ނޭމާ އާއި އެމްބާޕޭ ޕީއެސްޖީގެ ކޯޗާ މައްސަލަ ޖެހިއްޖެ

ޕެރިސް (ފެބްރުއަރީ 2) - ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ދެ ތަރިން ކަމަށްވާ ކީލިއަން އެމްބާޕޭ އާއި ނޭމާ، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލްއާ ދެމެދު މައްސަލަ ޖެހިއްޖެ އެވެ.


ފްރާންސް ލީގުގައި ރޭ ނުވަ ކުޅުންތެރިންނާ އެކު ކުޅުނު މޮންޓެޕިއޭ އަތުން ޕީއެސްޖީ މޮޅުވީ 5-0 އިންނެވެ. މި މޮޅާ އެކު ޕީއެސްޖީ ލީގުގެ އެއް ވަނައިގައި އޮތީ 22 މެޗުން 55 ޕޮއިންޓާ އެކު އެވެ. އެއީ 13 ޕޮއިންޓުގެ ލީޑަކާ އެކު އެވެ.

ރޭގެ މެޗުގެ 68 ވަނަ މިނިޓްގައި އެ ޓީމުގެ ވިންގް އެމްބާޕޭ ބަދަލުކުރުމުން އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އެމްބާޕޭ ބަދަލުކުރި ވަގުތު އޭނާ ނުރުހިފައިހުރުމުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ޓުޗެލް ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

މެޗަށް ފަހު އެމްބާޕޭއާ ބެހޭގޮތުން ސުވާލުކުރުމުން ޓުޗެލް ޖަވާބުދިނީ ވަރަށް ބޮޑަށް ރުޅިގަދަވެފައި ހުރެ އެވެ.

"މިއީ ރަނގަޅަށް ދިޔަ ކަމެއް ނޫން. އެކަމަކު ކުޅުންތެރިޔަކު ބަދަލުކޮށްގެން މިހެންވުމަކީ މި ކްލަބްގައި އެކަނި ހިނގާކަމެއް ނޫން. އަހަރެން އޭނަ އަށް އޮޅުންފިލުވައިދިނިން އޭނާ ބަދަލުކުރީ ކީއްވެގެންކަން. ކުޅިވަރާ ގުޅުން ހުރި ކަންތައްތަކާ ގުޅޭ ނިންމުން ނިންމަނީ އަހަރެން. މިއީ ފުޓްބޯޅަ. ޓެނިހެއް ނޫން. ހުރިހާ ކުޅުންތެރިންނަށް ވެސް އަދި އެންމެނަށް ވެސް އިހުތިރާމް ކުރަންވާނެ،" ކުރިން ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.

ރޭގެ މެޗުގައި އެމްބާޕޭ (ކ) ބަދަލުކުރުމުން އޭނާ ކޯޗު ޓުޗެލް ގާތުގައި ހިތްހަމަނުޖެހުންފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

އަންނަ އަންގާރަ ދުވަހަކީ ނޭމާގެ 28 ވަނަ އުފަން ދުވަހެވެ. އެ ދުވަހު ޕީއެސްޖީން ނޯންޓެސްއާ ދެކޮޅަށް ކުޅޭ މެޗު އޮތުމުން ނޭމާ ވަނީ ގިނަ ފުޓްބޯޅަ ތަރިން ހިމެނޭ ގޮތަށް މިރޭ ޕެރިހުގެ ނައިޓް ކްލަބެއްގައި ބޮޑު ޕާޓީއެއް ބާއްވަން ރާވައިފަ އެވެ.

ސީޒަނުގެ މުހިއްމު ވަގުތެއްގައި ފުޓްބޯޅައިން ބޭރަށް ކުޅުންތެރިންގެ ސަމާލުކަން ދާނެ ކަހަލަ ކަމެއް ކުރުން ރަނގަޅު ނޫން ކަމަށް ބުނެ ނޭމާގެ ޕާޓީ އަށް ވެސް ޓުޗެލް ވަނީ ފާޑުކިޔައިފަ އެވެ. ރޭގެ މެޗުގެ ކުރިން ވެސް ނޭމާގެ ޕާޓީއާ މެދު ޓުޗެލް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

"މިއީ ގޯސް ކަމެއް. އެއީ ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެއް. އަހަރެން އަބަދުވެސް ކުޅުންތެރިން ހިމާޔަތްކުރަން ބޭނުން. މިއީ އެންމެންގެ ތެރޭގައި ދައްކަން ފަސޭހަ ވާހަކަތަކަކަށް ނުވާތީ އަހަރެންގެ ވިސްނުމަކީ މީގެ ޝާމިލުވާ ފަރާތްތަކާ ވަކިން ވާހަކަ ދެއްކުން،" ޓުޗެލް ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީގެ ގިނަ ކުޅުންތެރިން ވަނީ ޓުޗެލްގެ ޝަކުވާ ހިފައިގެން އެ ކްލަބް ޑިރެކްޓަރު ލިއޮނާޑޯ ގާތަށް ގޮސްފަ އެވެ. ކުޅުންތެރިންގެ ޒާތީ ކަންތައްތަކުގެ ކޮންޓްރޯލް ކުރަން ޓުޗެލް މަސައްކަތްކުރާކަމަށް ބުނެ ޕީއެސްޖީގެ ފޯވާޑް އެޑިންސަން ކަވާނީ ވަނީ ތުހުމަތުކޮށްފަ އެވެ.