ފަހަތުން އަރައި މިލާން ބަލިކޮށް އިންޓަ އެއް ވަނަ އަށް އަރައިފި

މިލާން (ފެބްރުއަރީ 10) – ވާދަވެރި އޭސީ މިލާން 2-0 އިން ކުރީގައި އޮއްވާ ފަހަތުން އަރައި 4-2 އިން އެ ޓީމު ބަލިކޮށް އިންޓަ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.


ކުރިން އެއް ވަނައިގައި އޮތް ޔުވެންޓަސް ހޮނިހިރު ދުވަހުގެރޭ ހެލަސް ވެރޯނާ އަތުން 2-1 އިން ބަލިވުމުގެ ފައިދާ ނަގައި އިންޓަ އަށް އެއް ވަނަ އަށް އެރީ 54 ޕޮއިންޓް ހަމަކޮށް ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ. މިހާރު ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ވެސް ޕޮއިންޓް ލިބިފައިވަނީ އެ އަދަދަށެވެ. އަދި ލާޒިއޯ ވަނީ ރޭ ޕާމާ 1-0 އިން ބަލިކޮށް، އިންޓަ އާއި ޔުވެންޓަސްއާ އެއް ޕޮއިންޓް ގާތަށް ޖެހިލައިފަ އެވެ. އެ ޓީމު ތިން ވަނައިގައި އޮތީ 53 ޕޮއިންޓާ އެކު އެވެ.

ސެންސީރޯ ސްޓޭޑިއަމުގައި އިންޓަގެ ހޯމް މެޗެއްގެ ގޮތުގައި ރޭ ކުޅެވުނު މިލާން ޑާބީ މެޗުގައި ފުރަތަމަ ހާފުގައި މިލާނުން މެޗު ކޮންޓްރޯލްކޮށްގެން، މޮޅު ކުޅުމެއް ދެއްކި އެވެ. ފުރަތަމަ ގޯލް 40 ވަނަ މިނެޓުގައި އަންޓް ރެބިޗް ޖެހީ ޒަލަޓާން އިބްރަހިމޮވިޗް ދިން ބޯޅައަކުންނެވެ. އޭގެ ފަސް މިނެޓު ފަހުން އިބްރަހިމޮވިޗް ވަނީ މިލާނަށް ދެ ވަނަ ލަނޑު ޖަހައިދީފަ އެވެ.

އެކަމަކު ދެ ވަނަ ހާފުގައި ފެނުނީ ތަފާތު އިންޓަ އެކެވެ. އެ ޓީމުން ކުޅުން ރަނގަޅު ކުރިއިރު، މިލާނުގެ ފަރާތުން ފެނުނީ ފުރަތަމަ ހާފާ ހިލާފަށް އަމާޒު ގެއްލިފައިވާ ފަދަ ކުޅުމެކެވެ. އޭގެ ފައިދާ ނަގައި އިންޓަ އިން ފުރަތަމަ 10 މިނެޓުގެ ތެރޭ، މާސެލޯ ބްރޮޒޮވިޗާއި މަތިއަސް ވެޗީނޯގެ ލަނޑުތަކުން ނަތީޖާ ހަމަހަމަކުރި އެވެ. އަދި ސްޓެފަން ޑި ވްރައި ވައްދާލި ގޯލުން 70 ވަނަ މިނެޓުގައި ލީޑު ނެގި އެވެ.

އޭގެ ފަހުން ނަތީޖާ ހަމަހަމަކުރަން މިލާނަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު އިބްރަހިމޮވިޗް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ. ނަތީޖާއަކަށްވީ 90 މިނެޓުގައި ރޮމެލޫ ލުކާކޫ އިތުރު ގޯލެއް ޖަހައި އިންޓަ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނުމެވެ.

އޭސީ މިލާނުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ މިއީ ވަރަށް ހާއްސަ ރެޔެއް ކަމަށެވެ. ފުރަތަމަ ހާފުގައި އިންޓަ އޮތީ ވަރަށް އުނދަގުލުގައި ކަމަށާއި އެއީ މި ސީޒަނުގައި މިހާތަނަށް އިންޓަ ތަޖުރިބާނުކުރާ ފަދަ އުނދަގުލެއް ކަމަށް ކޮންޓޭ ބުންޏެވެ. އެއާ އެކު ބޮޑު ތަފާތަކުން ބަލިވުމުގެ ބިރު ވެސް އިންޓަ އަށް އޮތް ކަމަށާއި އެކަމަކު އެނބުރި އައުމަށް އިންޓަ އިން ރަނގަޅަށް މަސައްކަތްކުރި ކަމަށާއި ޕްރެޝަރުން އަރައިގަތުމަށް ކުޅުންތެރިން ކުރި މަސައްކަތާ މެދު އުފާވާ ކަމަށް ކޮންޓޭ ބުންޏެވެ.

މި ނަތީޖާއާ އެކު މިލާން އޮތީ 32 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ. ސީޒަނުގެ ފުރަތަމަ ބައިގައި ނަތީޖާތައް ދަށްވި ނަމަވެސް އާ ކޯޗު ސްޓެފާނޯ ޕިއޮލީއާ އެކު މިލާން އަންނަނީ ނަތީޖާތައް ރަނގަޅުކުރަމުންނެވެ. އެގޮތުން މި މެޗުގެ ކުރިން ކުޅުނު ހަތް މެޗު އެ ޓީމު ވަނީ ބަލިނުވެ ފުރިހަމަކޮށްފަ އެވެ. ދެން އޮތީ އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

މިލާނުގެ ފޯވާޑް އިބްރަހިމޮވިޗް ބުނީ ދެ ވަނަ ހާފުގެ ފުރަތަމަ 15 މިނެޓު ހިފަހައްޓާލަން ވަރަށް މުހިއްމުވާނެ ކަމަށް ކޮންމެ ކުޅުންތެރިޔަކު އަމިއްލަ ނަފްސަށް ބުނި ކަމަށާއި އެކަމަކު އެ 15 މިނެޓުގައި ދެ ގޯލް ބައިކޮޅަށް ވަނީ ކަމަށެވެ. އަދި އެހިސާބުން ކުޅުން ހުއްޓި، އިތުބާރު ގެއްލި، ކުރިއަށް ޖެހުން ހުއްޓި ބޯޅަތައް ކުރިއަށް ޕާސްކުރުން ވެސް ހުއްޓުނު ކަމަށް އޭނާ ބުންޏެވެ.

"އިންޓަ އިން އެއްވަރުކުރި ހިސާބުން ހުރިހާ ކަމެއް ހުއްޓުނީ. އަހަންނަށް ހީވަނީ ވަރަށް ގިނަ ކަންކަން ބިނާވަނީ ތަޖުރިބާއަށް ހެން. އެއީ، ހަމައެކަނި މޮޅުވުމެއް ނޫން، 2-0 އިން ކުރީގައި އޮންނަ މެޗެއް ކޮންޓްރޯލްކުރަން ވެސް އެނގެން އެބަ ޖެހޭ،" އިބްރަހިމޮވިޗް ބުންޏެވެ. "މިއީ ވަރަށް އާދަޔާހިލާފު ކަމެއް. އެއީ އަހަރެމެންގެ ފުރަތަމަ ހާފު އެހާމެ ފުރިހަމަ. ފުރަތަމަ ހާފުގައި އިންޓަގެ ފަރާތުން ނުފެނޭ ދެ ވަނައިގައި އޮންނަ ޓީމެއްގެ ފަރާތުން ފެންނަން ޖެހޭ ކުޅުމެއް. ހާފް ޓައިމަށް ފަހު އެ ޓީމުން ރަނގަޅުކުރީ."