މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އަލީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
10 ފެބުރުއަރީ 2020 - 09:35
ލަންޑަން (ފެބްރުއަރީ 10) - މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅުވައިގެން ޗައިނާ މީހެއް ހިމެނޭ ގޮތަށް މަލާމަތްކުރުމުގެ ގޮތުން ޓޮޓެންހަމް ހޮޓްސްޕާސްގެ މިޑްފީލްޑަރު ޑެލޭ އަލީ ސްނެޕްޗެޓްގައި ކުރި ވީޑިއޯއަކާ ގުޅިގެން ގިނަ ބަޔެއްގެ ނުރުހުން އޭނާ އަށް އަމާޒުވެއްޖެ އެެވެ.
އެއާޕޯޓެއްގެ ވީއައިޕީ ލޯންޖެއްގައި ހުރެ އަލީ ކޮށްފައިވާ މި ވީޑިއޯގައި އޭނާ ހުރީ ފޭސް މާސްކެއް އަޅައިގެންނެވެ. އަދި އެ ވީޑިއޯގައި ކުރިމަތީގައި ހުރި ޗައިނާ މީހަކަށް ކެެމެރާ ދިމާކުރުމަށް ފަހު ކޮރޯނާ ވައިރަހާ ބެހޭގޮތުން އަލީ ވަނީ ވާހަކަތަކެއް ދައްކައިފަ އެވެ. އެ ވީޑިއޯ އިން ޗައިނާ ބަޔަކު ވާހަކަ ދައްކާ އަޑުއިވެ އެވެ. މި ވީޑިއޯ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވައިރަލްވުމުގެ ކުރިން އޭނާ ވަނީ ޑިލީޓްކޮށްލައިފަ އެވެ. އެކަމަކު އެ ވީޑިއޯ ގިނަ ބަޔަކަށް ފެނި އަލީ އަށް ފާޑިކިޔުންތައް އަމާޒުވާން ފެށުމާ އެކު އޭނާ ވަނީ ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ވެއިބޯގައި މައާފަށް އެދި ވީޑިއޯ އެއް ޕޯސްޓުކޮށްފަ އެވެ.
އުމުރުން 23 އަހަރުގެ އަލީ ބުނީ އޭނާ ކުރި ވީޑިއޯއާ ގުޅިގެން މާފަށް އެދޭ ކަމަށާއި ކުރެވުނީ ގޯސްކަމެއްކަން އެނގުމާ އެކު އަމިއްލަ ކުށް ގަބޫލުކޮށް އެ ވީޑިއޯ ފޮހެލާފައިވާނެ ކަމަށެވެ.
"އެއީ (އެ ވީޑިއޯ ކުރުމަކީ) އެއްގޮތަކަށް ވެސް މަޖާކަމެއް ނޫން. އަހަންނަށް މި ކުރެވުނު ކަމަކުން އަަހަރެންގެ ސަޕޯޓަރުންނާ ކްލަބް ވެސް މާޔޫސްވާން ޖެހިއްޖެ. މިއީ އަހަރެން ބޭނުންވާ ގޮތެއް ނޫން. ކުރެވުނު ކުށަށް މާފަށް އެދެން. އަހަރެން ބޭނުމެއް ނޫން މީހުން އަހަންނާ މެދު ގޯސް ނަޒަރަކުން ދެކެން،" އަލީ ބުންޏެވެ.
އިންގްލެންޑްގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ އަލީ ބުނީ ޗައިނާ މީހުންނަށް އަބަދުވެސް އޭނާ ހެޔޮއެދޭ ކަމަށެވެ.
"މިއީ (ކޮރޯނާ ވައިރަސް) އަކީ ޖޯކު ޖަހަންޖެހޭ ކަމެއް ނޫން. އަހަރެންގެ ހެޔޮ ދުއާ އޮތީ ޗައިނާ މީހުންނާއި އެ ގައުމުގައި ދިރިއުޅޭ އެހެން މީހުންނާ އެކު،" އަލީ ބުންޏެވެ.
އަލީގެ މި ވީޑިއޯ އަކީ ނަސްލީ ތަފާތު ކުރުމަށް ވެސް ހިތްވަރު ލިބޭ ފަދަ ވީޑިއޯއެއް ކަމަށާއި މި މައްސަލަ ތަހުގީގުކުރަން ޖެހޭ ކަމަށް އިނގިރޭސި ބައެއް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. އަދި ދާދި ފަހުން މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ ކުރި ވީޑިއޯއަކާ ގުޅިގެން އޭނާ އަށް ސަސްޕެންޝަނެއް އައިސްފައިވާއިރު، މި ވީޑިއޯއާ ގުޅިގެން އަލީ އަށް ވެސް އަދަބެއް އަންނަން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އަލީގެ މި ވީޑިއޯގެ މައްސަލައިގައި މިހާތަނަށް ޓޮޓެންހަމާއި އިނގިރޭސި އެފްއޭ އިން ބަހެއް ބުނެފައިނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެލޭ
10 February 2020
މީ މާ ފޮނި ބޮޑުވެގެން އުޅޭ، ދަނޑުމަތީގައިވެސް ގިނައިން ކާރޑް ލިބޭ މީހެއް!