބޯޅަ. ރޭގަ 80 މިނެޓްވަންދެން ބާސެލޯނާއިން ވަރަށް ރަނގަޅަށް ކުޅުނު. އަދި މުޅި މެޗު ޑޮމިނޭޓްކުރި. އެކަމަކު 10 މިނެޓަށް ކޮންސެންޓްރޭޝަން ގެއްލުވާލުމުން މިމެޗުން ބަލިވީ. އަހަރުމެން ނޫޅެން ބާސާއިން ޖެހި ދެ ގޯލް ވީއޭއާރއިން ޑިސްއެލައުޑްކުރިޔޭ ކިޔާފައި ޝަކުވާކުރާކަށް. ފުޓްބޯޅައިގައި އަބަދުވެސް ނޮކްއައުޓްގައި ކޮންމެވެސް އެއް ޓީމެއް މޮޅުވާނީ. އެތްލެޓިކޯއިން އެމީހުންގެ ގޭމް ކުޅެ އަދި މޮޅަށް ކުޅެގެން ބާސާ ބަލިކުރީ. އެކަމަށް މަރުހަބާ ކިޔަން.
އަލީ އަލީ
10 January 2020
ކެޓީ ކެޓީ!
މެސީގެ ދޮންބެއްޔާ
10 January 2020
ހެވޭ ކެޓިޔަސް. ކެޓިއޭ ކިޔާފަ ހުރިހާ ކަމެއް ނުނިމޭނެ. ބަލާތި