ބާސެލޯނާ އާއި ރެއާލް މެޑްރިޑް ސްޕެނިޝް ކަޕުގައި ކުރިއަށް

މެޑްރިޑް (ޖެނުއަރީ 23) - ސްޕެނިޝް ކަޕުގެ ގަދަ 32 ޓީމުގެ ބުރުގައި ރޭ ބާސެލޯނާ އިން އިބީޒާ އަތުން 2-1 އިން މޮޅުވެ އަދި ރެއާލް މެޑްރިޑުން ޔޫނިއަނީސްޓާސް އަތުން 3-1 މޮޅުވެ ގަދަ 16 ޓީމުގެ ބުރުން ޖާގަ ހޯދައިފި އެވެ.


ތިން ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ އިބީޒާ އިން ވަނީ ރޭގެ މެޗުގެ ނުވަ ވަނަ މިނިޓްގައި ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. އޭރި އާތެރެއިން ހާވީ ޕެރޭޒަށް ލިބުނު ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިފަ އެވެ. އެ ބޯޅަ ހުއްޓުވަން ބާސެލޯނާގެ ކީޕަރު ނެޓޯ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. އޭގެ ފަހުން އިބީޒާ އިން ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލި ނަމަވެސް ލީޑުފުޅާނުކުރެވުނެވެ.

ލިއޮނަލް މެސީ އާއި ޖެރާޑް ޕީކޭ އަށް އަރާމްކުރަން ފުރުސަތު ދިނުމަށް ފަހު ބާސެލޯނާ އިން ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ މެޗުގެ ފަހު 20 މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. ދެ ލަނޑު ވެސް ކާމިޔާބުކުރީ އެންޓޮއިން ގްރީޒްމަން އެވެ. ގްރީޒްމަން މެޗުގެ 72 ވަަނަ މިނިޓްގައި ފުރަތަމަ ގޯލު ޖެހީ އިބީޒާގެ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެގެން ގޮހެވެ. މެޗުގެ އިތުރު ވަގުތުގައި ގްރީޒްމަން، ބާސެލޯނާ މޮޅުކޮށްދިން ގޯލު ކާމިޔާބުކުރީ އޭރިއާގެ އަރިމަތިން ލިބުނު ފުރުސަތެއްގައި ގޯލުގެ ދުރުކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނީ ފުރަތަމަ ހާފުގައި ދަށްކޮށް ދިޔައީ އިބީޒާ އިން ލީޑުނަގައި އިތުބާރާ އެކު އެކު ކުޅެން ފެށުމުން ކަމަށާއި އެހެން ނަމަވެސް ދެ ވަނަ ހާފުގައި ފޯމަކަށް އެޅި ބާސެލޯނާ އިން ތަފާތު ދެއްކި ކަމަށެވެ.

ސްޕެއިނުގެ ތިން ވަަނަ ޑިވިޝަނުގެ ޔޫނިއަނީސްޓާސް އަތުން ރެއާލް މޮޅުވި މެޗުގައި ގަރެތު ބޭލްގެ ގޯލުން ފުރަތަމަ ހާފުގައި ރެއާލުން ލީޑުނެގި އެވެ. އެކަމަކު ދެ ވަނަ ހާފުގައި ކުޅެން އަރައި މެޗުގެ 57 ވަނަ މިނިޓްގައި ޔޫނިއަނީސްޓާސް އިން އެއްވަރުކުރީ އަލްވާރޯ ރޮމޭރޯ ޖެހި ގޯލުންނެވެ. އެކަމަކު އޭގެ ފަސް މިނިޓް ފަހުން ޔޫނިއަނީސްޓާސްގެ ހުއާން ކޮންގޯރާ އަތުން ބައިކޮޅަށް ވަން ގޯލުން ރެެއާލަށް އަލުން ލީޑު ލިބުނެވެ. ރެއާލުގެ ފަހު ގޯލު ޖެހީ މި ސީޒަނުގައި މެންޗެސްޓާ ސިޓީ ދޫކޮށް ރެއާލަށް ބަދަލުވި ބްރާހިމް ޑިއާޒް އެވެ.