ފީފާ ޓެސްޓުން ފާސްނުވި އެންޑީ (ކ) އާއި ކޫޓް.-- ފޮޓޯ: ސްކައިސްޕޯޓްސް
14 ފެބުރުއަރީ 2020 - 09:41
ލަންޑަން (ފެބްރުއަރީ 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރެފްރީކަން ކުރަމުން އަންނަ އެންޑީ މެޑްލީ އާއި ޑޭވިޑް ކޫޓް ފީފާގެ ފިޓްނަސް ޓެސްޓުން ފާސްނުވުމުން އަލުން ބައިވެރިކުރަން ނިންމައިފި އެވެ.
ފީފާގެ އިންޓަނޭޝަނަލް ޓެސްޓަށް ރެފްރީން ނެގުމަށް ސްޕެއިނުގެ މަޔޯކާގައި ކުރިއަށްދިޔަ ފިޓްނަސް ޓެސްޓްގައި މެޑްލީ އާއި ކޫޓް ބައިވެރިވުމުން އެކަށީގެންވާ ވަރަށް ދެ ރެފްރީން ވެސް ފިޓް ނޫން ކަން އެނގުނެވެ. މަޝްހޫރު ކުޅިވަރު މީޑިއާ ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި އެ ދެ ރެފްރީން ވެސް ފިޓްނަސް ޓެސްޓުން ފެއިލްވީ ބަލިހާލަތު ހުރިގޮތުންނެވެ. އެހެންވެ އަލުން ޓެސްޓް ހަދުވަން ނިންމާފައިވާ ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާގައި ކްރިސްޓަލް ޕެލަސް އަތުން 3-1 އިން އެވަޓަން މޮޅުވި މެޗުގައި ރެފްރީ އަކަށް ހުރީ ކޫޓް އެވެ. އަދި އޭގެ ކުރިން ހަފްތާގައި ޕެލަސްގެ މައްޗަށް 1-0 އިން ޝެފީލްޑް ޔުނައިޓެޑް ކުރިހޯދި މެޗުގައި އިންސާފުކުރީ މެޑްލީ އެވެ.
ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަަންނަ އުމުރުން 36 އަހަރުގެ މެޑްލީ ރެފްރީކަން ފެށީ 2008 ވަނަ އަހަރު އެވެ. އޭނާ ޕްރިމިއާ ލީގުގެ މެޗުތަކުގައި ރެފްރީކަން ކުރަން ފެށީ 2011 ވަނަ އަހަރުން ފެށިގެންނެވެ. މިހާތަނަށް ގިނަ މެޗުތަކެއްގައި އޭނާ ވަނީ ރެފްރީކަން ކޮށްފަ އެވެ. އަދި މި ސީޒަނުގައި ވެސް ގިނަ މެޗުތަކެއްގައި ވަނީ މަސައްކަތްކޮށްފަ އެވެ.
އުމުރުން 16 އަހަރުގައި ރެފްރީ ކޯސް ފުރިހަމަކުރި ކޫޓް އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކުން ފެންނަން ފެށީ 2010 ވަނަ އަހަރު އެވެ. އޭގެ ފަހުން މެދުކެނޑުމެއްނެތި ގިނަ އަހަރުތަކެއް ވަންދެން ރެފްރީކަން ކޮށްފައިވާ ކޫޓް އަށް ވަނީ އިނގިރޭސި އެފްއޭގެ ހިދުމަތުގެ އިނާމެއް ވެސް މީގެ ކުރިން ލިބިފަ އެވެ.
ސަސްޕެންޑްކުރި ރެފްރީ ބޮބީ އަންނަ ސީޒަނުގައި އަލުން ރެފްރީކަން ކުރަން ފަށާނެ.
ނުކުޅެދުންތެރިކަން ހުންނަ މީހަކަށް މަލާމަތްކޮށް ވީޑިއޯއެއް ރައްޓެއްސަކަށް ފޮނުވުމުގެ ކުށުގައި ރެފްރީކަމުން 2018 ވަނަ އަހަރު ދުރުކޮށްފައި ހުރި ބޮބީ މެޑްލީ އަށް އަލުން ރެފްރީކަން ކުރުމުގެ ފުރުސަތު އަންނަ ސީޒަނުން ފެށިގެންދޭން އިނގިރޭސި އެފްއޭ އިން ވަނީ ދާދި ފަހުން ނިންމައިފަ އެވެ. އެ ގޮތުން ބޮބޯ އަލުން ރެފްރީކަން ފަށާނީ އިނގިރޭސި ތިން ވަނަ ޑިވިޝަނާއި ހަތަރު ވަނަ ޑިވިޝަނުގެ މެޗުތަކުންނެވެ. އެ ޑިވިޝަންތަކުގައި ރެފްރީކަން ކުރަމުން އުމުރުން 34 އަހަރުގެ ބޮބީ އަށް ވަނީ އިނގިރޭސި އެފްއޭ އިން ހިންގާ ވޯކްޝޮޕެއްގައި ބައިވެރިވާން އަންގައިފަ އެވެ. އެއީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ހިންގާ ޕްރޮގްރާމްތަކާ ބެހޭގޮތުން މައުލޫމާތުދޭ ބައްދަލުވުންތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy