15 ފެބުރުއަރީ 2020 - 15:29
ލަންޑަން (ފެބްރުއަރީ 15) - ފުޓްބޯޅަ ކުޅުންތެރިން ސޯޝަލް މީޑިއާ ބޭނުންކުރާއިރު ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މޮރިނިއޯ މިހެން ބުނެފައިމިވަނީ ދާދި ފަހުން ޓޮޓެންހަމްގެ ތަރި ޑެލެ އަލީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ސްނެޕްޗެޓްގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް މަލާމަތްކޮށް ކުރި ވީޑިއޯއެއްގެ މައްސަލަ ހޫނުވެފައިވަނިކޮށެވެ.
އެއާޕޯޓެއްގެ ވީއައިޕީ ލޯންޖެއްގައި ފޭސް މާސްކެއް އަަޅައިގެން ހުރެ އަލީ ކުރި މި ވީޑިއޯގައި ކުރިމަތީގައި ހުރި ޗައިނާ މީހަކަށް ކެެމެރާ ދިމާކުރުމަށް ފަހު ކޮރޯނާ ވައިރަހާ ބެހޭގޮތުން އަލީ ވަނީ ވާހަކަތަކެއް ދައްކައިފަ އެވެ. މި ވީޑިއޯ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވައިރަލްވުމުގެ ކުރިން އޭނާ ވަނީ ޑިލީޓްކޮށްލައިފަ އެވެ. އެކަމަކު އެ ވީޑިއޯ ގިނަ ބަޔަކަށް ފެނި އަލީ އަށް ފާޑިކިޔުންތައް އަމާޒުވާން ފެށުމާ އެކު އޭނާ ވަނީ ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ވެއިބޯގައި އެ ގައުމުގެ މީހުންނަށް ހާއްސަކޮށް މައާފަށް އެދި ވީޑިއޯ އެއް ޕޯސްޓުކޮށްފަ އެވެ.
މި މައްސަލަ މިހާރު އިނގިރޭސި އެފްއޭ އިން ވެސް ބަލަމުން އަންނައިރު މޮރީނިއޯ ވަނީ އަލީ ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ.
"އަލީ އަށް ދިމާވީ ޒުވާން ކުދިންނަށް ވެސް ދިމާވާ މައްސަލައެއް. އަހަންނަށް ޔަގީން އަލީ ވެސް މީހަކަށް ގެއްލުމެއް ދޭން ކުރި ކަމެއް ނޫން އެއީ. އެކަމާ އޭނަ (އަލީ) ދެރަވެފައި ހުރި މިންވަރު އަހަންނަށް ފެނުނު. ޔަގީނުން ވެސް އަލީ އެކަން ކުރީ ނަސްލީ ތަފާތު ކުރުމަކަށް (ރޭސިޒަމް) އަށް ހިތްވަރު ދޭކަށް ނޫން،" މޮރީނިއޯ ބުންޏެވެ.
"މިހާރު ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ވަރަށް ވިސްނަންޖެހޭ. އާންމު މީހަކާއި މަޝްހޫރު މީހެއް ސޯޝަލް މީޑިއާގައި އުޅެންޖެހޭ ގޮތް ތަފާތު. އަހަރެން އެދެނީ ހާއްސަކޮށް ފުޓްބޯޅަ ކުޅުންތެރިން މި ކަމުގައި ވަރަށް ސަމާލުވާން. އެއީ މި ކަންތައް ވަރަށް ގޯސް ހާލަތަކަށް މިހާރު އެބަދޭ."
މޮރީނިއޯ ބުނީ އަލީއާ އެންމެ އުމުރެއްގެ ފިރިހެން ދަރިއެއް އޭނާގެ ވެސް ހުންނަ ކަމަށާއި ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ސަމާލުވާން އޭނާ އަށް ވެސް އަންގާފައިވާނެ ކަމަށެވެ.
ނަސްލީ ތަފާތު ކުރުމުގެ މައްސަލައެއްގައި ދާދި ފަހުން މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ ކުރި ވީޑިއޯއަކާ ގުޅިގެން އޭނާ އަށް ވަނީ އަދަބުދީފަ އެވެ. މި ވީޑިއޯ މައްސަލައިގައި އަލީ އަށް ވެސް އަދަބުދޭން ޖެހޭނެ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ބެނާޑޯ ސިލްވާ އަށް އެއް މެޗުގެ ސަސްޕެންޝަނެއް އައީ އޭނާގެ ޓީމުގެ ކުޅުންތެރިޔަކަށް ނަސްލީ ގޮތުން ޖޯކު ޖެހި މައްސަލައެއްގައި ކަމަށްވާއިރު، އަލީގެ މި ވީޑިއޯގައި މަލާމާތް އަމާޒުވަނީ މާ ބޮޑު ކަމަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy