ލަނޑު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
23 ފެބުރުއަރީ 2020 - 09:11
މެޑްރިޑް (ފެބްރުއަރީ 23) - ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭ އަތުން 1-0 އިން ރެއާލް މެޑްރިޑް ބަލިވުމުން އަމިއްލަ ދަނޑުގައި 5-0 އިން އެއިބާ ބަލިކުރި ބާސެލޯނާ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ބާސެލޯނާ ރޭ މެޗު ކުޅުނީ ރެއާލް އަށް ވުރެން ކުރިންނެވެ. އެ ޓީމު ފުރުސަތުގެ ބޭނުންހިފައި އެއް ވަނަ އަށް އެރީ 25 މެޗުން 55 ޕޮއިންޓް ހަމަކޮށްގެންނެވެ. އަލުން އެއް ވަނަ އަށް އަރަން ރެއާލުން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އެ ޓީމު މި ވަގުތު އޮތީ 25 މެޗުން 53 ޕޮއިންޓާ އެކު ލީގުގެ ދެ ވަނައިގަ އެވެ.
އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް ލަނޑެއް ނުޖެހި ދިޔަ ނަމަވެސް އޭނާ ވަނީ ރޭގެ މެޗުގެ 40 މިނިޓް ތެރޭ ހެޓްރިކެއް ހަދައިފަ އެވެ. އޭނާ ހަތަރު ވަނަ ގޯލު ޖެހީ 87 ވަނަ މިނިޓްގަ އެވެ. އަދި ބާސެލޯނާގެ ފަހު ގޯލު ޖެހީ ބްރެޒިލްގެ މިޑްފީލްޑަރު އާތޫރު މެލޯ އެވެ. އިމަޖެންސީ ޓްރާންސްފާއެއްގެ ގޮތުގައި ގެނައި ޑެންމާކްގެ ފޯވާޑް މާޓިން ބްރާތުވެއިޓް ވަނީ ރޭގެ މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ރޭގެ މެޗުގައި މެސީ ޖެހި ގޯލުތަކާ އެކު ފުޓްބޯޅަ ކެރިއަރުގައި (ކްލަބާއި ގައުމީ ޓީމަށް) އޭނާ ބައިވެރިވެގެން ޖެހި ގޯލުގެ އަދަދު ވަނީ 1001 އަށް އަރައިފަ އެވެ. އަދި ރޭގެ މެޗުގައި މެސީ ހެދީ ލީގުގައި އޭނާގެ ފަރާތުން ފެނިގެންދިޔަ 36 ވަނަ ހެޓްރިކް އެވެ.
ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނީ މެސީ ފަދަ ކުޅުންތެރިޔަކަށް ކޯޗުކޮށްދިނުމަކީ ވެސް އޭނާ އަށް ލިބޭ ފަހުރެއް ކަމަށާއި މި މެޗުގައި މެސީގެ ފަރާތުން ފެނުނު ކުޅުމާ އެއް ވަރަށް ދެން ލިބޭ ހިތްހަމަޖެހުމަކީ ދާދި ފަހުން ޓީމާ ގުޅުނު ބްރާތުވެއިޓު ދެއްކި ރަނގަޅު ކުޅުން ކަމަށެވެ.
ރޭގެ މެޗުގެ ތެރެއިން ހަޒާޑް (ކ) އާއި ޒިދާން ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ
ރޭގެ މެޗުން ލެވަންޓޭ މޮޅުކޮށްދިން ލަނޑު ޖެހީ މެޗު ނިމެން 11 މިނިޓަށް ވެފައި ހުއްޓައި ހޯސޭ ލުއިސް މޮރާލޭސް އެވެ. ލީގުގައި މިދިޔަ އޮކްޓޫބަރު މަހުގެ ފަހުން ފުރަތަމަ ފަހަރަށް ބަލިވުމުގެ އިތުރުން ރޭގެ މެޗުގައި ދެން ރެއާލަށް ކުރިމަތިވި އަނެއް މައްސަަލަ އަކީ އެޑެން ހަޒާޑަށް އަނިޔާވުމެވެ. މި ސީޒަނުގައި ރެއާލާ ގުޅުމަށް ފަހު ފުލުފުލުގައި އަނިޔާގެ މައްސަލަ ކުރިމަތިވަމުން އަންނަ ހަޒާޑަށް ރޭގެ މެޗުގައި އަނިޔާވެގެން ބަދަލުކުރަން ޖެހުނީ ދެ ވަނަ ހާފުގަ އެވެ.
ހަޒާޑަށް އަނިޔާވިއިރު ރެއާލަށް ކުރިމަތީގައި ދެން އޮތީ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ސީޒަނުގައި މިހާތަނަށް ވަރަށް ގިނަ ރަނގަޅު ކަންތައްތަކެއް ކޮށްފައިވަނިކޮށް ކުއްލިއަކަށް މި މެޗުގައި ދިމާވި މި ދެ ކަންތަކުގެ ސަބަބުން ސީޒަނުގެ މުހިއްމު ހިސާބެއްގައި އެ ޓީމަށް ޕްރެޝަރު ބޮޑުވެފައިވާ ކަމަށެވެ.
"ފެންނަ ފެނުމަށް ހަޒާޑްގެ މި އަނިޔާގެ މައްސަލަ ރަނގަޅެއް ނޫން،" ޒިދާން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިސޭ
23 February 2020
ބާރސާއަށް ލީގު ލިބެން އޮތީ ކައްޕަޅި ޓީމުތައް އަތުން ރެއާލް ބަލިވެގެން ވީމާ ލީގު ވަރުގަދަވޭ..
ނޭމަރ
23 February 2020
އަންނި.. ބަލަ ލަލީގާ ވަންހޯރސް ރޭސްއަކަށް ވަނީ މެސި ހުރީމައޭ.. މެސީ ނެތް ދުވަހަކުން މަންޒަރު ތަފާތުވާނެ.
ނަގިއްޔާ
23 February 2020
ބާސާއިން ކުޅުންތެރިން ގެނައުމުގަ ކޮންގޮތަކަށްބާ ބަލަނީ؟ ޑެންމާކްގެ ފޯވާޑް މާޓިން ބްރާތުވެއިޓް އެއީ ސީޒަން ފެށި އިރު އިގިރޭސި ޗެންޕިއަން ސީޕުގެ މިޑްސްބަރަށް ( އަނެއްހެން ބުނާނަމަ ދެވަނަ ޑިވިޝަނަށް) ކުޅެމުން އައި ކުޅުުންތެރިއެއް، އެމީހުން ބޭނުންނުވެގެން އެއްލާލީމަ ސްޕޭންގެ ލެގަނޭސް އަށް ބަދަލުވީ، އެކަމަކު މިހާރު ބާސާގަ. ހުވަފެން އަސްލުވެސް ހަގީގަތަކަށް! ދިވެހި ކުޅުންތެރިންވެސް ޕޯނު ކައިރީ ތިބެންވީ ކަންނޭގޭ، ހަމަ ރަގަޅު ގޮތެއް ވެދާނެ.
އަންްނި
23 February 2020
މޮޅު ލީގު ނޫނީ ވަން ހޯސް ރޭހުގެ ކުރި ބާރސާ ހޯދާތާ މިހާރު 3 ވަނަ އަހަރު. 2008 އިން ފެށިގެން އެހެން ޓީމަކަށް ލީގު ލިބިފައިވަނީ އެންމެ 3 ފަހަރު. އޭގެ ތެރެއިން 2 ފަހަރު ރެއާލް، އަނެއް ފަހަރު އެތްލެޓިކޯ. 2012 އިން ފެށިގެން މިތިން ޓީމު ފިޔަވާ އިތުރު ޓީމަކަށް ލީގުގެ ގަދަ 3 ލިބިފައެއް ނުވޭ.
ރަދީފް
23 February 2020
1 ހޯސް ރޭސް އެއީ ކޮން ލީގެއްކަން ރަނގަޅަށް ލޯ ހުޅުވައިގެން ބެލީމަ ފެންނާނެ.ބާސާ ، ރެއާލް އަދި އެތުލެޓިކޯ ނޫން ކްލަބަކަށް ލީގް ނުލިބުން އެއީ އެ ކްލަބްތަކުގެ މައްސަލައެއް ނޫން ދޯ.
ފުއްލާދުލި
23 February 2020
ބާސާގަ މުޅި ދުނިޔޭގަ ތިބި މޮޅު ހުރިހާ ފޯވަޑުން ގެނެސް، ވަރަށް ބޮޑު ހަރަދެއް ކޮށްގެން ހިންގާ ކުލަބެއް. މިވަރުން މޮޅުނުވިއްޔާ ދެރަ. ފީފާއާއި ޔޫއެފާގެ ހާއްސަ އިނާޔަތުގެ ދަށުން ދުނިޔޭގެ ފުޓުބޯޅައިގަ ހަމައެކަނި ކުޅޭ ޓީމަކީވެސް ބާސެލޯނާކަންވެސް ހަނދާންކޮށްލަން ޖެހޭ.
ފުއްލާބެ
23 February 2020
ބަލަ ލާރި ހުރިއްޔާ ރެއާލުން ވެސް ކުޅުންތެރިން ގަންނަންވީނު. އެއީ ބާސާއަށް އެކަނި އޮތް ކަމެއް ނޫން. ބަލިވީމާ ބަލި ޤަބޫލު ކުރުމަކީ ރީތި ގޮތެއްކަން ދަނެބަލަ
އޭނަ
23 February 2020
ފުއްލާ ދުލިޔަށް. ދޮންކަލޯ ކޮން އިރަކުން ފީފާ އަދި ޔުއެފާގެ ޚާއްޞަ އިނާޔަށް ބާސާޔަށް ލިބުނީ. އަހަންނަށް ޔަޤީންވާކަމަކީ ލަލީގާގެ ރައީސަކީ ރިއަލް މެޑްރިޑްގެ ސަޕޯރޓަރެއްކަން. އަދި އޭނަ ބާސެލޯނާޔަށް ލީގު ނުލިބޭނެ އެތައް ގޮތަކުން މަސައްކަތްކޮށްގެންވެސް ފެއިލްވެފައިހުރިކަން. ވީއޭއާރ އައުމުން ޗީޓް ހަދާ ޓީމްތަކަށް މިހާރު ގެއްލުން އެދައްކަނީ. ދެން އަހަރަކު އެއް ބިލިޔަން ޑޮލަރަށްވުރެ ބޮޑު އާމްދަނީޔެއް ލިބޭ ކްލަބެއްގެ ވާހަކަ ތިޔަ ދައްކަނީ.
ލެއްގި ކޮމިޝަނަރ
23 February 2020
ވަން ހޯސްރޭހަކީ އެއްވަނާގަ އޮންނަޓީމް 20 ޕޮއިންޓް 23 ޕޮއިންޓް ކުރީގަ އޮންނަ ލީގު. އެއީ ކައްޕަޅިލީގު (ޔައުނީ ކަޅުގައިސާ ދޮންނަލީގު) ނަމުން ވަރުގަދަ ލީގު އެކަމަކު ގައުމީޓީމަށް ދުވަހަކުވެސް ޔޫރޯ ނުލިބޭތާ ފައިނަލަށްވެސް ނުދެވޭ.
ރަދީފް
23 February 2020
މަރުހަބާ ބާސާ.ސާބަހޭ ލެވަންޓޭ.ލެވަންޓޭގެ ތިޔަ އެހީތެރިކަން އެއީ މަމެން ބާސާ ފޭނުން ވަރަށް އުފާކުރާކަމެއް.އަންނަ މާރިޗު މަހުގެ 02 ވަނަ ދުވަހު ކުޅެވޭ އެލްކްލެސިކޯ މެޗް އެއީ ޓޭބަލްގަ ކުރިއަށް ދާން 02 ޓީމަށް ވެސް ވަރަށް މުހިންމު މެޗަކަށް ވާނެ.ބާސާ އަދި ރެއާލް ބައްދަލުކުރާ މެޗު އެއީ ފޯރިގަދަ މެޗަކަށް ވާނެކަން ކަށަވަރުވެ ޔަގީންވޭ..ވވެދުން.#ވިސްކައެލްބާސާ #ޕުތަމެޑްރިޑް #ފެރޯސްމެޑްރިޑް #ޙޮދާމެޑްރިޑް